ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ މޮޅުވިއިރު، ޕީއެސްޖީ އަތުން އޭސީ މިލާން ބަލިވެއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ޝަހުތަރު ޑޮނެސްކް އަތުން މޮޅުވީ 2-1 އިންނެވެ. ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން 1-3 އިން ސިޓީ މޮޅުވިއިރު، ޕީއެސްޖީން ވަނީ 3-0 އިން މިލާން ބަލިކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ޝަހުތަރު އޮތީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ރޯޔަލް އެންޓްވާޕް އަށް ޕޮއިންޓެއްނުލިބެއެވެ.

ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ 28 ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 8 މިނެޓުފަހުން، ބާސެލޯނާގެ ދެވަނަ ލަނޑުޖަހައިދިނީ ފާމިން ލޮޕޭޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޓޮރޭސް އެވެ. މިއީ ބާސެލޯނާ އަށް ލޮޕޭޒް ޖަހައިދިން ދެވަނަ ގޯލެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ބާސެލޯނާ ކުރީގަ އޮވެގެންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފާމިން ލޮޕޭޒް ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭއެފްޕީ

މި މެޗުގައި ޝަހުތަރުން ޖެހި ހަމައެކަނި ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިއޯޖިއީ ސުޑަކޯވް އެވެ. މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ބާސެލޯނާގެ އެޓޭކްގައި ފަހަކަށްއައިސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޕޯޗުގަލްގެ ފޯވާޑް، ޖޮއާއޯ ފެލިކްސް އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ މާކް ގީއޫ އެވެ. 

މި ގްރޫޕްގައި ހިމެނޭ ޕޯޓޯ ވަނީ ރަށުން ބޭރުގައި އެންޓްވާޕް އަތުން 4-1 އިން މޮޅުވެފައެވެ. މި މެޗުގައި ޕޯޓޯގެ އެވަނިލްސަން ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ސްޓެފަން އިއުސްޓަކުއިއޯ އެވެ. އެންޓްވާޕްގެ ހަމައެކަނި ލަނޑުޖެހީ އަލްހަސަން ޔޫސުފް އެވެ.

ޔަންގް ބޯއީސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި މެނުއެލް އަކަންޖީގެ ގޯލުން ސިޓީ ލީޑްނަގައިފައިވަނިކޮށް، އޭގެ ހަތަރު މިނެޓުފަހުން ޔަންގް ބޯއީސް އަށް އެއްވަރުކޮށްދިނީ މެޝަކް އެލިއާ އެވެ. އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީގެ ނޯވޭ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެ ޓީމަށް އަލުން ލީޑްނަގައިދިންއިރު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ރޮޑްރީ ދިން ބޯޅައަކުން ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ހާލަންޑް އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުން އާރްބީ ލީޕްޒިގު މޮޅުވީ ވެސް 3-1 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑޭވިޑް ރައުމް، ޒަވީ ސިމޮންސް އާއި ޑަނީ އޮލްމޯ އެވެ. މި މެޗުގައި ރެޑް ސްޓާގެ ހަމައެކަނި ލަނޑުޖެހީ މާކޯ ސްޓަމެނިޗް އެވެ.

ޕީއެސްޖީގެ ކިލިއަން އެމްބާޕޭ (ކ) އޭސީ މިލާންގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާއެކު ގްރޫޕް ޖީ ގައި ހިމެނޭ ސިޓީ އޮތީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ތިން މެޗުން ހޯދީ ނުވަ ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އާރްބީ ލިޕްޒީގު އޮތްއިރު، ތިންވަނައިގައި އޮތް ޔަންގް ބޯއީސް އާއި ފުލުގައި އޮތް ރެޑް ސްޓާ ބެލްގްރޭޑް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޕީއެސްޖީގެ ދަނޑުގައި މިލާން އަތުން މޮޅުވި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި ރެންޑަލް ކޯލޯ މުއާނީ އަދި ކަންގް-އިން ލީ އެވެ. މި ދެ ޓީމާއެކު ގްރޫޕް އެފްގައި ހިމެނޭ ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވީ 1-0 އިންނެވެ. މިއާއެކު، މި ގްރޫޕުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ޑޯޓްމަންޑް އޮތްއިރު، ތިނެއްގައި އޮތް ނިއުކާސަލް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ފުލުގައި އޮތް މިލާނަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް އީ ގައި ހިމެނޭ ސެލްޓިކްގެ ދަނޑުގައި 2-2 އިން ވަނީ އެތުލެޓިކޯ މެޑްރިޑާ އެއްވަރުވެފައެވެ. މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ފެޔަނޫޑުން ވަނީ 3-1 އިން ލާޒިއޯ ބަލިކޮށްފައެވެ.