ދިވެހިންގެ ތެރޭގައި ދިވެހި ފިލްމުތަކަށްވުރެ ހިންދީ ފިލްމު ތަކަށް އޮންނަ މަޤުބޫލުކަން މާބޮޑެވެ. ދިވެހި ފަންނާނުންގެ ނަމާއި ވަނަވަރު ނޭނގުނަސް ހިންދީ ފިލްމު ތަކާއި އެފިލްމު ތަކުގައި އުޅޭ ތަރިންގެ މައުލޫމާތު ރަނގަޅަށް އެނގޭ ވަރަށް ގިނަ ދިވެހިން އުޅެއެވެ.
ހިންދީ ފިލްމު "ދަޅުކަން" ގެ ކޮޕީ "ހިތް އެދެނީ" އަދި މަޝްހޫރު ހިންދީ ފިލްމު "ކުޗް ކުޗް ހޯތާހޭ" ގެ ކޮޕީ "ހިތް ހަލާކު" ރިލީޒް ކުރުމުން މި ދެފިލްމަށް އެކި ކަހަލަ ފާޑު ކިޔުންތައް އަމާޒުވިއެވެ. ބައެއް މީހުނަށް މި ދެ ފިލްމު ކަމުދިޔައެވެ. ނަމަވެސް މި ދެފިލްމަށް ޖޯކު ޖަހައި މަލާމާތް ކުރި މީހުން ވެސް ތިއްބެވެ. އަދި ކޮޕީ ކުރުމަށްވުރެ އަމިއްލަ އުފެއްދުންތައް މާ ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
ހިންދީ ފިލްމުތައް ދުނިޔޭގެ އެކި ގައުމުތަކުގައި މަޤުބޫލުކަން ހޯދައެވެ. ހިންދީ ފިލްމު ކުޅޭ ފަންނާނުންގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބައިވަރު އުޅެއެވެ. އެކަމަކު ގިނަ މީހުނަށް ނޭނގޭ ކަމަކީ ވަރަށް ގިނަ ފިލްމު ތަކަކީ ކޮޕީ ނުވަތަ ރީމޭކް ތަކެއް ކަމެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމު ތަކަކީ އިންޑިއާ މީހުން ބުނާގޮތުންނަމަ " ސައުތް މޫވީސް" ގެ ކޮޕީ ތަކެކެވެ. ގިނަ ފިލްމު ތަކަކީ މަލަޔާޅަމް، ޓަމިލް އަދި ޓެލުނގު ފިލްމު ތަކުގެ ރީމޭކް ތަކެވެ.
1988 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވެސް ބޮލީވުޑް ގައި ފިޔަޖަހަމުން އަންނަ ތަރި ސަލްމާން ޚާން އަކީ "ކިންގް އޮފް ރީމޭކްސް" ކަމަށް ބައެއް ލިޔުން ތަކުގައި ވެއެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މި ފަހުން ނިކުތް ސަލްމާންގެ ގިނަ ފިލްމު ތަކަކީ ޓަމިލް އަދި ޓެލުނގު ފިލްމު ތަކެއްގެ ކޮޕީ ތަކެކެވެ. މީގެ ތެރޭގައި، "ކިސީކީ ބާއި ކިސީކި ޖާން"، "ވޯންޓެޑް"، "ތޭރެ ނާމް"، "ރެޑީ"، "ބޮޑީގާޑް"، "ޖޭހޯ"، "ކިކް" އަދި "ނޯއެންޓްރީ" ފަދަ މަޝްހޫރު ފިލްމު ތައް ހިމެނެއެވެ.
މަޝްހޫރު ކަމުގެ ލިސްޓަށް ބަލާއިރު ސަލްމާން އަށް ވުރެ ކުރީގައި އުޅޭ އަކްޝޭ ކުމާރް ގެ ރީމޭކްސް ވަކި މަދެއް ނޫނެވެ. "ހޭރާ ފޭރީ"، "ރައުޑީ ރާތޯރް"، "ބޫލް ބުލައްޔާ"، "ހޮލިޑޭ"، "ކަޓްޕުތްލީ"، "ލާޒިމް"، "ބޮސް"، "ކަމްބަކްތް އިޝްކް"، "ސެލްފީ" އަދި "ބަޗަން ޕާންޑޭ" އަކީ ހައްތަހާ ވެސް ކޮޕީ ފިލްމު ތަކެވެ. މިނޫނަސް އާމިރް ޚާންގެ "ތްރީ އީޑިއަޓްސް" އަދި "ގަޖިނީ"، ޝާހިދް ކަޕޫރްގެ "ކަބީރް ސިންގ" އަދި ވަރުން ދަވަންގެ "މޭ ތެރާ ހީރޯ" އަކީވެސް މި ލިސްޓުގެ ފިލްމު ތަކެވެ.
ކޮޕީ ނުވަތަ ފިލްމު ރީމޭކް ކުރުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެއީ ގިނަބަޔަކަށް އެނގޭ ބަހަކުން އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދެވޭތީ އެވެ. ނަމަވެސް އެހެން ބައެއްގެ ފިލްމެއް ބަލައިގެން ފަހުން ނެރޭ ފިލްމް މާ ބޮޑަށް މަޝްހޫރުވެ، ގިނަ ފައިސާ އާއި އެވޯޑް ތައް ލިބުމުން މިގޮތް ކަމުނުދާ ބަޔަކު ތިބެދާނެއެވެ.
