ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ/ޕްރޮޑިއުސަރ ކަރަން ޖޯހަރަކީ، އެ އިންޑަސްޓްރީގައި ވަރަށް ނުފޫޒުގަދަ މީހެކެވެ. އޭނާއާ ގުޅުން ނޯންނަ ތަރިއަކު އެ ދާއިރާގައި ވަރަށް މަދުވާނެއެވެ. އޭގެތެރެއިން ވެސް، އެންމެ ކުރިންސުރެ ކަރަން ޖޯހަރާ ގާތްކަން އޮންނަ ޙާއްސަ ތަރިންތަކެއް އުޅެއެވެ. މަޝްހޫރު ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކާޖޮލް އަކީ ކަރަންގެ "ބެސްޓު ފްރެންޑުން""ގެ ލިސްޓުގައި ގުނާލެވޭ ދެ މީހުންނެވެ.

1990 ގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް އެ ގާތްކަން އޮތެއް ކަމަކު، އެ ގުޅުމަށް ލޮޅުން އެރި ދުވަސްކޮޅެއް ވަނީ ގޮސްފައެވެ. އަދި ކަރަން ވަނީ ދާދިފަހުން އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފައެވެ. ކަރަންގެ އަމިއްލަ ޓޯކްޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ކަރަން ވަނީ ކަރީނާއާ ޖެހުނު މައްސަލައާއި، ކާޖޮލް އާ ޖެހުނު މައްސަލަ ވަކިވަކިން ތަފްސީލުކޮށް ކިޔައިދީފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަރީނާގެ ވާހަކަ ދައްކަމުން ކަރަން ބުނީ، އެދެމެދުގައި އޮތް ގުޅުން ހީނަރުވީ 2003 ވަނަ އަހަރު ކަރަން އުފެއްދި ފިލްމު "ކަލް ހޯ ނާ ހޯ" ގެ ބަތަލާގެ ރޯލު ކަރީނާއަށް ހުށަހެޅި ހިސާބުން ކަމަށެވެ. އެ ރޯލު ހުށަހެޅުމުން ކަރީނާ ޑިމާންޑު ކުރީ، ފިލްމުގެ ބަތަލު ޝާހްރުކް ޚާނާ އެއްވަރުގެ އަގެއް އޭނާއަށް ވެސް ދޭންޖެހޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެ ޒަމާނަކީ ބޮލީވުޑުގައި ވެސް ޖިންސީ ތަފާތުކުރުންތައް އޮތް ޒަމާނަކަށް ވުމުން، ކަރީނާ ފާޅުގައި އެހެން ބުނުމުން ކަރަން އަށް އެ ގޮތް ކަމުނުދިޔައީއެވެ. އަދި ކަރީނާގެ ބަދަލުގައި 'ނޭނާ' ގެ ރޯލު ދިނީ ޕްރިތީ ޒިންތާ އަށެވެ. މިކަމާ ހުރެ ކަރަން އާއި ކަރީނާ ވާހަކަ ނުދައްކާ ދޮޅު އަހަރު ވަންދެން ތިބި ކަމަށް ބުންޏެވެ.

"އަލުން ވާހަކަ ދައްކަން ފެށުނީ އަހަރެންގެ ބައްޕަ ޔަޝް ޖޯހަރު މަރުވެގެން އެ ހަބަރު ލިބިގެން ކަރީނާ އަހަންނަށް ގުޅި ހިސާބުން. އޭރު ކަރީނާ ހުރީ ޝޫޓިންގ އަކަށް ބެންކޮކަށް ގޮސް. އެކަމަކު ޝޫޓިންގ ނިމުނުހާ އަވަހަށް އެނބުރި އިންޑިއާގައި ފްލައިޓު ޖެއްސުމާއެކު އޭނާ ލަސްނުކޮށް އައީ އަހަރެންގެ ގެއަށް. މުޅި ރޭ ވަންދެން ވާހަކަ ދައްކަން އަހަރެމެން ތިބިން"، ކަރަން ކިޔައިދިނެވެ. ކަރަން ބުނީ އޭގެފަހުން އަނެއްކާވެސް ކުރިން އޮތް ގުޅުމަށް ރުޖޫއަވީ ކަމަށެވެ. "އެކަމަކު މައްސަލަ ޖެހުނު އިރު އަހަރެން ބުނިން ދެން ދުވަހަކުވެސް ވާހަކައެއް ނުދައްކާނަމޭ"".

