ފްރެންޑްސް ސީރީޒްއިން " ޗެންޑްލަރ ބިންގ " ގެ ރޯލުން ގިނަބައެއްގެ މަގުބޫލުކަން ހޯދި މެތިއު ޕެރީ މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 54 އަހަރެވެ.
ޕެރީ މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހު ލޮސް އެންޖެލިސް ސަރަހައްދުގެ ގެއެއްގައި ކަމަށް ޓީއެމްޒެޑް އިން ބުނެ އެވެ. ކަމާއިބެހޭ ފަރާތްތަކުން ވެސް ވަނީ ޕެރީ މަރުވިކަން ލޮސް އެންޖެލިސް ޓައިމްސް އަށް ކަށަވަރުކޮށްދީފަ އެވެ.
އެ އައުޓްލެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެރީ ފެނުނީ އެގޭގައި ހުރި ޖަކުޒީއެއްގެ ތެރެއިންކަމަށެވެ.
ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ޕީޕަލްއަށް ދިން މައުލޫމާތުގައި ބުނީ އުމުރުން 54 އަހަރުގެ ފިރިހެނަކު މަރުވުމާ ގުޅިގެން ޕެރީގެ އެޑްރެހުން ގުޅާފައި ރިޕޯރޓް ކުރުމުން އޮފިސަރުން ޖަވާބު ދިން ނަމަވެސް މަރުވި މީހާގެ އައިޑެންޓިޓީ ކަށަވަރު ނުކުރާ ކަމަށެވެ.
އޮގަސްޓް 19، 1969 ގައި މެސެޗުސެޓްސްގެ ވިލިއަމްސްޓައުން އަށް އުފަންވި ޕެރީ ބޮޑުވީ ކެނެޑާގެ އޮޓާވާގައެވެ. އެތަނުން އޭނާ ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ އެކު އެލިމެންޓަރީ ސްކޫލުގައި ކިޔަވާފަ އެވެ.
އޭނާގެ މަންމަ ސުޒޭން މޮރިސަން އަކީ ޖަސްޓިންގެ ބައްޕަ ބޮޑުވަޒީރު ޕިއެރޭ ޓްރޫޑޯގެ ނޫސްވެރިއެއްގެ އިތުރުން ޕްރެސް ސެކްރެޓަރީއެކެވެ.
ޕެރީ، ލޮސް އެންޖެލިސްއަށް ބަދަލުވީ ފުރާވަރުގެ އުމުރުފުރާގައެވެ. މަދު ޓީވީ ޕްރޮގްރާމްތަކެއްގެ ގެސްޓް ރޯލްތަކެއް އަދާ ކުރުމަށް ފަހު 1987 އިން 1988 އަށް "ބޯއީސް ވިލް ބީ ބޯއީސް "އިން "ޗެޒް ރަސެލްގެ "ރޯލުން އަލުން ފެނިގެން ދިޔަ އިރު، އޭގެ ފަހުން "ގްރޯވިން ޕޭންސް "އާއި "ސިޑްނީ "އިން ރޯލްތައް ކުޅުނު ނަމަވެސް އޭނާގެ ކާމިޔާބީގެ އަހަރު ފެށިގެންދިޔައީ 1994 ވަނަ އަހަރު އެންބީސީގެ އައިކޮނިކް ސިޓްކޮމް" ފްރެންޑްސް "އިންނެވެ.
"ފްރެންޑްސް" ގައި ޕެރީ 10 ސީޒަން ގައި ބިންގްގެ ރޯލުން ފެނިގެންދިޔައިރު، 2002 ވަނަ އަހަރު އެމީ ނޮމިނޭޝަނެއް ހޯދިއިރު، ފްރެންޑްސް އަކީ 90 ގެ އަހަރުތަކުގެ އެންމެ މަގުބޫލް ޝޯ އެވެ . އެސީރީޒްގެ އެޕިސޯޑަކަށް އެއް މިލިއަން ޑޮލަރުގެ އާމްދަނީއެއް ކޮންމެ އެކްޓަރަކަށް ލިބެމުންދިޔައެވެ.
