އެންމެ ތުއްތުއިރުން ފެށިގެން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީ ލޯބޯކޮށައިގެން އަޅުގަނޑުމެން ބެލީ މައިންބަފައިންނެވެ. ނަމަވެސް އަޅުގަނޑުމެން ބޮޑުވެ ފުރާފުރިހަމަވެ އަމިއްލަ ދިރިއުޅުމާއިގެން އުޅޭއިރު މައިންބަފައިން މަތިން ހަނދާންކުރަނީ ކިތައް މީހުންބާއެވެ. އެމީހުންގެ ޢުމުރުން ދުވަސްވާކަމާއި އެމީހުންނަށް ބޭނުންވާ އަޅާލުމާއި ލޯބި ދެވޭބާއެވެ. މިކަންކަން ގިނަ ފަހަރަށް ރޭކާލަނީ އެމީހުން ވަކިވެދާ ފަހުންނެވެ. އޭރުން އޮންނާނީ މާބޮޑަށް ލަސްވެފައެވެ. ދުނިޔޭގައި އުޅުނު އިރު އަޅުގަނޑުމެންނަށް ކުރެވުނު ކަންކަމަށް މައިންބަފައިންގެ ކިބައިން މަޢާފަށް އެދެންވެސް ވަގުތެއް ނޯވެއެވެ. މިކަމުގެ ސަބަބުން ތިމާގެ ދިރިއުޅުމުގެ ބާކީބައިގައި ކުށްވެރިއެއް ކަމުގެ އިހްސާސްކުރެވެއެވެ. އަދި މައިންބަފައިން ދުނިޔޭގައި ތިއްބާ އެމީހުންނަށް ބޭނުންވި އަޅާލުމާއި ލޯބި ނުދެވުނު ކަމުގެ ބުރަ އަމިއްލަ ބޮލުގައި އަޅައިގެން އުމުރު ދުވަހު އުޅެން ޖެހެއެވެ. މިގޮތުން މިލިޔުމުގައި އަޅުގަނޑު ބަލާލާނީ މައިންބަފައިން ވަކިވެ ދިއުމަށްފަހު ތިބާއަށް އިހްސާސްވާނެ ބައެއް ކަންކަމުގެ މައްޗަށެވެ.  

  1. އާއިލާއެއްގެ މުހިންމުކަން އިހްސާސްވުން

މައިންބަފައިން ފިޔަވައި ބަދަލެއް ނެތި ތިމާދެކެ ލޯބިވާނެ ބައެއް ނޫޅޭނެއެވެ. ކިތައްމެ ވަރަކަށް އެއްޗެހި ކިޔާ ހަޅޭލެވިކަމުގައިވިޔަސް އެދެމީހުންގެ ހިތް ތިބާގެ މައްޗަށް ހުދުފޮތިކޮޅެއްހާ ސާފުވާނެއެވެ. އަބަދުވެސް ތިބާއަށް ހެޔޮގޮތްވުމަށް އެދޭނެއެވެ. މައިންބަފައިން ވަކިވެ ދިއުމުން މިފަދަ ބައެއްގެ މުހިންމުކަން ތިބާއަށް އިހްސާސްކުރެވޭނެއެވެ.

  1. ބަލިވުމުން ދެރަވުން

މައިންބަފައިންނަށް އެމީހުންގެ ދަރިފުޅު ބަލިހާލުގައި އުޅޭތަން ބެލުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ތިމާ ބަލިވެއްޖެނަމަ ތިމާއަށް އަޅާލާ، ތިމާއަށް ކެވޭނެފަދަ ކާނާ ތައްޔާރުކޮށްދީ އުޅުނު މައިމީހާ ވަކިވެދިއުމުން ދެން ތިބާއަށް އެކަން ކޮށްދޭނީ ކާކުހެއްޔެވެ.

