. ހަންގަނޑުގެ ކުލަ!
އެކި އިންސާނުންގެ ހަންގަނޑުގެ ކުލަ ތަފާތު ވާނެއެވެ. މިގޮތަށް ހަންގަނޑުގެ ކުލަ ތަފާތުވުމުގައި މައިގަނޑު 3 ކަމެއް ވެއެވެ. އޭގެތެރެއިން އެއް ކަމަކީ ހަންގަނޑުގައި ހުންނަ މެލާނިން ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ ހަންގަނޑަށް ވެރިކުރުވާ ކުލަ ގަދަކޮށް މަޑުކޮށް ދައްކުވައިދޭ މާއްދާއެވެ. މި މާއްދާ ހަންގަނޑުގައި ގިނަ ނަމަ، ހަމުގެ ކުލަ ކަޅުވާނެއެވެ. ހަންގަނޑުގައި މި މާއްދާ އުފެދެނީ ހަންގަނޑުގައި ހުންނަ މެލެނޯސައިޓްސް ނަމަކަށް ކިޔާ ހަތާތަކެއްގެ ހަރަކާތްތެރިވުމަކުންނެވެ. މި މެލާނިންގެ މައިގަނޑު އެއް މަސައްކަތަކީ ހަންގަނޑަށް ކުލަ ގެނެސްދިނުމެވެ. މީގެ އިތުރުން އިރުގެ ދޯދިތަކުން އަންނަ ނުރައްކާތެރި އަލްޓްރާ ވައިލެޓްގެ ދޯދިތަކުން ހަށިގަނޑު ހިމާޔަތްކޮށްދިނުމަށްވެސް މި މާއްދާ އެހީތެރިވެދެއެވެ.
ހަންގަނޑަށް ކުލަ ގެނެސްދޭ އަނެއް މާއްދާއަކީ ކެރޮޓީން ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ ރީނދޫ ކުލައެއްގައި ހުންނަ މާއްދާއެކެވެ. ހަންގަނޑުގައި ހުންނަ ދޮންކަން ނިސްބަތް ކުރެވެނީ މި މާއްދާއަށް ކަމަށް ބުނެވެއެވެ. މި މާއްދާ ހަންގަނޑުގައި އަށަގަންނަ މިންވަރުގެ މައްޗަށް ބިނާކޮށް ހަމުގެ ކުލަ ތަފާތުވެދެއެވެ.
އިންސާނާގެ ހަމުގެ ކުލަ ބަޔާންކޮށްދޭ އަނެއް ކަމަކީ ހަންގަނޑުގެ ތެރެއިން ފާޅުވާ ލޭގެ ރަތްކުލައެވެ. މިއީ ހަންގަނޑުގެ ތެރޭގައްޔާއި ހަންގަނޑުގެ ދަށުގައި ހުންނަ ލޭ ހޮޅިތަކުގެ ތެރޭގައި ދައުރުވާ ލޭގެ ކުލަ، ހަންގަނޑު ތެރެއިން ފާޅުވާ ފާޅުވުމެކެވެ. އާއްމުކޮށް ހަންގަނޑު ރަތްކޮށް ތިބޭ މީހުންނީ މި ނިޒާމުގެ ތެރެއިން ހަމުގެ ކުލަ ބަޔާންވެގެންވާ މީހުންނެވެ.
