2009 ވަނަ އަހަރުން ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުންދާ ސިިލްސިލާ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ކާސްޓު އަނެއްކާވެސް ބަދަލުކޮށް، މުޅިން އާ ތަރިންތަކަކާ އެކު ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، 6 ނޮވެމްބަރުން ފެށިގެން، އެ ސީރީޒުން ދެން ފެނިގެން ދާނީ މުޅިން އާ ކާސްޓެކެވެ.

ދިވެހިންގެ ތެރޭގައި ވެސް މަޤުބޫލު މި ސީރީޒް ފުރަތަމަ ފެއްޓި އިރު ބިނާވެފައި އޮތީ އަކްޝްރާ އާއި ނެއިތިކު ކިޔާ ދެ ކެރެކްޓާގެ ލޯބީގެ ހާދިސާތަކެއްގެ މައްޗަށެވެ. 

އޭރު އެ ދެ ކެރެކްޓާގެ ރޯލު ކުޅުނީ މަޝްހޫރު އެކްޓްރެސް ހިނާ ޚާނާއި އެކްޓަރު ކަރަން މެހެރާއެވެ. ފަހުން އެދެމީހުންގެ ދަރިން ބޮޑެތިވެ، އެ ދަރިންގެ ވާހަކަ ގެނެސްދެމުން ގޮސް، އަނެއްކާ ދަރިންގެ ދަރިން ވެސް ބޮޑެތިވި ތަން ފެނިގެން ދިޔައެވެ.

އަހަރުތަކެއް ވަންދެން މިހެން ކާސްޓު ބަދަލުވަމުން ގޮސް، އަނެއްކާވެސް ހަތަރު ވަނަ ޖެނެރޭޝަނަށް ބަދަލުވާން މި ވަނީ ތައްޔާރުވެފައެވެ. އެއާއެކު މިހާރު މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެންނަން އެންމެން ކަހަލަ ގޮތަކަށް ޝޯއާ ވަކިވާން ވަނީ ނިންމައިފައެވެ. 

ރަޖަން ޝާހީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒަކީ އެންމެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި ދައްކަމުންދާ އިންޑިއަން ޓެލެވިޜަން ޝޯއެވެ. އެގޮތުން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ 4200 އަށްވުރެ ގިނަ އެޕިސޯޑު ވަނީ މިހާތަނަށް ދައްކައިފައެވެ.