ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަ އިހައްދޫ ސްކޫލުގައި މިއަދު އެއް ސެޝަނަށް ކިޔަވައިދޭން ފަށައިފިއެވެ. މި ސްކޫލަކީ 2004 ވަނަ އަހަރު ސުނާމީ ކާރިސާގެ ފަހުން މިއަތޮޅުގެ ދެރަށެއްގެ މީހުން ލ. ގަމަށް ބަދަލު ވުމާއި ގުޅިގެން ފްރެންޗް ރެޑްކްރޮސް ގެ އެހީއާއި އެކު އިމާރާތް ކުރެވުނު ސްކޫލެކެވެ. މި ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށުނީ 10 ޖެނުއަރީ 2010 ވަނަ ދުވަހުއެވެ. 271 ދަރިވަރުންނާއި އެކު މިސްކޫލުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު ކިޔަވައިދިނީ އެއް ސެޝަންގައެވެ. ނަމަވެސް ފަހުން ކުދިން ގިނަވުމުގެ ސަބަބުން ޖާގައިގެ ދަތިކަން ދިމާވެ، ކިޔަވައިދިނުން ދެސެޝަނަށް ބަދަލުކުރަން ޖެހުނެވެ.
2017 އިން ފެށިގެން ދެސެޝަނުގައި ކިޔަވައިދެމުން އައި މި ސްކޫލުގައި އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 އާއި ހަމަޔަށް ކިޔަވައިދެއެވެ. އަދި މިވަގުތު 400 އެއްހައި ދަރިވަރުން މި ސްކޫލުގައި އެބަތިއްބެވެ.ފަހުން ހެދި 6 ކްލާސްރޫމާއިއެކު މިހާރު ޖުމުލަ 21 ކްލާސްރޫމް އެބަހުއްޓެވެ. ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނަޒީލް ވިދާޅުވިގޮތުގައި ދެސެޝަނަށް ކިޔަވައިދެމުން އައި އިރު އެންމެ ބޮޑަށް ދަތިވީ ސްކޫލުގެ އިތުރު ހަރަކާތްތަށް ކުރިޔަށް ގެންދިޔުމަށެވެ. ހެނދުނު 6:45 އިން ފެށިގެން ހަވީރު 5:15 އާއި ހަމަޔަށް ސްކޫލުގައި ކިޔެވުން ކުރިޔަށްދާއިރު އިތުރު ހަރަކާތް ތަށް ކުރިޔަށް ގެންދަން ލިބޭ ވަގުތުކޮޅު ވަރަށް ކުޑައެވެ. އަދި ބައެއްފަހަރު މުދައްރިސުންނާއި އެހެން މުވައްޒަފުން މުޅި ދުވަސް އެއްކޮށް ސްކޫލުގައި ހޭދަކުރަންޖެހެއެވެ.
ސްކޫލުގެ ބެލެނިވެރިޔަކާވެސް ވާހަކަ ދައްކާލީމެވެ. މީގެ ކުރިން ދެގަޑިޔަށް ދެކުދިން ސްކޫލަށް ގެންދަން ޖެހުނު މި ބެލެނިވެރިޔާއަށް ދެން ވަރަށް ފަސޭހަވާނެއެވެ. އިންޓަވަލް ތައްޔާރުކުރުމާއި ދެކުދިން ތައްޔާރުކޮށްގެން ސްކޫލަށް ގެންދިޔުމަށް ދެން ވަރަށް ފަސޭހަ ވާނެކަމަށް ބުންޏެވެ. އަދި ކުދިންގެ ޓިއުޝަނާއި ޤުރުޢާން ކުލާހުގެ ގަޑިތައްވެސް ކުދިން ވަރުބަލި ނުވާނެހެން ހަމަޖެހޭނެ ކަމަށް ބުންޏެވެ.
ޕްރިންސިޕަލްގެ ވާހަކައިން އެނގުނު ގޮތުގައި މިސްކޫލުގައި ވަރަށް ގިނަ އިތުރު ހަރަކާތްތައް ރާވާފައި އެބަހުއްޓެވެ. އެކިއެކި ކުޅިވަރުތަކާއި އަދަބީ ކަންކަމުގެ އިތުރަށް އެކިކަހަލަ އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށްވެސް ޕްލޭން ކޮށްފައި ވެއެވެ. މީގެކުރިން ކުރިޔަށް ނުގެންދެވިހުރި ވަރަށް ގިނަ ކަންތައްތައް ދެން ކުރިޔަށް ގެންދެވޭނެ ކަމަށް ޕްރިންސިޕަލް އުއްމީދު ކުރައްވައެވެ. އަދި މުދައްރިސުންގެ ވަރުބަލިކަމަށް ލުޔެއް ލިބޭނެ ކަމަށްވެސް ވަރަށް ބޮޑަށް އުއްމީދު ކުރައްވައެވެ.
