ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާރްތިކް އާރްޔާން ފިލްމެއްގެ ރޯލަކަށް ފެތުމުގެ ގޮތުން ބަރުދަން އިތުރުކޮށް ފަލަވި ފަހުން، އެ ބަރުދަން ލުއިކުރަން އުނދަގޫވެގެން އުޅޭކަމަށް ބުނެފިއެވެ.

 32 އަހަރުގެ އެކްޓަރު ބަރުދަން އިތުރުކުރީ މިދިޔަ އަހަރު ނުކުތް "ފްރެޑީ" ފިލްމަށެވެ.

މީގެ ކުރިން ކަސްރަތީ ހަށިގަނޑެއް ހުރި ކާރްތިކް "ފްރެޑީ" އަށް ބަރުދަން އިތުރުކުރަން އުނދަގޫވެގެން ފިޓްނަސް އިންސްޓްރަކްޓަރެއްގެ އެހީ ހޯދިކަން ވެސް ވަނީ ކުރިން ހާމަކޮށްފައެވެ. އެގޮތުން އެ ރޯލަށް 15 ކިލޯ އިތުރުކުރި ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ފަހުން "ފްރެޑީ" ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހާސިލްކޮށް، އެކަމުގެ އުފާ ފާޅުކުރަން ކުރި ޓްވީޓެއްގައި ކާރްތިކް ބުނީ އެ ކެރެކްޓާ އަކީ އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިވި ކެރެކްޓާއެއް ކަމަށެވެ. 

އެގޮތުން އެ ފިލްމުގައި ކުޅުނު ޑެންޓިސްޓުގެ ރޯލަށް ފިޓުވުމުގެ ގޮތުން 15 ވަރަކަށް ކިލޯ އިތުރުކުރަން ޖެހުނު ކަމަށާއި، އެ ބަރުދަން އަލުން ލުއިކުރަން މިއަދާ ހަމައަށް ވެސް އުނދަގޫ ކަމަށް ބުންޏެވެ. ވުމާއެކު، މިއީ އޭނާއަށް ހައްގު އެވޯޑެއް ކަމަށް ގިނަ ފޭނުން ގަބޫލުކުރެއެވެ. 

ކާރްތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ "އާޝިގީ 3" އަށެވެ.