ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ދަރިފުޅަށް އެއް އަހަރުވުން ފާހަގަކޮށްފިއެވެ. ރަހާ ކަޕޫރުގެ ނަން ދީފައިވާ އަންހެން ދަރިފުޅަށް އަހަރު ފުރިގެން، އާލިއާ ވަނީ އެކަން އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މިހާތަނަށް 1.5 މިލިއަން ލައިކްސް ލިބިފައިވާ އެ ޕޯސްޓުގައި އާލިއާ ވަނީ ދަރިފުޅާ ބެހޭގޮތުން ލޯބި ބަސްކޮޅެއް ލިޔެފައެވެ. އެގޮތުން އާލިއާ ބުނީ، އެ ދަރިފުޅަކީ އެމީހުންގެ މުޅި ދިރިއުޅުމާއި އުފާވެރިކަން ކަމަށެވެ.
އަދި ދަރިފުޅަށް އެއް އަހަރު ވީ އިރު ދުވަސްތައް ދިޔަ ގޮތް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އާލިއާ ވަނީ ރަހާ އަކީ އެދެމަފިރިންނަށް ލިބުނު ބޮޑު ނިޢުމަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ހިއްސާކުރި ފޮޓޯ ތަކުގެ ތެރޭގައި، ރަހާގެ ކުޑަކުޑަ ދެ އަތް ތިލަ ކޭކުގެ ތެރެއަށް ލައިގެން އިންނަ މަންޒަރު ފެނިގެންދެއެވެ.
މީގެ އިތުރުން، ރަހާއަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރަންބީރުގެ ދެމަފަރިން ވަނީ އެމީހުންގެ ގޭގައި ޕާޓީއެއް ބާއްވައިފައެވެ. އެ ޕާޓީއަށް ދަޢުވަތު ދީފައިވަނީ ދެ ފަރާތުގެ އާއިލާގެ މީހުންނަށެވެ. އޭގެ ތެރޭގައި ރަންބީރުގެ މަންމަ ނީތޫ ކަޕޫރާއި، އާލިއާގެ މަންމަ ސޯނީ ރާޒްދާން ހިމެނެއެވެ.
ބޮލީވުޑުގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް ތަރިން ތަކުގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އާލިއާ ވިހާފައި ވަނީ އެ އަހަރުގެ ނޮވެންބަރުގައެވެ. ކައިވެންޏާއި ދަރިއަކު ލިބުމާ ދޭތެރޭ ކިރިޔާ 8 މަސް ވެސް ނުވާ ކަމަށްބުނެ، މި ދެތަރިންނަށް ވަނީ އެދުވަސްކޮޅު ފާޑުކިޔުން އަމާޒުވެފައެވެ.
