މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގައި ކްލަބް ވެމްކޯއާ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރާން ޖެހިއްޖެއެވެ.

ސިޓީ ސްޕޯޓްސް ކްލަބުން ފައިނަލަށް ދަތުރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކްލަބު އާބަންކޯ އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރި މި ދެ ޓީމަކީ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދީ ދެ ޓީމެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 30-28 އިން ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބުންނެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓު 25-22 އިން ކުރިހޯދައި އާބަންކޯ އިން ނަތީޖާ ހަމަހަމަކުރިއެވެ.

މި މެޗުގައި ދެން ކުޅެވުނު ދެ ސެޓު 25-15، 25-20 އިން ކާމިޔާބުކޮށް ސިޓީ ސްޕޯޓްސް ކްލަބުން ފައިނަލްގެ ސީދާ ޖާގައެއް ކަށަވަރުކުރިއެވެ.

ވެމްކޯ ފައިނަލުން ޖާގަ ހޯދީ ދެ ސެމީ ކުޅެގެންނެވެ. އެގޮތުން، އެ ޓީމުން ވަނީ ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، ސްޕޯޓްސް ކުލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. މި މެޗުން ވެމްކޯ މޮޅުވީ 25-22، 25-20، އަދި 25-19 އިންނެވެ.

އެއަށްފަހު، ވެމްކޯ އިން ވަނީ ރޭ ކުޅުނު ތިންވަނަ ސެމީގައި ފަސް ސެޓު ކުޅެގެން އާބަންކޯ 3-2 އިން ބަލިކޮށް، ފައިނަލްގެ ފަހު ޖާގަ ހޯދައިފައެވެ. ރޭގެ މެޗުގައި ވެމްކޯ އިން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓު 25-19 އިން ވެމްކޯ ކާމިޔާބުކުރިއެވެ. ނަމަވެސް، އެއަށްފަހު ދެން ކުޅެވުނު ސެޓު 25-21 އިން ކާމިޔާބުކުރީ އާބަންކޯ އިންނެވެ. މިއާއެކު، ނަތީޖާ ނެރުމަށް ދެން ކުޅެވުނު ފަސްވަނަ ސެޓުން ވެމްކޯ ކުރިހޯދީ 15-12 އިންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ސިޓީ ސްޕޯޓްސް ކްލަބާ ވެމްކޯ އެވެ.