"ކޮފީ ވިތް ކަރަން"ގެ 8 ވަނަ ސީސަންގެ ފުރަތަމަ އެޕިސޯޑްގައި ރަންވީރް ސިންގ އަދި ދިޕިކާ ޕަޑޫކޯން ވަނީ އެދެމީހުންގެ ކައިވެނީގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. އޭގެތެރޭގައި އެންމެންނަށް ވަގަށް ރާއްޖޭގެ ތުނޑިއެއްގައި ޕްރޮޕޯޒްކޮށް، އެންގޭޖްވީ ވާހަކަވެސް ކިޔައިދިނެވެ.
" އަހަރެން، ދިޕިކާގޮވައިގެން ރާއްޖެއައިސް އަހަރެމެންގެ ރިސޯޓުން ހަމަޖައްސައިދިން ސޭންޑްބޭންކްއަަކަށް ދާންގޮތަށް، ރިހިކުލައިގެ ވެލިގަނޑެއް ކަނޑުމެދުގައި ދަމާލާފައިވާހެން އޮތް އެރީތި ފަސްގަނޑުން ވަށައިގެން ނިމުމެއްނެތް ކަނޑުފިޔަވައި އެހެންތަނެއް ފެންނާކަށްނެތް ، އަހަންނާއި ދިޕިކާއެކަނި އެތާގައި ތިބީ، އަަހަރެން ހިތަށް އެރި މިއީ އޭ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ، އެހެންވެ ރިންގުވެސް ހިފައިގެން ދިޔައީ ޕްރޮޕޯޒް ކުރަން " ރަންވީރް، ކަރަން އަށް ކިޔައިދިނެވެ.
މިދެތަރިން ލޯބީގެ ގޮތުން ގުޅިފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ރާމްލީލާގެ ޝޫޓިންގ ގެތެރެއިންނެވެ. ރަންވީރް ހާމަކުރިގޮތުގައި ހަޔާތުގެ ބައިވެރިޔާ އަށް އެންމެ ރަނގަޅު ޗޮއިސްއަކީ ދިޕިކާ ކަން 6 މަސްވަންދެން ރައްޓެހިވެގެން ހޭދަކުރި ދުވަސްތަކުގައި ހާމަވުމުން އަވަހަށް އިންނަން އެހީއެވެ.
ރަންވީރް ބުނިގޮތުގައި ރަންވީރްގެ މަންމަ އަދި ދައްތަވަނީ ދިޕިކާ ކައިރީ ކައިވެނި ކުރަން އެހުމުގެ ކުރިން ދިޕިކާގެ މައިންބަފައިން ކައިރިން ނާހަންތޯ ސުވާލުކޮށްފައެވެ. ނަމަވެސް، ރަންވީރް ބުނިގޮތުގައި އޭނާ ކައިވެނި ކުރަން ނިންމީ މައިންބަފައިންނަށް ނޫންކަމަށާއި ، ދިޕިކާއަށް ކަމަށް ވާތީވެ އެންމެ ފުރަތަމަވެސް ބޭނުންވީ ދިޕިކާ ކައިރިން އަހަން ކަމަށް ހާމަކޮށްފައެވެ.
2018 ވަނައަހަރު ރަންވީރް އަދި ދިޕިކާ ކައިވެނި ކުރިއިރު ވަނީ ދެހަފްލާއެއް ވަރަށް ކުލަގަދަކޮށް ބާއްވާފައެވެ. މިދެމަފިރިންގެ ކައިވެނީގެ ވީޑިއޯ ވަނީ ފުރަތަމަ ފަހަރަށް "ކޮފީ ވިތު ކަރަން" ޝޯ މެދުވެރިކޮށް އާންމުންނަށް ދައްކާލާފައެވެ.
