އޭނާގެ ބައިވެރިޔާ އަދީތީ ރާއޯ ހައިދާރީގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން "ބޮމްމަރިއްލޫ"ގެ ތަރި ސިދާތު ވަނީ އޭނާ ދެކެ ލޯބިވާކަން ހާމަކޮށް އިންސްޓަގްރާމް ލޯބި މެސެޖެއް އާންމުކޮށްފަ އެވެ. 

އެ ޕޯސްޓުގައި ދެ ފޮޓޯއެއް ފެނިގެން ގޮސްފައިވާއިރު، އެއް ފޮޓޯއަކީ ކަޅު ޓޮޕަކާއި ނޫ ޖީންސެއް ލައިގެން ހުރި އަދީތީ ވަކިން ހުރި ފޮޓޯއެކެވެ. އަނެއް ފޮޓޯއަކީ ހިނިތުންވެލައިގެން ތިބި ސިދާތު އާއި އަދީތީ އެކުގައި ތިބި ފޮޓޯއެކެވެ.

 

ސިދާދު ލިޔުނު ނޯޓު ކުރު ނަމަވެސް އޭނާ، އަދިތީ ދެކެ ވާ ލޯބި ވަރަށް ވެސް ފުރިހަމައަށް އެ ނޯޓުން ހާމަވެއެވެ. އެ ނޯޓުގައި އޭނާ ވަނީ އަދިތީގެ ރީތި ކަމަށް ތައުރީފު ކޮށް އޭނާއާއި އެކު މިހާ ދުވަހު ދެމި ހުރިކަމަށްޓަކާއި ވަރަށް ބޮޑަށް ސުކުރުއަދާކުރާކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ވަރަށް އަވަހަށް ދިމާވާނެކަމަށް އުންމީދު ކުރާކަމަށާއި މިހާރު ދިމާ ނުވާތާ މާ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

އަދީތީ ރާއޯ ހައިދާރީ އާއި ސިދާތު އާއި ދެމެދު ގުޅުމެއް އޮތް ކަމުގެ އަޑުތައް ފެތުރެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ދެމީހުންގެ ގުޅުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާއިރު، ސޯޝަލް މީޑިއާގައި އުފަންދުވަހުގެ ތަހުނިޔާ ކިޔާ ގޮތުންނާއި ދެ މީހުންގެ އެހެނިހެން އަމަލުތަކުގެ ސަބަބުން އާންމުން ގަބޫލު ކުރަމުން ދަނީ މި ދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށެވެ.

ކެޝުއަލް ލަންޗް ޑޭޓްތަކުން ފެށިގެން ރެޑް ކާޕެޓް އިވެންޓްތަކާ ހަމައަށް އެތައް ފަހަރަކު އެކުގައި ފެނިފައިވާތީ އަދީތީ އާއި ސިދާތުގެ ގުޅުން ވަރުގަދަވަމުން އަންނަ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ. އެމީހުންގެ އިންކާރު ނުކުރެވޭ ކެމިސްޓްރީ ވަނީ ސަޕޯޓަރުންނާއި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް އަތުލާފައެވެ.