ގިނަބަޔަކަށް ހީވެފައި އޮންނަގޮތުގައި ވަރުބަލިވާ ކަހަލަ ކަސްރަތުކުރުމުން ނޫނީ ހަށިގަނޑަށް ފައިދާއެއް ނުކުރާނެއެވެ. މިއީ ކުށްހީއެކެވެ. މާބުރަކޮށް ނޫނަސް ކުރެވޭބައެއް ކަސްރަތުން ހަށިގަނޑުގެ ނާރުތަކާއި މަސްތަކަށް އަރާމު ލިއްބައިދީ ބައެއް އުނދަގޫ ހާލަތްތަކުން ހަށިގަނޑު ދުރުކޮށްދެއެވެ. މިގޮތުން ފާރެއްގެ ކައިރީގައި އޮށޯތުމަށްފަހު ފާރަށް ފައިނަގައިގެން ކޮންމެ ދުވަހަކު 20 މިނިޓް އޮވެލުމުން ހީވެސް ނުކުރާހާ ގިނަފައިދާ ހަށިގަނޑަށް ލިބޭނެއެވެ. މިއީ މާބޮޑު ބުންވަރެއް ބޭނުންވާ ކަމެއް ނޫނެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް މިކަން ކުރެވޭނެއެވެ. ފާރަށް ފައިނަގައިގެން މިހެން އޮތުމުން ބުރަކައްޓާއި ފައި ހުންނާނީ 90 ޑިގްރީގެ ލެނބުމަކާއި އެކު ފާރާއި ތަޅުންގަނޑަށް ސީދާވާ ގޮތަށެވެ. މިގޮތަށް މިކަން ކުރަމުން ގޮސް އުނަގަނޑުގެ ދަށަށް ކުޑަ ބާލީހެއްވެސް ލެވިދާނެއެވެ. މިއީ ޔޯގާގައި ބޭނުންކުރާ ވަރަށް މުހިންމު އެއް ޕޯސްއެވެ. މިއަދު މި ބަލާލަނީ މިހެން އޮވެލުމުން ހަށިގަނޑަށް ލިބިދޭ ބައެއް ފައިދާއަށެވެ.
- ފައި އަދި ފައިތިލައިގައި ހުންނަ ދުޅަ ތިރިވުން
މިހެން ފާރަށް ފައިނަގައިގެން އޮތުމުން، ގްރެވިޓީގެ އަސަރު ފަޔަށްކުރާވަރު މަދުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ފައިގެ ނާރުތަކަށް ބާރު ކުޑަވެ، ގިނަވަގުތު ކޮޅަށް ހުރުމުން ފައިގެ ނާރުތަކަށް ލިބިފައިވާ ބާރުކަން ކުޑަވެ، ފަޔަށް އަރާމުލިބޭނެއެވެ. އަދި މިހެން ގިނަ ވަގުތު ކޮޅަށް ހުރެގެން ފަޔާއި ފައިތިލައިގައި އުފެދޭ ދުޅަ ތިރިވުމަށް އެހީތެރިވެދޭނެއެވެ.
- ވަރުބަލިވެފައިވާ ފައިގެ މަސްތަކަށް އަރާމު ލިބުން
މުޅިދުވަހުގެ ބުރަ މަސައްކަތުގައި އުޅުމުން އެންމެބޮޑު ބަރުކަމެއް އިހުސާސް ކުރެވެނީ ފަޔަށެވެ. ފަޔަކީ މުޅިހަށިގަނޑުގެ ބަރު ހިފެހެއްޓުމާއި އެކު ހެލިފެލިވެ އުޅުމަށް އެހީތެރިވެދޭ ގުނަވަނެވެ. އެހެންކަމުން ފައިގެ މަސްތަކަށް ކޮންމެ ދުވަހަކުމެ އަރާމުވާނެ ކަސްރަތެއް ކޮށްލުމަކީ މުހިންމު ކަމެކެވެ. މިހެން ފާރަށް ފައިނަގައިގެން އޮތުމުން މުޅި ހަށިގަނޑަށް ލުއިކަން އިހުސާސް ކުރެވޭނެއެވެ.