  1. ތިބާގެ ދަރިންނަށް މާމަ/ކާފަ ފެނުމުގެ ނަސީބު ނުލިބުން

ތިބާގެ މައިންބަފައިންނަކީ ތިބާގެ ދަރިންގެ ދެވަނަ މައިންބަފައިންނެވެ. މާމަ/ކާފަ ދަރިންދެކެ ވާލޯތްބަކީ މިނެކިރޭނެ އެއްޗެއް ނޫނެވެ. ނަމަވެސް ތިބާގެ މައިންބަފައިން ވަކިވެ ދިއުމުން ތިބާގެ ދަރިން މާމަ/ކާފަގެ ލޯބިން މަޙްރޫމުވާ ކަމުގެ އިޙްސާސްކުރެވުމަކީ ހިތްދަތި ވޭނެކެވެ.

  1. އެހެންމީހުން މައިންބަފައިންނަށް ނުބައިމީސް ބަސް ބުނާއަޑުއަހަން ކެތެއް ނުވާނެ

ތިމާއަށް މައިންބަފައިން ދުނިޔޭގައި ތިއްބާ އެމީހުންނާއި ބެހޭގޮތުން ކުރެވުނު ޝަކުވާއަށް އަމިއްލަ ނަފްސަށް މާފެއް ނުދެވޭނެއެވެ. އެހެންކަމުން އެމީހުން ވަކިވެ ދިއުމަށްފަހު އެހެންމީހަކު މައިންބަފައިންނާއި ބެހޭގޮތުން ބުނާ ކުޑަ ބަހެއްވެސް އަޑުއަހާލަން ތިބާއަކަށް ފަސޭހައެއް ނުވާނެއެވެ.

  1. މައިންބަފައިން ވަކިވެދިއުމުގެ ހިތްދަތިކަން ފިލައިގެން ނުދާނެ

މައިންބަފައިން ތިބާއާއި ވަކިވެގެންދާ ދުވަހަކީ ތިބާގެ ޙަޔާތުގައި އަންނާނެ އެންމެ ހިތާމަވެރި ދުވަހެވެ. އަދި ކިތައްމެ އަހަރެއް ވިޔަސް އެހިތްދަތިކަމެއް ފިލާގެން ނުދާނެއެވެ. އެމަންޒަރު އަބަދުވެސް ތިބާގެ ސިކުނޑީގައި ތާޒާކަމާއެކު އާވެއާވެ ހުންނާނެއެވެ. ދުވަސްވާވަރަކަށް ހިތްދަތިކަން ކުޑަވިނަމަވެސް އެތަދު ތިބާގެ ހިތަކުން ފިލާނުދާނެއެވެ.

  1. އެހެންމީހުން މައިންބަފައިންނާއެކު އުޅޭތަން ފެނުމުން ހަސަދަވެރިވާނެ

މައިންބަފައިން ދުނިޔޭގައި ތިބި އިރު އެމީހުން ތިބާއާއިއެކު ވަގުތު ހޭދަކުރުމަށް އެދިއެދި ތިބި މިންވަރު ތިބާއަށް މިއަދު އިހްސާސް ކުރެވޭނެއެވެ. އަދި އެކަމާ ދެރަވެ ހިތާމަކުރާނެއެވެ. އަދި އެހެންމީހުން މައިންބަފައިންނާއެކު އުޅޭ އުފާވެރި ދިރިއުޅުން ފެނުމުން ހަސަދަވެރިވާނެއެވެ.

  1. ލިބޭ ޗުއްޓީތަކުގައި އެކަނިވެރިކަން އިހްސާސްކުރެވޭނެ

ތިބާގެ ދިރިއުޅުމުގައި ހަޔާތުގެ ބައިވެރިއަކާއި ދަރިން ތިބިކަމުގައިވިޔަސް ލިބޭ ޗުއްޓީތަކުގައި މައިންބަފައިން ނެތްކަމުގެ އިހްސާސްކުރެވޭނެއެވެ. އަދި މަންމައިންގެ ދުވަހު، ބައްޕައިންގެ ދުވަސް ފަދަ ދުވަސްތަކުގައި ތިބާގެ އެކަނިވެރިކަން ވަށާލާނެއެވެ. އަދި އެމީހުން ދުނިޔެގައި ތިއްބާ އެދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފުމުގެ ދެރަ އިހްސާސްކުރެވޭނެއެވެ.

