ބަރުދަން ލުއިކޮށް، އެއްވަރެއްގައި ހިފަހައްޓަން ބޭނުންވާ މީހުންނަށް، އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ތޭޖަސްވީ ޕްރަކާޝް މޮޅު ގޮތެއް ކިޔައިދީފިއެވެ. ކަލާޒް ޗެނަލުން ގެނެސްދިން މަޤުބޫލު ޑްރާމާ ސިލްސިލާ "ސްވަރާގިނީ" ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓްރެސް ބުނީ، އެންމެ ކުރިންސުރެ ވެސް އޭނާގެ ހަށިގަނޑު އެއް ބައްޓަމެއްގައި ބަހައްޓަނީ ވަކި ޙާއްސަ ޑައިޓެއް ކޮށްގެން ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އޭނާ ކުރާ ކަމަކީ، ހެނދުނު ހޭލައިގެން ޙާއްސަ ބުއިމެއް ބޭނުންކުރުން ކަމަށް ތޭޖަސްވީ ވަނީ އިންސްޓަގްރާމްގައި ހާމަކޮށްފައެވެ. އަދި ކެއުމަށް ވުރެ ބޯ އެއްޗިއްސަށް ސަމާލުކަން ދޭ ކަމަށް ވެސް ބުންޏެވެ. 30 އަހަރުގެ ތޭޖަސްވީ ބުނީ، ހާއްސަ އިސްކަމެއް ދީގެން ކޮންމެ ދުވަހަކު އޭނާ ބޯ ބުއިމަކީ ޗިއާ ސީޑު އަޅާފައި ހުންނަ ލުނބޯހުތު ފެން ކަމަށެވެ.
އެ ބުއިން ތައްޔާރުކުރާ ގޮތަކީ، ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން 1 ޖޯޑު ފެނަށް 2 މޭޒުމަތީ ސަމްސާ ޗިއާ ސީޑު އަޅާފައި ބަހައްޓާނީއެވެ. އަދި ހެނދުނު ހޭލައިގެން އޭގެތެރެއަށް 1 މޭޒުމަތީ ސަމްސާ މާމުއި، އަދި 2 މޭޒުމަތީ ސަމްސާ ލުނބޯހުތް އަޅާފައި ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު ހުސްބަނޑާ ހުރެގެން މީތި ބޯނީއެވެ.
ޗިއާ ސީޑަކީ އޭގައި އެތައް ބައިވަރު ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އަދި ޗިއާ ސީޑާއި ލުނބޯހުތް އެއްވުމުން، އެ ފައިދާތައް ދެގުނަ ވެގެން ދާނެއެވެ. މި ބުއިމުގެ ސަބަބުން ދިފާއީ ނިޒާމާއި ހަޖަމުގެ ނިޒާމަށް ވެސް އިތުރު ލުއިތަކެއް ލިބިގެން ދެއެވެ. އަދި ގިނަ ކާއެއްޗެހި ތަކެއް ނުކެއި ކަމުގައި ވިޔަސް މީހާގެ ގައިގައި ވަރު ޖައްސައިދީ، ގިނައިން ކެއުމާ ދުރުކޮށްދޭނެ ކަމަށް ތޭޖަސްވީ ބުނެއެވެ.
ތޭޖަސްވީ އަކީ "ބިގް ބޮސް 15" ކާމިޔާބުކުރި ތަރި ވެސް މެއެވެ. އޭގެ ފަހުން "ނާގިން 6"އިން ތޭޖަސްވީ ފެނިގެން ގޮސްފައިވެއެވެ.
