ހަތްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ދެ ބަޔަކުން އެމްޕީއެލް ތަށި އުފުލާލިއިރު، އެއަރޕޯޓްސް އާއި އިމިގްރޭޝަން ވެސް ޗެމްޕިއަންކަން ހޯދައިފިއެވެ.
އެމްޕީއެލް އިން ވަނީ ފިރިހެނުންގެ ފުރަތަމަ ޑިވިޝަނާއި، އަންހެން ބައިގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގެ ފިރިހެނުންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެއަރޕޯޓުން ހޯދިއިރު. އަންހެން ބައިގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.
ގައުމީ ހޭންޑްބޯޅަ ގްރައުންޑްގައި ރޭ ކުޅުނު ދެވަނަ ޑިވިޝަނުގެ އަންހެން ބައިގެ ފައިނަލްގައި އެމްޕީއެލް އިން ވަނީ 15-13 އިން ވެމްކޯ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒަން ޒަރީރު އެވެ.
ރޭ ކުޅުނު ދެވަނަ ޑިވިޝަނުގެ ފިރިހެން ބައިގެ ފައިނަލްގައި އެމްޑަބްލިއުއެސްސީ އަތުން އެއަރޕޯޓް މޮޅުވީ އިތުރުވަގުތު ކުޅެގެން 19-20 އިންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 15-15 އިން އެއްވަރުވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޑަބްލިއުއެސްސީގެ އަހުމަދު ރަޒުނީ މުހައްމަދު އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ފައިނަލްގައި 46-12 އިން އައިޖީއެމްއެޗް ބަލިކޮށްގެންނެވެ. މިއީ އިމިގްރޭޝަނުން މިބައިގެ ޗެމްޕިއަންކަން ހޯދީ ހަތްވަނަ ފަހަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ނަޝްފާ އާމިރު އެވެ.
ފުރަތަމަ ޑިވިޝަނުގެ ފިރިހެން ބައިގެ ފައިނަލްގައި އެމްޕީއެލް ވަނީ 30-21 އިން ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފަސްވަނަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އަހުމަދު ޝާނީޒް އެވެ.
މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގައި ހަތަރު ޓީމާއި، ފިރިހެން ބައިގައި ތިން ޓީމެއް ބައިވެރިވެފައިވެއެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ބައިގައި 21 ޓީމެއް ވާދަކުރިއިރު، މި ޑިވިޝަނުގެ ފިރިހެން ބައިގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ.
