އިންޑިޔާ ގެ އާބާދީ ގެ %60 އަށް ވުރެން ގިނަ މީހުން އާމްދަނީ ހޯދަން ބަރޯސާ ވާކަމަކީ ދަނޑުވެރިކަމެވެ. ނަމަވެސް ގިނަ ފަހަރަށް އިންޑިޔާ ގެ ސަރުކާރުގެ ފަރާތުން ކުރިމަތިވާ ފިއްތުން ތަކުގެ ސަބަބުން ދަނޑުވެރިން ޖެހެނީ މާޔޫސް ކަމާއި ކުރިމަތިލާށެވެ.

ދާދި ފަހުން އިންޑިޔާ ގެ ސަރުކާރުން މިވަނީ އަނެއްކާ ވެސް ދަނޑުވެރިކަމާއި ބެހޭ ގާނޫނަށް ބަދަލު ތަކެއް ގެނެސްފައެވެ. މިކަމާއި ނުރުހުން ފާޅުކޮށް އިންޑިޔާ ގެ ގިނަ އަދަދެއް ގެ ދަނޑުވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ކުރަމުން ދަނީ އިންޑިޔާ ގެ މުހިންމު ހައިވޭ ތަކުގައި ކަމުން ގިނަ ހައިވޭތައް ވަނީ ބަންދުކޮށްފައިއެވެ. މި މީހުން ބުނަމުން ދަނީ މި ބަދަލު ތަކާއި އެކު އެމީހުންނަށް ލިބޭ ގެއްލުން ބޮޑުވެގެން ދާނެ ކަމަށެވެ. އެގޮތުން އެމީހުން ވިއްކާ އެއްޗެހި ދެން ވިއްކަން ޖެހޭނީ ނުއަގުގައި ބޮޑެތި ކުންފުނި ތަކަށް ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ނިކަމެތި ރައްޔިތުންނާއި ދޭތެރޭ ނުވިސްނާކަމަށާއި އެމީހުން ވިސްނަނީ އަމިއްލަ ފައިދާއަށް ކަމަށެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ބުނަމުން ދަނީ މިއީ އެއްގޮތަކަށް ދަނޑުވެރިންނަށް ގެއްލުމެއް ވާނެ އިސްލާހެއް ނޫން ކަމަށާއި އެމީހުންނަށް ރަނގަޅަށް އިސްލާހުގެ ފައިދާތައް ނުވިސްނެނީ ކަމަށެވެ. ސަރުކާރުން ވަނީ ދަނޑުވެރިންނާއި މަސްވަރާކޮށް މިކަމަށް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުން ނަމަވެސް ދެފަރާތުން އެއްބަސް ވެވޭނެ އެއް ގޮތެއް ވެސް ފެނިފައެއް އަދި ނުވެއެވެ.

ދަނޑުވެރިން ވަނީ އިންޑިޔާގެ  މައި 5 ހައިވޭއެއް ބަންދުކޮށް އެތަންތާގައި މުޒާހަރާ ވަރުގަދަ ކޮށްފައިވެއެވެ. އަލްޖަޒީރާ ނޫހަށް މި މުޒާހާރައިގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ކިޔާދިން ގޮތުގައި "ސަރުކާރުން ވަނީ މި ގަވާއިދަށް ބައެއް ބަދަލުތައް ގެންނަން އެބަސްވެފައި. އެކަމު އަހަރުމެން ބޭނުން ވަނީ ގަވައިދެއް ހަދާ އިރު ދަނޑުވެރިން ގެ ޖަމްޢިއްޔާއާއި ވާހަކަ ދައްކައިގެން ގަވާއިދުތައް ހެދުން." ކަމަށެވެ.

އިންޑިޔާގެ އުތުރުގެ ސްޓޭޓްތައް ކަމުގައިވާ ޕަންޖާބް އަދި ހަރިޔާނާ ގައި ފާއިތުވެދިޔަ 2 މަސް ތެރޭ ގައި ވަރުގަދަ އަށް މުޒާހަރާ ކުރަމުން ގޮސްފައިވެއެވެ. މި މުޒާހަރާ ގެ ބައިވެރިން އިތުރަށް ބުނެފައިވަނީ ކުރިޔަށް އޮތް ތާންގައި މި މުޒާހަރާ ދާނީ އަދިވެސް ވަރުގަދަ ކުރަމުން ކަމަށެވެ.