ޔުރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން 5-1 ގެ ނަތީޖާއަކުން ފްރާންސްގެ ޓުލޫސް އަތުން މޮޅުވިއިރު، ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް 0-2 އިން ބަލިކޮށް ބްރައިޓަން އިން ތާރީޚީ މޮޅެއް ހޯދައިފިއެވެ.
ރޭގެ މެޗަކީ ޔޫރަޕްގައި ބްރައިޓަންގެ ފުރަތަމަ މޮޅެވެ. މި ފަހަރުގެ ޔުރޮޕާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނެވެ. ފުރަތަމަ މެޗުން ބަލިވިއިރު، ދެވަނަ މެޗުން ވީ އެއްވަރެވެ.
ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ޖޮއާއޯ ޕެޑްރޯ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު، ބްރައިޓަންގެ ދެވަނަ ލަނޑުޖެހީ ސްޕެއިނުގެ ފޯވާޑް، އަންސޫ ފާޓީ އެވެ. މިއީ ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ބްރައިޓަން އަށް ކުޅެމުން އަންނަ ފާޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ދެވަނަ ގޯލެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން ނުވަ މެޗުގައި ތިން ލަނޑުޖަހައިފައެވެ.
މި ނަތީޖާއާއެކު ބްރައިޓަން އޮތީ ގްރޫޕް ބީ ގެ ތިންވަނައިގައެވެ. އެންމެ ކުރީގައި ކުޅޭ ފްރާންސްގެ އޮލިމްޕިކް މާސޭ ވަނީ ރޭ ކުޅުނު މެޗުގައި ގްރީސްގެ އޭއީކޭ އެތެންސް 3-1 އިން ބަލިކޮށްފައެވެ. މާސޭ އަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތެންސް އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ތިނެއްގައި ބްރައިޓަން އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް އަޔެކްސް އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ލިވަޕޫލުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ޑިއޯގޯ ޔޮޓާ އެވެ. ލިވަޕޫލުން މި ލަނޑުޖެހިތާ ހަތް މިނެޓުގެ ތެރޭގައި ޓުލޫސް އިން ވަނީ އެއްވަރުކޮށްފައެވެ. ޓުލޫސް އަށް މި ލަނޑުޖަހައިދިނީ ތައިސް ޑާލިންގާއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލުން އަލުން ލީޑްނެގީ ވަޓަރު އެންޑޯ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ވައްދާލި ލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ 3-1 އިން ކުރީގަ އޮވެގެންނެވެ. އަދި އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ރަޔާން ގްރަވެންބާކް އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިންއިރު، އިތުރުވަގުތުގައި ލިވަޕޫލްގެ ފަސްވަނަ ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ.
ލިވަޕޫލަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ޔޫނިއަން ސެއިންޓް ގިލޮއިސް އާއި ތިނެއްގައި އޮތް ޓުލޫސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސެއިންޓް ގިލޮއިސް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ސެއިންޓް ގިލޮއިސް އިން ވަނީ ރޭ ލާސްކް އަތުން 2-1 އިން މޮޅުވެފައެވެ. އެންމެ ފުލުގައި ލާސްކް އޮތީ ޕޮއިންޓެއްނުލިބިއެވެ.
މި މުބާރާތުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 1-2 އިން ގްރީސްގެ އޮލިމްޕިއާކޯސް އަތުން ބަލިވެފައެވެ. މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި އަދިވެސް އުޅެނީ ވެސްޓް ހޭމް އެވެ. އެ ޓީމަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ފްރެއިބާގް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ވެސްޓް ހޭމަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ފްރެއިބާގް އިން ވަނީ ރޭ ބާކާ ޓޮޕޯލާ އަތުން 3-1 އިން މޮޅުވެފައެވެ. އޮލިމްޕިއާކޯސް އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ބާކާ ޓޮޕޯލާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
