ހަމުގެ ކުލަ އަލި ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައި ވާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީޤީ ހާމަކޮށްފިއެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި 49 އަހަރުގެ އެކްޓަރު ވަނީ އޭނާ ދޮން ވާން ކުރި ކަންތައް ކިޔައިދީފައެވެ.

އެގޮތުން، ނަވާޒުއްދީން ބުނީ، އޭނާގެ ހަމުގެ ކުލައާ މެދު ހިތްހަމަނުޖެހިގެން ފާޑުފާޑުގެ ދޮންވާ ކްރީމްތައް އުނގުޅިން ކަމަށެވެ. އެކަމަކު އެކަން ކޮށްގެން އެއްވެސް ބަދަލެއް ނާންނާތީ އެކަން ހުއްޓާލީ ކަމަށެވެ. އެއާއެކު މަޑުމަޑުން އަމިއްލަ ސިފައާ މެދު ދެކޭގޮތް ބަދަލުކޮށް، އެ ސިފައާ މެދު ހިތްހަމަޖެހުނީ ކަމަށް ބުންޏެެވެ. 

ނަވާޒުއްދީން ބުނީ، ފިލްމީ ދާއިރާއަށް އަލަށް ނުކުތް ދުވަސްކޮޅު އޭނާއަށް ގަބޫލުކުރެވިފައި އޮތީ އޭނާއަކީ "ހުތުރު" މީހެއްގެ ގޮތުގައި ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހަމުގެ ކުލަ ކަޅުވުން ކަމަށް ބުންޏެވެ. އަދި އެގޮތަށް އެންމެ ބޮޑަށް ގަބޫލުކުރެވުނީ، އޭނާގެ ވަށައިގެން ތިބޭ މީހުން އޭނާ އަކީ "ބަލާލަން އެހާ ރީތި ނޫން" މީހެއްގެ ގޮތުގައި ސިފަކުރާތީ ކަމަށް ބުންޏެވެ. 

އެހެންނަމަވެސް، ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ލިބެމުން ދިޔަ ކާމިޔާބީއާއެކު، އޭނާ އަކީ ކޮންމެ ސިފައަކަށް ހުއްޓަސް މޮޅު މީހެއް ކަމަށް މީހުން ބަލައިގަތުމުގެ އިހުސާސް ކުރެވިގެން، ނަވާޒުއްދީން ނިންމީ މީހާ ހުންނަ ސިފައަކުން ވާނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. 

"އެކަމަކު އަދިވެސް ބައެއް މީހުން އަހަރެންގެ ސިފައަށް އެއްޗެހި ބުނޭ. ހިއެއް ނުވޭ މިކަން އެއްކޮށް ހުއްޓޭނެހެނެއް. އެކަމަކު ކުރިއަށްވުރެ މީހުން ބަލައިގަންނަ ވަރު އިތުރުވެއްޖެ"، ނަވާޒުއްދީން ބުންޏެވެ. 

މީގެ އިތުރުން ނަވާޒުއްދީން ބުނީ، އޭނާ ބޭނުންވާ ވަރުގެ ކާމިޔާބީއަކާ ހަމައަށް ދެވުނީ ފިލްމީ ދާއިރާގައި 10-12 ވަރަކަށް އަހަރު ވަންދެން ބުރަކޮށް މަސައްކަތް ކޮށްގެނެވެ. 

ނަވާޒުއްދީން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބަޖްރަންގީ ބައިޖާން" އަދި "ގޭންގްސް އޮފް ވަސޭޕޫރު"ފާހަގަކޮށްލެވެއެވެ.