- ހަޖަމްގެ ނިޒާމް ހަމައަކަށް އެޅުން
މުޅި ދުވަހު ދެފައިމައްޗަށް ކޮޅަށް ހުރެ ދުވަސް ނިންމާލުމަށްފަހު މިހެން އޮވެލުމުން ހަށިގަނޑުގެ ލޭހިނގުމާއި އެތެރެހަށީގެ ގުނަވަންތަކުގެ މަސައްކަތަށް ވަރަށް ބޮޑު އަދި އެދެވޭ ބަދަލު އަންނާނެއެވެ. މީގެ އެއްކަމަކީ ހަޖަމްކުރުމުގެ ނިޒާމްގެ މައްސަލަހުންނަ މީހުނަށް މިކަމުން ލުއި ލިބުމެވެ. އަދި މުޅި ދުވަހު ބުރަކަށި ލަންބައިގެން ހުރުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލާއި، ބުރަކައްޓަށް ތަދުވާގޮތަށް އިށީނދެގެން އިނުމުގެ ސަބަބުން ކަށިތަކަށް އަންނަ ބަދަލުވެސް އިޔާދަވާނެއެވެ. ހަށިގަނޑު ހުންނަންވާ ސީދާކަން ގެއްލިޖެނަމަ ޚާއްސަކޮށް ބުރަކަށި އަދި އުނަގަނޑުގެ ކަށިތަކަށް ވަރަށް ތަދުވާނެއެވެ. މިކަން ބޮޑަށް ފާހަގަ ކުރެވޭނީ އުމުރުން ދުވަސް ވުމުންނެވެ.
- ނާރުތަކަށް އަރާމު ލިއްބައިދިނުން
މިއީ މުޅިހަށިގަނޑުގެ ނާރުތަކަށް އަރާމު ލިބިދިނުމަށް ވަރަށް މުހިންމު ވަގުތުކޮޅެކެވެ. މިހެން އޮންނަ އިރު ގޮހޮރުގައި ހަޖަމްނުވެ ހުރި އެއްޗެއް ނަމަ ހަޖަމްވެ، ހަށިގަނޑުގެ ކުދިކުދި ސެލްތަކަށް ލިބިފައިވާ ގެއްލުން އިޔާދަކޮށް ތާޒަކޮށްދޭނެއެވެ. މިހެން މިކަން ތަކުރާރު ކުރާނަމަ ދެތިން ހަފްތާގެ ތެރޭގައި ހަށިގަނޑުގެ ލޮޑުކަން ކެނޑި އަމިއްލަ ނަފްސު ތާޒާވެފައި ހުންނަކަން އިހުސާސްކުރެވޭނެއެވެ. މިއީ ނާރުތަކަށް އަރާމު ލިބުމުން ހަށިގަނޑަށް އަންނަ ބަދަލެކެވެ.
- ސިކުނޑިއަށް ހަމަޖެހުން ލިބުން
ކުރިން ބުނިހެން މިހެން ފާރަށް ފައިނަގައިގެން އޮވެ ފުންކޮށް ނޭވާލާ ނަމަ މެޑިޓޭޓްކުރުމުން ލިބޭކަހަލަ ހަމަޖެހުން ލިބޭނެއެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭނަމަ ދުވަހުގެ އެކި ކަންކަމުގައި ގޮތް ނިންމުމުގައި ފަސޭހަވެ، ކުއްލިއަކަށް ރުޅިއައުމާއި، މޫޑް ބަދަލުވުމުން ސަލާމަތްވާނެއެވެ. ކޮންމެ ކަމަކާ ކުރިމަތިލީ ނަމަވެސް ސިކުނޑިއަށް ހަމަޖެހުން ލިބޭނަމަ، މީހާ ހުންނާނީ އުފަލުގައެވެ. ހިތްހަމަޖެހިފައި ހުރުމަކީ ކާމިޔާބުކަމާއެކު ދުވަސް ނިންމާލުމަށް ލިބޭނެވަރަށްބޮޑު ހިތްވަރެކެވެ.