  1. މައިންބަފައިންގެ ހަޔާތުގެ ސިއްރުތައް އެގެން ބޭނުންވާނެ

އެމީހުން ދުނިޔޭގައި ތިއްބާ އެމީހުންގެ ހަޔާތައް ތިބާއަށް ނުދެވުނު އަހައްމިއްޔަތުކަން އެމީހުން ވަކިވެދިއުމުން ދެވޭނެއެވެ. އަދި އެމީހުންގެ ދިރިއުޅުމުގައި ކަންކަން ހިނގާފައިވާ ގޮތް ބަލާ ދެނެގަންނަން މަސައްކަތްކުރެވޭނެއެވެ. އެއީވެސް އިންސާނުންކަމާއި އެމީހުންގެވެސް ސިއްރުތައް ހުންނާނެކަން ރޭކާލާނެއެވެ.

  1. ދެރަވެ ހާސްވާ ކަމެއް ދިމާވުމުން އެމީހުން މަތިން ހަނދާންވާނެ

ތިމާއަށް ދިމާވާ ކޮންމެ ކަމެއްގައި ބުރަކަމެއް ނެތި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ތިބާގެ މައިންބަފައިންނެވެ. އެހެންކަމުން އެމީހުން ވަކިވެ ދިޔުމަށްފަހު ވެސް ހިތްދަތިވާ ކަމެއް ދިމާވުމުން އެމީހުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދަން ބޭނުންވާނެއެވެ.

  1. ތިބާ މައިންބަފައިންދެކެ ލޯބިވީ މިންވަރު އަންދާޒާކުރެވޭނެ

ތިބާ ކިތައްމެ ވަރަކަށް މީހެއްދެކެ ލޯބިވިޔަސް ޢަމަލުން އެކަން ނުދެއްކޭ ފަހަރު އާދެއެވެ. އަދި އެމީހަކު ވަކިވެދިއުމުން ތިބާ އެމީހެއްދެކެ ވާލޯބި އިހްސާސްކުރެވެއެވެ. ހަމައެގޮތަށް މައިންބަފައިން ދުނިޔޭގައި ތިއްބާ ތިބާ އެމީހުންދެކެ ލޯބިވާ މިންވަރު ބުނެނުދެވުނަސް އެމީހުން ވަކިވެ ދިއުމުން ތިބާ އެމީހުންދެކެ ލޯބިވި މިންވަރު އަންދާޒާ ކުރެވޭނެއެވެ.

މިކަންކަމަކީ އަޅުގަނޑުމެންގެ ކުޑަކުޑަ މުޖްތަމަޢުގައިވެސް ހިނގަމުން އަންނަ ކަންކަމެވެ. މައިންބަފައިން ދުނިޔޭގައި ތިއްބާ އެމީހުންނަށް އަޅާލުމާއި ލޯބި ނުދެވި އެމީހުން ވަކިވެދިއުމުން ރޮއި ހިތާމަކުރާ މީހުން ގިނައެވެ. އަދިވެސް ވަގުތުއެބައޮތެވެ. އެމީހުން ވަކިވެ ނުދަނީސް އެދެމީހުންގެ އުނގު ލޯބިން ފުރާލަދޭށެވެ. އެމީހުން ކަމަކަށް ބޭނުންވޭތޯ ބަލަބަލާ ތިބޭށެވެ. ކިތައްމެ ދުރުގައި ހުއްޓަސް އެމީހުންގެ ޙާލު ބަލާށެވެ. އޭރުން އެމީހުން ތިބާއާއި ވަކިވެ ދިއުމުން މިދެންނެވުނު ކަންތަކުން ތިބާއަށް ހިތްހަމަޖެހުން ލިއްބައިދޭނެއެވެ.