ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ފުރަތަމަ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި ފާތިމަތު ރަޔާނާ ހޯދައިފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 27 އިން ނޮވެންބަރު 3 ގެ ނިޔަލަށް ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި 12 ކުޅުންތެރިން ވާދަކުރިއިރު، ފިރިހެނުން ޑަބަލްސް ބައިގައި 38 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އަދި އަންހެން ސިންގަލްސް ބައިގައި 10 ކުޅުންތެރިން، ފިރިހެން ސިންގަލްސް އިވެންޓްގައި 30 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ ހަސަން ނާޒިމް (ނާނަ) އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ކާމިޔާބުކުރީ 25-21، 24-11 އިންނެވެ. މި އިވެންޓްގެ ތިންވަނަ މަގާމް ހާސިލްކުރީ އަހުމަދު އިކްލީލް (އިކޫ) އެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު އަންހެން ސިންގަލްސް ފައިނަލްގައި އައިމިނަތު ވިދާދްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައި، ރަޔާނާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މި މެޗުގެ ސެޓުތައް ރަޔާނާ ކާމިޔާބުކުރީ 24-17، 25-10 އިންނެވެ.

އެއްވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑްގެ މެޗެއްގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

މި މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ ހޯދީ، ފައިނަލްގައި ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ވިދާދް އާއި ނަހުފާގެ ޕެއާ ކާމިޔާބުކުރީ 21-18، 25-10 އިންނެވެ. މި ދެ ކުޅުންތެރިންނަކީ އެންމެ ފަހުގެ ގައުމީ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޕެއާ ވެސް މެއެވެ.

ފިރިހެން ޑަބަލްސް ފައިނަލްގައި އާދަމް އަދީލް އާއި އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އަލީ އާޒިމް (އާޒީ) އާއި މުޙައްމަދު މުންތަސިރު (މުންކޮ) ގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް އާއި އަޒްމީންގެ ޕެއާ ކާމިޔާބުކުރީ 16-11، 24-21 އިންނެވެ.

މި ފަހަރުގެ ކެރަމް ކޮމިއުނިޓީ ޝީލްޑްގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.