ލަވައެއްގެ ޝޫޓިންގ އެއްގައި ހޫނުފެން ބާލިދީއަކަށް އެރިގެން ހުންނަން ޖެހުނު ކަމަށް މަޝްހޫރު އެކްޓްރެސް، ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު، މިހާރު ހޮލީވުޑްގައި ވެސް ބެލުންތެރިންގެ މަޤުބޫލުކަން ހޯދަމުން އަންނަ އިންޑިއާގެ ތަރި މިހެން ބުނެފައި ވަނީ ފިލްމު ފެސްޓެއްގައި މި ފަހުން ދިން އިންޓަވިއުއެއްގައެވެ.

ބޮލީވުޑްގައި ކުރަން ޖެހުނު ތަފާތު ތަޖުރިބާތައް ކިޔައިދެމުން ޕްރިޔަންކާ ބުނީ، އެއީ ސްވިޒަލޭންޑުގެ ފަރުބަދަތަކުގެ މަތީގައި ކުޅުނު ލަވައެއް ކަމަށެވެ. އަދި އެތަނަށް ސްނޯ ފައިބާފައި ހުރުމުން، ވަރަށް ފިނި ކަމަށް ބުންޏެވެ. އެހެންނަމަވެސް، އޭނާ ލައިގެން ހުންނަން ޖެހުނީ ޝިފޯން ފޮތީގެ ސާޅީއެއް ކަމަށްވުމުން، އޭނާ ހުރީ ވަރަށް ބޮޑަށް ހީކަރުވައިގަނެފައި ކަމަށެވެ.

"އަހަރެންގެ ކޯސްޓާރު ހުރީ ހަމަ ފިނީގަ ލާ އެއްޗެހި ލައިގެން. އެކަމަކު އަހަރެން ހުންނަން ޖެހުނީ ސާޅީއެއް އަޅައިގެން ވަރަށް ބޮޑަށް ހަށިގަނޑު ފާޅުވާ ގޮތަށް،" ޕްރިޔަންކާ ކިޔައިދިނެވެ.

ޕްރިޔަންކާ ބުނީ، ވަރަށް ކައިރިން ނެގި ޝޮޓެއްގައި އޭނާ ލަވަކިޔަން އުޅޭއިރު ދަތްތައް ވެސް ތުރުތުރުލާތީ، އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި އޭނާ ޖެހުނީ ހޫނުފެން ބާލީދީއަކަށް އެރިގެން އެ ކްލޯޒް-އަޕް ޝޮޓު ނަގަން ކަމަށެވެ. އެއީ ހަށިގަނޑަށް ކިރިޔާ ވެސް ހޫނެއް ލިބެން އޮތް ގޮތް ކަމަށް ބުންޏެވެ. 

ޕްރިޔަންކާ ބުނި އެ ލަވައަކީ 2005 ގެ ފިލްމު "ޔަކީން"ގެ ލަވަ "މޭރީ އާކޯން މޭ" ކަމަށް ބެލެވޭ ކަމަށެވެ. އެ ފިލްމުގައި ޕްރިޔާންކާގެ ކޯ ސްޓާރެއްގައި ގޮތުގައި ފެނިގެންދިޔައީ އަރްޖުން ރާމްޕަލް އެވެ.