ކަރަން ދެން ކިޔައިދިނީ ކާޖޮލް އާ ޖެހުނު މައްސަލައެވެ. އެއީ 2016 ވަނަ އަހަރު ނުކުތް ކަރަންގެ ފިލްމު "އޭ ދިލް ހެ މުޝްކިލް" އާއި، ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ގެ ފިލްމު "ޝިވާއީ"އާ ދާދި އެއް ޑޭޓެއްގައި ރިލީޒް ކޮށްގެން އުޅެނިކޮށް ޖެހުނު މައްސަލައެކެވެ. އެގޮތުން އެ ދެ ފިލްމު ސިނަމާތަކުގައި އަޅުވައިގެން އުޅެނިކޮށް، ފިލްމު ކްރިޓިކު ކަމާލް އާރް ޚާން _(ކޭއާރްކޭ) ކުރި ޓްވީޓެއްގައި ބުނީ، "އޭ ދިލް ހެ މުޝްކިލް"އަށް ތައުރީފުޮކޮށް، "ޝިވާއީ"އަށް ފާޑުކިޔުމަށް އޭނާއަށް ފައިސާ ލިބުނު ކަމަށެވެ. އެއީ ސީދާ ކަރަން ކުރި ކަމެކޭ އެ ޓްވީޓުގައި ބުނެފައި ނެތަސް، އަޖޭ އާއި ކާޖޮލް ނިންމައިގެން ހުރީ އެގޮތަށެވެ. އަދި އަޖޭ އެ ޓްވީޓު ރީޓުވީޓު ކުރުމުން، ކާޖޮލް ވަނީ "ޝޮކެއް ލިބިއްޖެ"ކަމަށްބުނެ ކޮމެންޓު ކޮށްފައެވެ. 

އެދުވަހަށްފަހު ކާޖޮލް ވަނީ ކަރަން އާ އަނގައިން ބުނުން ހުއްޓާލައިފައެވެ. އޭރު މި މައްސަލަގަނޑު ބޮޑުކޮށްގެން މީޑިއާތަކުން ވެސް ގެނެސްދީފައިވެއެވެ. ނަމަވެސް ކާޖޮލް އާ ވާހަކަ ނުދައްކައި ނުހުރެވިގެން ކަރަން ވަނީ ކަރަންގެ އެއްމާބަނޑު ދެބެއިން އުފަންވި ދުވަހު އެވާހަކަ ކާޖޮލް އަށް އެންގުމުގެ ގޮތުން މެސެޖު ކޮށްފައެވެ. "އަހަރެން އެދެކުދިންގެ ފޮޓޯއެއް ފޮނުވާފަ ބުނީ ހެވޭ ރިޕްލައި ނުކުރިޔަސް އެކަމަކު މިތިބީއޭ އަހަރެންގެ ދެ ދަރިން. މިއީ ޔަޝް އާއި ރޫހީ އޭ". 

ކަރަން ބުނީ އޭނާ އުއްމީދު ނުކޮށް ހުއްޓައި ކާޖޮލް އެ މެސެޖަށް ރައްދުދިން ކަމަށެވެ. "އޭނާ ބުނީ ތިމަންނަ ލޯބިން ފުރިއްޖެޔޭ". އަދި އޭގެ މަހެއް ފަހުން ކާޖޮލް ވަނީ އޭނާގެ އުފަންދުވަހުގެ ޕާޓިއަށް ކަރަން އަށް ދަޢުވަތު ދީފައެވެ. "އޭނާ ބުނި ކޮންމެހެން އަންނަން މަޖުބޫރެއް ނޫނޭ. އެކަމަކު އަހަރެން ދިޔައިން".

ކަރަން ބުނީ އެ ޕާޓީން ދިމާވުމާއެކު ދެމީހުން އެކަކު އަނެކަކު ގައިގައި ބައްދައި ރޮއެ ހެދި ކަމަށެވެ. އަދި އެހިސާބުން މައްސަލަ ނިމި، ކުރިން ވެސް އޮތް ގާތްކަން އެނބުރި އައީ ކަމަށް ބުންޏެވެ.