އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"" ގެ މައިގަނޑު އެއް ކެރެކްޓާ ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު މެތިއު ޕެރީ، މިދިޔަ އާދިއްތަ ދުވަހު މަރުވި ޚަބަރާއެކު އޭނާގެ ފޭނުންނަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އަދި "ފްރެންޑްސް" ދެކެ އިންތިހާއަށް ލޯބިވާ އެތައް މިލިއަން ބަޔަކު ދަނީ އަދިވެސް އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ. އުމުރުން 54 އަހަރުގައި މެތިއު ކުއްލި ގޮތަކަށް މަރުވީ ބޮޑު ބައްޔެއްގައި އުޅެފައެއް ނޫނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ، އޭނާ ދިރިއުޅޭ ގޭގައި ހުންނަ ބާތުޓަބުގެ ތެރެއަށް ގެނބިގެންނެވެ. މިއާއެކު، ގެނބިގެން މަރުވެފައިވާ އެހެން ބައެއް މަޝްހޫރު ތަރިންގެ ހަނދާންތައް އާކޮށްލަން ހިނގާށެވެ.
ޝްރީ ދޭވީ:
އިންޑިއަން ސިނަމާގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެކްޓްރެސް ޝްރީ ދޭވީ މަރުވީ 2018 ވަނަ އަހަރު އެވެ. އެ އަހަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ޝްރީ ދޭވީ މަރުވެފައިވަނީ، ގާތް މީހެއްގެ ކައިވެންޏަކަށް ދުބާއީއަށް ގޮސް އުޅެނިކޮށެވެ.މަރުވެފައި އޮއްވައި ފެނުނީ ދުބާއީގައި އޭނާ މަޑުކޮށްގެން އިން ހޮޓެލްގެ ބާތުޓަބު ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ޝްރީ ދޭވީ ގެނބުނީ ބާތުޓަބުގެ ތެރޭގައި އޮއްވައި ހޭނެތިގެންނެވެ. އެހެންނަމަވެސް، ހޭނެތެން މެދުވެރިވި ސަބަބެއް މިއަދާ ހަމައަށްވެސް އާންމުންނާ ހިސާބަށް ތިލަވެފައެއް ނެތެވެ. ހުނަރުން ފުރިފައިވާ ޝްރީ ދޭވީ ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވި އިރު، އޭނާގެ އުމުރުން ވެސް 54 އަހަރެވެ. އަދި އޭނާގެ މަރާ ގުޅިގެން، ބައެއް ފޭނުން ވަނީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އެހެން ނަމަވެސް، އެ މަރުގައި ބޯނީގެ އަތެއް ވާކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ތުހުމަތު ކޮށްފައެއް ނުވެއެވެ.
ވިޓްނީ ހިއުސްޓަން:
އެމެރިކާގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ލަވަކިތުންތެރިންގެ ތެރޭގައި ހިމެނޭ ވިޓްނީ ހިއުސްޓަން ވެސް މަރުވީ ބާތުޓަބު ތެރެއަށް ގެނބިގެންނެވެ. "އައި ވިލް އޯލްވޭސް ލަވް ޔޫ" ފަދަ އެތައް މަޝްހޫރު ލޯބީގެ ލަވަތަކެއް ކިޔާފައިވާ މި ފަންނާނު 2012 ވަނަ އަހަރު ގެނބުނީ ބެވާލީ ހިލްޓަން ހޮޓެލްގެ ބާތުޓަބެއްގެ ތެރެއަށެވެ. އޭނާގެ ހަށިގަނޑު ބަލައި ޗެކުކުރި ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. އަދި މަރުވުމުގެ ކުރިން ހިތުގެ މައްސަލައެއް ވެސް ކުރިމަތިވި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ވިޓްނީ ހިއުސްޓަން މަރުވި އިރު އުމުރަކީ 48 އަހަރެެވެ.

ބޮބީ ކްރިސްޓީނާ ބްރައުން:
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ބޮބީ ކްރިސްޓީނާ ބްރައުން އަކީ ވިޓްނީ ހިއުސްޓަންގެ ހަމައެކަނި ދަރިއެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ސިހުން ގެނުވީ، ކްރިސްޓީނާ ވެސް އޭނާގެ މަންމައާ އެއްފަދައިން ގެނބިގެން މަރުވި ހަބަރު ލިބުމުންނެވެ. މަންމަ މަރުވިތާ 3 އަހަރު ފަހުން 2015 ގައި، އޭރު އުމުރުން 22 އަހަރުގެ ކްރިސްޓީނާ މަރުވީ އޭނާގެ ގޭގައި ހުރި ބާތުޓަބުގެ ތެރެއަށް ގެނބިފައި އޮއްވައި ރައްޓެއްސަކަށް ފެނިގެން ހޮސްޕީޓަލަށް ގެންގޮސް ފަރުވާދެމުން ދިޔަތާ 6 މަސް ފަހުންނެވެ. 6 މަސް ވަންދެން ކްރިސްޓީނާ އޮތީ ކޯމާއެއްގައެވެ. ވިޓްނީ އާއި ކްރިސްޓީނާގެ މަރުގައި ވާ އެއްގޮތް އަނެއް ކަމަކީ، ކްރިސްޓީނާގެ ހަށިގަނޑުންވެސް މަސްތުވާތަކެތީގެ އަސަރު ފެނުމެވެ. އެހެންކަމުން މި ދެމައިން ވެސް ބާތުޓަބުގެ ތެރެއަށް ގެނބުނީ މަސްތުވާތަކެތި ބޭނުންކޮށްގެން، ހަމަހޭ ގެއްލިފައި ވަނިކޮށް ކަމަށް ލަފާކުރެވެއެވެ.

ޖިމް މޮރިސަން:
1960 ގެ އަހަރުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދި އެމެރިކާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޖިމް މޮރިސަން މަރުވީ އުމުރުން އެންމެ 27 އަހަރެވެ. މި ލިސްޓުގައިވާ އެހެން ފަންނާނުންނެކޭ އެއް ފަދައިން ޖިމް ވެސް މަރުވީ ބާތުޓަބުގެ ތެރެއަށް ގެނބިގެންނެވެ. އެއީ 1971 ވަނަ އަހަރެވެ. ފްރާންސްގެ ޕެރިހުގައި ހުރި ޖިމްގެ އެޕާޓުމަންޓުގައި ހުރި ބާތުޓަބުގެ ތެރޭގައި ޖިމް މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ލޯބިވެރިޔާ އަށެވެ. ޑޮކްޓަރުން ރިޕޯޓުކުރި ގޮތުގައި ޖިމް ގެނބެން މެދުވެރިވި ސަބަބަކީ ހިތް ފެއިލުވުމެވެ. އޭގެފަހުން މިހާރު 50 އަށްވުރެ ގިނަ އަހަރު ވެފައި ވިޔަސް، ޖިމް މޮރިސަން މިއުޒިކީ ދުނިޔެއަށް ދޫކޮށްފައި ދިޔަ ހަނދާންތައް ފަހުގެ ޖީލުތަކުން ވެސް ދަނީ އާކުރަމުންނެވެ. އެގޮތުން " ދަ ޑޯޒް" ބޭންޑުގެ ލީޑު ވޯކަލިޓުގެ ގޮތުގައި ހުރެގެން ޖިމް ވަނީ ރީތި ލަވަތަކެއް ކިޔައިފައެވެ. މީގެ އިތުރުން ޖިމް އަކީ މޮޅު ޅެންވެރިޔެއް ވެސް މެއެވެ.

