ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ، އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. އޭނާ ވަނީ މިއަދު އިންސްޓަގްރާމް މެދުވެރިކޮށް، ރާއްޖޭގައި އުފަންދުވަސް ފާހަގަކުރަމުން ދާކަން ފޭނުންނާ ހިއްސާކޮށްފައެވެ.
ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާ އުފަންދުވަސް ފާހަގަކުރަމުން ދަނީ ސޮނެވާ ޖާނީ ރިޒޯޓުގައެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ރާއްޖޭގެ ރީތި މޫދު ފެންނާހެން ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެތަނުން އެއް ފޮޓޯގައި ލިޔެފައިވަނީ، މިއީ އެންމެ ފުރިހަމަ '"ބާތުޑޭ މޯނިންގ" ކަމަށެވެ.


ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 25 ވަނަ އުފަންދުވަސް ފާހަގަކުރަން އަނަންޔާ، ރާއްޖެއަށް އައިސްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އަރާފައިވާ އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރާއެކީގައި ކަމަށެވެ. މި ދެތަރިން މީގެ ކުރިން ވެސް ވަނީ އެކުގައި އެކި ތަންތަނަށް ޗުއްޓީ ހޭދަކުރަން ގޮސްފައެވެ. އަދި ބޭރުތެރެއިން އެކުގައި ތިއްބައި ފެނިގެން، ޕަޕަރާޒީން ވަނީ ފޮޓޯވެސް ނަގައިފައެވެ. އެހެން ނަމަވެސް، މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކައަށް މިހާތަނަށް ފާޅުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަނަންޔާ ޕާންޑޭގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގެހެރާއިޔާން" އަދި "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެއެވެ.
ރާއްޖެއަކީ، ވަރަށް ގިނަ ބޮލީވުޑްގެ ފަންނާނުން ޗުއްޓީ ހޭދަކުރަން އަންނަން ލޯބިކުރާ މަންޒިލެއްކަން ފާހަގަކުރެވެއެވެ.
