އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ އެއްޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މިއަދު ބޭއްވެވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭސްފަރުވާއަށް ބޭނުންވި ފަރާތްތަކަށް މި ދަތި ދުވަސްވަރު، އާސަންދައިގެ ދަށުން ބޭސްކުރުމަށް އިންޑިއާއިން ހަމަޖައްސައިދިން ޚާއްޞަ އިންތިޒާމުތައް ފާހަގަކުރައްވައި، އެ ކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެހެނިހެން ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަންވެސް ފާހަގަކުރައްވައި، އެ ކަންކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މިގޮތުން އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިޔާ ސަފީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާއިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަމާއި، ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި މުސްތަޤުބަލުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައެވެ.