މަލައިކާ އަރޯރާގެ ނަން ބުނުމުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ހާއްސަކޮށް ބޮލީވުޑަށް ފަރިތަ ދިވެހިންނަށް މަލައިކާގެ ނަން އަލެއް ނުވާނެއެވެ. ފިލްމީ ކެރިއަރުގައި މާ ބޮޑު އުސްމިންތަކަކަށް ދެވިފައި ނެތަސް، މަލައިކާ އަކީ އޭނާގެ ރީތިކަމަށާއި ނެށުމަށް މަޝްހޫރު ފަންނާނެކެވެ. މިހާރުވެސް މަލައިކާއަށް ބަލާފައި އެއީ 20 އަހަރުގެ ބޮޑު ފިރިހެންކުއްޖެއްގެ މަންމައެއްކަން ގަބޫލުކުރަން އުނދަގޫވާނެއެވެ. ސަބަބަކީ، އޭނާ ހަށިގަނޑަށް ބަލައިގެން އުޅޭވަރުން އޭނާގެ އުމުރަށްވުރެ ޅަ ކަމަށް ދައްކާތީއެވެ.
އެގޮތުން، މި ފަހުން މަލައިކާ ފާހަގަ ކުރީ އޭނާގެ 48 ވަނަ އުފަންދުވަހޭ ބުނެފި ނަމަ އެކަން ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ ގަބޫލުކުރަން ދަތިކަމުގައި ވިޔަސް، މަލައިކާ މިވަނީ އޭނާގެ 48 ވަނަ އުފަންދުވަސް ފާހަގަކޮށް، އެދުވަހު ކުރި ހާއްސަ ކަމެއް ފޭނުންނާ ހިއްސާކޮށްފައެވެ. 48 އަހަރުވުމުން މަލައިކާ ކުރި ހާއްސަ ކަމަކީ، ސްކައިޑައިވް ކުރުމެވެ. އަދި އެ ވީޑިއޯ މިހާރު ވަނީ އިންސްޓަގްރާމަށް ދޫކޮށްލައިފައެވެ.
މި ވީޑިއޯއާއެކު މަލައިކާ ބުނީ، އޭނާއަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކުރުމަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި ސްކައިޑައިވް އަށްފަހު، ތަފާތު އެޑްވެންޗާތައް ތަޖުރިބާކުރުމަށް އާ ހިތްވަރެއް ލިބިގެން ގޮސްފި ކަމަށް ބުންޏެވެ.
ގިނަ އަހަރުތަކެއް ވަންދެން ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ އިނދެގެން އުޅެފައި ވަރިވި މަލައިކާ އަކީ ޔޯގާ އާއި ކަސްރަތުކޮށް، އަދި ޑައިޓުކޮށްގެން އޭނާގެ ހަށިގަނޑުގެ ބައްޓަން އަބަދުވެސް އެއްގޮތެއްގައި ދަމަހައްޓަމުން އަންނަ ތަރިއެކެވެ. ފޭނުންނަށް މަލައިކާ އަބަދުވެސް ހަނދާން ކޮށްދެނީ، އުމުރަކީ ހަމައެކަނި ނަންބަރެއް ކަމެވެ. އެގޮތުން މިފަހަރުވެސް އޭނާ މިވަނީ، ސްކައިޑައިވް ކުރުން ފަދަ ކަންތައްތަކަކީ، ވަކި އުމުރަކަށް އޮންނަ ކަމެއް ނޫން ކަން އަންގައިދީފައެވެ.
އަރްބާޒް ކައިރިން ވަރިވުމަށްފަހު މަލައިކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާއަށްވުރެ އެތައް އަހަރެއް ހަގު އެކްޓަރު އަރްޖުން ކަޕޫރާއެވެ. ނަމަވެސް މިދެމީހުން އެކުގައި ތިބޭއިރު، މިއީ އެހާ ބޮޑު އުމުރުގެ ފަރަގެއް އޮންނަ ދެމީހުން ކަމެއް ނުވެސް އެނގެއެވެ.
މަލައިކާ އަރޯރާ ނަށާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި، "މުންނީ ބަދުނާމް ހުއީ" އަދި "އަނާރްލަކީ ޑިސްކޯ ޗަލީ"ފަދަ ހިޓު ލަވަތައް ހިމެނެއެވެ. މިހާރު މަލައިކާ ވަނީ "މޫވިންގ އިން ވިތު މަލައިކާ"ގެ ނަމުގައި އޭނާގެ އަމިއްލަ ސީރީޒެއް ލޯންޗުކޮށްފައެވެ.
