ފޮނިތޮއްޓަކީ ހަމައެކަނި މީރުވަސް ދުއްވަން ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ އާންމުގޮތެއްގައި ބޭނުންކުރަން ވަރަށް ރަގަޅު އެހާމެ ގިނަ ފައިދާ ލިއްބައިދޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެއްފަހަރު ފޮނިތޮށި ބޭނުންކޮށްގެން ކޮންމެވެސް ކާއެއްޗެއް ނުވަތަ ބުއިމެއް ތައްޔާރުކޮށްލުމަށް ސަމާލުކަން ދޭންވާނެއެވެ.

ޓައިޕް-2 ޑައިބެޓީސް މެނޭޖްކުރުމަށް

ފޮނިތޮށީގައި ހިމެނޭ އެންމެ މުހިންމު ފައިދާއަކީ ކޮންމެ ދުވަހަކު ފޮނިތޮށި ބޭނުން ކުރުމުން، ޓައިޕް-2 ގެ ހަކުރުބަލި މީހުނަށް އެކަމުން ލިބޭ ފައިދާއެވެ. ލޭގައި ހިމެނޭ އިންސިއުލިން ދަށްކޮށް ލޭގެ ޕްރެޝަރް ދަށްކުރުމަށް ފޮނިތޮށިން އެހީ ލިބޭނެއެވެ. ފޮނިތޮށީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަކުރުބަލީގެ މީހުނަށް އެންމެ ދަތި ދެ މައްސަލައަށް ޙައްލު ލިބެއެވެ.

ކޮލެސްޓްރޯލް ދަށްކޮށްދިނުން

މިހާރުވެސް ދިރާސާތައް ހެދެމުން އަދި ބައެއް ދިރާސާތަކުގެ ނަތީޖާތައް ލިބެމުން އަންނަ ގޮތުން، ބޭޑް ކޮލެސްޓްރޯލް ދަށްކޮށް ގުޑް ކޮލެސްޓްރޯލް މަތިކުރުމަށް ފޮނިތޮށި އެހީތެރިވެދޭނެއެވެ. ފޮނިތޮށީގައި ހިމެނޭ މާއްދާއެއްކަމަށްވާ ސިނަމޭޓްގެ ސަބަބުން ކޮލެސްޓްރޯލް އުފައްދާ އެންޒައިމް މަދުކޮށްދެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ލޭގައި ހިމެނޭ ފެޓީ އެސިޑް މަދުކޮށްދޭނެއެވެ.

އެކްނޭ މަދުކޮށްދިނުން

ހަމުގައި އެކްނޭ އުފެއްދުމަށް މެދުވެރިވާ ބެކްޓީރިޔާގެ މަސައްކަތް ފޮނިތޮށިން ހުއްޓުވާލައެވެ. މިކަމަށް ބޭނުންވާ މާސްކް ހެދުމަށްޓަކައި 3 ސަމުސާ މާމުއިގެ ތެރެއަށް 1 ސަމުސާ މުގުރި ފޮނިތޮށިއަޅައިގެން ބަނދެލިއެއް ތައްޔާރުކުރާށެވެ. މޫނުގައި އުނގުޅާފައި 10 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. 2 ހަފްތާ ވަންދެން ތަކުރާރު ކުރުމުން އެދެވޭ ނަތީޖާ ފެންނާނެއެވެ.

އެތެރޭގެ ދުޅަ ތިރިކުރުން

ފޮނިތޮށީގައި ހިމެނޭ ސިނަމަލްޑެހައިޑް ކިޔާ މާއްދާއަކީ ފޮނިތޮއްޓަށް ވަހާއި ރަހަ ލިއްބައިދޭ މާއްދާއެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ދުޅަ ތިރިކޮށް، އާދަޔާ ޚިލާފް ސެލްތައް އުފެދެން މެދުވެރިވާ ސަބްސްޓެންސަސް ތައް ނައްތާލައެވެ.

އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުން

އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ ބެކްޓިރިއާ އަށް ހަމަލާދިނުމަށް ވެސް ހަރަކާތެރިވަނީ ސިނަމަލްޑެހައިޑް އެވެ. ސިނަމަން ރަހަހުންނަ ޗުއިންގަމް ނުވަތަ އަނގަ ދޮވުމަށް އަމިއްލަ ފެނެއް ތައްޔާރުވެސް ކޮށްލެވިދާނެއެވެ. 2 އިންޗި ހުންނަވަރުގެ 5 ފޮނިތޮށިކޮޅު، 1 ތަށި ފެނުގައި 5 މިނިޓްވަންދެން ކައްކާށެވެ. ދަތް އުނގުޅުމަށްފަހު މި ފެނުން އަނގަ ދޮންނާށެވެ.

މުސްކުޅިވުމުގެ އަލާމާތްތައް ކުޑަކުރުން

އުމުރުން ދުވަސްވާ ވަރަކަށް ހަމުގައި ކޮލާޖެން އުފައްދާ މިންވަރު ދަށްވެ، ހަމުގެ ދެމުން ކުޑަވާނެއެވެ. މިކަމުގެ ސަބަބުން ހަމުގެ އޮމާންކަން ގެއްލޭނެއެވެ. މިކަމަށް ޙައްލު ލިބެދޭނެކަމަށް ދައުވާ ކުރާ ވަރަށް ގިނަ ލޯޝަނާއި ކްރީމްތައް ބަޒާރުން ލިބެން ހުރެއެވެ. ނަމަވެސް ފޮނިތޮށިން މިކަމަށް ޙައްލު ލިބޭނީ އެއްވެސް އިތުރު ކެމިކަލް އަކާ އެއްކުރުމެއްނެތިއެވެ. އެހެންކަމުން މި ކަމަކަށްޓަކައިވެސް ގަވައިދުން ފޮނިތޮށި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.