. ހަންގަނޑުގައިވާ ގްލޭންޑުތައް!
އިންސާނާގެ ހަށިގަނޑުގެ ހަންގަނޑުގައި ވަނީ މައިގަނޑު ދެ ވައްތަރެއްގެ ގްލޭންޑް ތަކެކެވެ. އެއީ ދާ ނުކުންނަ ގްލޭންޑު ތަކާއި ތެޔޮ ނުކުންނަ ގްލޭންޑުތަކެވެ.
. ދާނުކުންނަ ގްލޭންޑުތައް!
ހަންގަނޑުގައިވާ ދާނުކުންނަ ގްލޭންޑުތަކުގެ ވެސް ދެ ވައްތަރެއްގެ ގްލޭންޑުތަކެއް ވެއެވެ. އެއި އެކްރިން ގްލޭންޑުތަކަކާއި އެޕޮކްރިން ގްލޭންޑުތަކެވެ.
އެކްރިން ގްލޭންޑުތަކޭ ކިޔަނީ ނިކަން ކުދިކޮށް އެކަހެރިކޮށް، މުޅި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ ގްލޭންޑުތަކަށެވެ. ނަމަވެސް ހަންގަނޑުގެ ބައެއް ހިސާބުތަކުގައި މީގެ އެއްވެސް ގްލޭންޑެއް ނުހުންނާނެއެވެ. އެއީ ނިޔަރޮދި ކައިރީގައްޔާއި ތުންފަތުގައްޔާއި، ދެޖިންސުގެވެސް ކުރިމަތިފަރާތުގައެވެ. ނަމަވެސް ދެ އަތްތިލައާއި ދެފައިތިލައިގެ ހުދުހަމުގައި މީގެ ގްލޭންޑުތައް ގިނަ އަދަދަކަށް ހުންނާނެއެވެ. މި ގްލޭންޑުތަކުން ނުކުންނަ ދަލުގައި އެއްވެސް ކުލައެއް ނުހުންނާނެއެވެ. ގިނަފަހަރަށް ވަހެއްވެސް ނުހުންނާނެއެވެ. މި ދާތަކުގައި އެކުލެވިގެންވަނީ ފެނުގެ އިތުރުން އަލްބުމިންއާއި ޔޫރިއާ އާއި ލެކްޓިކް އެސިޑުގެ އިތުރުން ސޯޑިއަމް ކްލޮރައިޑެވެ. މި ގްލޭންޑުތަކުން ނުކުން ދަލުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލުކުރުމަށް އެހީތެރިވެދެއެވެ.
އެޕޮކްރިން ގްލޭންޑުތަކޭ ކިޔާ ގްލޭންޑުތަކުން ނުކުންނަ ދަލުގައި އާދަޔާ ހިލާފު ގަދަ ވަހެއް ހުންނާނެއެވެ. މިފަދަ ގްލޭންޑްތައް އެއްމެ ގިނައިން ހުންނާނީ ހަށިގަނޑުގައި އިސްތަށި ފަޅާ ހިސާބުތަކުގައްޔާއި ގައިގާ ކަޅުކޮށް ހުންނަ ހިސާބުތަކުގައެވެ. އެގޮތުން ކިހިލިފަތް ދޮށުގައްޔާއި އުކުޅުވަޅުގައްޔާއި ފުރަގަސްފަރާތު ދޮރު ކައިރީގައި މިފަދަ ގްލޭންޑްތައް ގިނައަދަދަކަށް ހުންނާނެއެވެ. މި ގްލޭންޑުތަކަކީ އޭގެ ސައިޒުން ތަންކޮޅެއް ބޮޑެތި، އަދި ތަމްކޮޅެއް ފުނުގައި ހުންނަ ގްލޭންޑް ތަކެކެވެ. އިންސާނާ ބާލިޣު ވުމުގެ ކުރިން އެޕޮކްރިންގެ އެއްވެސް ގްލޭންޑަކުންއެއްވެސް ދަލެއް ނުއުފައްދާނެއެވެ. މި ގްލޭންޑްތަކުން ދާ އުފައްދަން ފަށާނީ އިންސާނާ ބާލިޣުވުމަށް ފަހުގައި އެކަންޏެވެ. އަދި އިންސާނާ ހާސްވެ ނުތަނަވަސްވުމުންނާއި ޖިންސީ އެދުވެރިކަމުގެ ތެރެއިން މި ގްލޭންޑުތަކުން ދާ ނުކުންނަ މިންވަރު އިތުރުވެދެއެވެ.
އަންހެނާގެ އުރަމަތީގެ ވައްގަނޑުކޮޅުގެ ވަށައިގެންވެސް ވަނީ އެޕޮކްރިން ގްލޭންޑުތަކެވެ. މި ގްލޭންޑުތަކަކީ ދާ ނުކުތުމަށް ހާއްސަ ގްލޭންޑުތަކެއް ނޫނެވެ. ނަމަވެސް މިއީ އުރަމަތީގައި އުފައްދާ ކިރު، ޖަމާކޮށް ބޭރުކޮށްދިނުމުގެ މަސައްކަތް ކުރާ ގްލޭންޑުތަކެކެވެ.
