ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސާފުތާހިރު މާހަލެއް އޮތުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ނަމަވެސް ޣައްޒާގައި ޒައިނިސްޓު ޔަހޫދީން ހިންގަމުންދާ ފަނާކުރަނިވި އަމަލުތަކުގެ ސަބަބުން މުޅި ޣައްޒާގައި އޮތީ ނުސާފު ތަކެމެވެ. ނުތާހިރު ކަމެވެ.
ސާފު ބޯފެނުގެ ނިޒާމުން އެބައިމީހުން ވަނީ މަހުރޫމުވެފައެވެ. ތާހިރުވާނޭ ފެނުން ވަނީ މަހުރޫމުވެފައެވެ. އަންނައުނުތަކާ ތަންމަތިތައް ސާފުކޮށްލާނޭ ގޮތެއް ވަނީ ނެތިފައެވެ. ތޮށްޖެހިގެން އުޅެންވަނީ މަޖުބޫރުވެފައެވެ. ޖައްވުގައި ވަނީ ދުމާ ހިރަފުގާ، ހުދު ފޮސްފަރަސްގެ އަސަރެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުފައި ޣައްޒާގައި މިހާރު ދަނީ ތަފާތު ބަލިތައް އިތުރުވެ ފެތުރެމުންނެވެ. ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުންގެ ތެރޭގައެވެ. އިސްވެ ދެންނެވުނު ސަބަބުތަކުގެ ސަބަބުންނެވެ.
އެގޮތުން އެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި 54،866 މީހުން ދަނީ މިހާރުވެސް ނޭވާލާ ނިޒާމުގެ އެކި އެކި ބަލިތައް ތަހައްމަލު ކުރަމުންނެވެ. އޭގެ ތެރެއިން %44 އިންސައްތަ މީހުން ވަނީ ބޭސްފަރުވާއިން މަހުރޫމުވެފައެވެ. ނޭވާލާ ނިޒާމުގެ މި ބަލިތައް އިތުރުވެފައިވަނީ ނުސާފު ވަޔާއި ހުދު ފޮސްފަރަސްގެ ދުމާ ހިރަފުހުގެ ސަބަބުންނެވެ.
ހޮޑުލާ ބޭރަށްހިންގުން ޖެހިފައި ތިބި، 33،551 މީހަކު ޣައްޒާގައި މިއަދު އެބަ ދިރިއުޅެއެވެ. ތާހިރުވާނޭ ރަނގަޅު ގޮތެއް ނެތުމާއި ނުސާފު ފެން ބޯން ޖެހުމުގެ ސަބަބުން އަދިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 12،635 މީހުންނަކީ ހަންގަނޑަށް ޖެހޭ އެކިކަހަލަ ބަލިތައް ޖެހިފައި ތިބި މީހުންނެވެ. މީގެ ތެރޭގައި ގައިންގަޔަށް އަރާ ބައެއްކަހަލަ ބަލިތައްވެސް ހުރި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ. ހަމަ އެއާއި އެކު 8،944 މީހުންނަކީ އުކުނު އެޅުމާއި ސްކެބީސް ފަދަ ކަންތައްތައް ތަހައްމަލު ކުރާ މީހުންނެވެ. މިއީ ސާފުތާހިރުވާނޭ ގޮތްތަކާ ވަސީލަތްތައް މަދުކަމުން ދިމައިވާ ކަންކަމެވެ.
އަލްޖަޒީރައި ރިޕޯޓުކޮށްފައިވާ ގޮތުން މި އަދަދުތަށް ދަނީ ކޮންމެ މިނެޓަކުމެ އިތުރުވަމުންނެވެ. ހަނގުރާމައިގެ ސަބަބުން އަނިޔާވެފައިމާ މީހުންނާ އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ލިބުން އޮތީ ދަތިކަމަކަށް ވެފައެވެ. މާތް ﷲ ޣައްޒާގެ ރައްޔިތުން އެ އުފުލާ ވޭނާ ތުރާލުން އަވަސް ގޮތެއްގައި މިންޖު ކުރައްވާށިއެވެ.
