ސަލްމާން ޚާނާއި ޝްރީދޭވީ އަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ނަންތަކުގެ ތެރޭގައި ހިމެނޭ ދެނަމެވެ. މިތަނުން ޝްރީދޭވީ މިހާރު ދުނިޔޭގައި ނެތް ކަމުގައި ވިޔަސް، އޭނާއަކީ އޭނާގެ ޒުވާން ދުވަސްވަރު ބޮލީވުޑުގައި ރަނިކަން ކުރި އެކްޓްރެސް އެކެވެ. އަދި ސަލްމާން ޚާނަކީ ވެސް ހަމަ ދާދި އެދުވަސްކޮޅު ބޮލީވުޑަށް ތަޢާރަފުވެ، މިއަދާ ހަމައަށް ވެސް ގިނަގުނަ ކާމިޔާބީތަކެއް ހޯދަމުންދާ އެކްޓަރެކެވެ. އެހެން ނަމަވެސް، މި ދެތަރިން އެކުގައި މާ ގިނަ ފިލްމުތަކަކުން ފެނިފައި ނުވާ ސަބަބު، ސަލްމާން ވަނީ ހާމަކޮށްފައެވެ.
ސަލްމާނާއި ޝްރީ ދޭވީ އެކުގައި ކުޅެފައިވަނީ އެންމެ ދެ ފިލްމެވެ. އެއީ 1993 ގައި ނުކުތް "ޗަންދްރަ މުކީ" އާއި. 1994 ގައި ނުކުތް "ޗާންދް ކާ ޓުކްޅާ"އެވެ. މި ދެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. މީގެ އިތުރުން، ސަލްމާނަކީ އަބަދުވެސް ޝްރީ ދޭވީގެ ފޭނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޝްރީ ދޭވީ އަކީ ބޮލީވުޑުގައި އުފެދުނު އެންމެ ފުރަތަމަ އަންހެން ސްޕަސްޓާގެ ގޮތަށް ވެސް ސަލްމާން ވަނީ ސިފަކޮށްފައެވެ.
އެކަން އެހެން އޮތް ކަމުގައި ވިޔަސް، 1994 އަށްފަހު ސަލްމާނާއި ޝްރީ ދޭވީ އެކުގައި އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ. އެ ޒަމާނުގައި އެންމެ ގަދަޔަށް ފިޔަޖަހަމުން ދިޔަ މި ދެތަރިން ގިނަ ފިލްމުތަކަކުން އެކުގައި ފެނިފައި ނުވާ ސަބަބު، ސަލްމާން ވަނީ ކުރީގެ އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.
ސަލްމާން ބުނީ، ޝްރީ ދޭވީގެ މަޝްހޫރުކަން ފެނިފައި އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވީ ކަމަށެވެ. އަދި ޝްރީ ދޭވީއާ އެކީ ފިލްމު ކުޅޭ ނަމަ، އޭނާ ހުންނަން ޖެހޭނީ ޝްރީ ދޭވީގެ ހިޔަނީގެ ދަށުގައި ކަމަށް ގަބޫލު ކުރެވިގެން، އެކަން އެގޮތަށް ވާން ބޭނުން ނުވީ ކަމަށް ބުންޏެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޝްރީ ދޭވީގެ މަޝްހޫރުކަމާހެދި ސަލްމާނަށް ލިބެން އޮތް މަޤުބޫލުކަން ފަނޑުވެދާނެ ކަމުގެ ބިރު ހީވީއެވެ.
2018 ވަނަ އަހަރު މަރުވި ޝްރީ ދޭވީގެ އެންމެ ފަހު ފިލްމަކީ "މޯމް"އެވެ. ސަލްމާން ޚާންގެ އުމުރުން މިހާރު 57 އަހަރު ވެފައި ވީ ކަމުގައި ވިޔަސް، އޭނާ ދަނީ މެދުކެނޑުމެއް ނެތި ފިލްމީ މަސައްކަތްތައް ކުރަމުންނެވެ.
