ހިނގުމަކީ ކޮންމެ އުމުރެއްގެ ކޮންމެ މިންވަރެއްގެ ފިޓްނަސްހުންނަ މީހަކަށް ވިޔަސް ވަރަށް ފަސޭހައިން ކުރެވޭ އަދި ކުރާ ކަސްރަތެކެވެ. ނަމަވެސް ހިނގުމުގައި ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ހިނގައިގެން ޙާޞިލްކުރަން ބޭނުންވާ ކަންތައް ހާޞިލްނުވެ، އިތުރު އަނިޔާއެއް ވެސް ވެދާނެއެވެ. ހިގުމުގެ އެންމެ ފަސޭހަ ކަމަކީ ކޮންމެ މީހަކަށް ކޮންމެ ހިސާބެއްގައިވެސް އިތުރު އެއްޗެއް ބޭނުންނުކޮށް މިކަން ކުރެވޭ ކަމެވެ. ފަޔަށް ހެޔޮ ވަރު ބޫޓަކާއި ގަޔަށް އަރާމު ހެދުމެއްލުމުން ފުދުނީއެވެ. ބައެއް ގޭގޭގައި ޓްރެޑްމިލް ގައި ހިނގި ނަމަވެސް ބޭރަށް ނިކުމެ ހިނގާލުމުން ތާޒާވާކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެއެވެ. މިހާ ފަސޭހަ ކަސްރަތެއް ކުރުމުގައިވެސް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ގެއްލުމާ ކުރިމަތިލާންޖެހޭ ފަހަރު އާދެއެވެ. އެހެންކަމުން މިއަދު މި ބަލާލަނީ އެފަދަ ބައެއް ގޯސްތަކަށެވެ.
- ފަޔާ ނުގުޅޭ ބޫޓު
ހިނގުމުގައި އެންމެ ބޮޑު ކަސްރަތެއް ލިބި ހަރަކާތްކުރަނީ ފައެވެ. އެހެންކަމުން ފަޔަށް ހެޔޮވަރު ބޫޓަކަށް އެރުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޅިހަށިގަނޑުގެ ބަރުދަން ނަގައްޓަނީ ފައިން ކަމުން ފަޔަށް ހެޔޮވަރު، އަރާމު އަދި ފައިތިލައިގެ ބައްޓަމަށް ރަގަޅަށް ފެތޭ ބޫޓަކަށް އެރުމަށް ސަމާލުކަން ދޭންވާނެއެވެ. ފައިގެ ބައްޓަމަށް ބޫޓު ނުއިންނަ ނަމަ ފައިގެ އެކި ތަންތަނުން ފޮޅުނަގަންމެދުވެރިވާނެއެވެ. އަދި ހަމަ އެހެންމެ ބޫޓު ބާ ވުމުން ބަދަލުވެސް ކުރަންވާނެއެވެ. ފެންވަރު ރަގަޅު ބޫޓެއްގެ އުމުރަކީ 500 މޭލު ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. އޭގެ މާނައަކީ ކޮންމެ ދުވަހަކު ހިނގާ ދުރުމިން އެއްކުރުމުން 500 މޭލު އަންނަ ނަމަ ބޫޓު ބަދަލުކުރަންވީއެވެ.
- އަތް މާ ބޮޑަށް ނުވަތަ ކުޑަކޮށް ހަރަކާތްކުރުން
ހިނގާ އިރު އަތް ހަރަކާތްކުރަންވާނީ ފަޔާ އެއްވަރަށެވެ. މިސާލަކަށް ކަނާތް ނަގާނީ ފައަތު ފައި ނަގާއިރުގައެވެ. މިހެން ހަރަކާތް ކުރުމުން މުޅި ހަށިގަނޑު އެއްވަރަށް ހެލިފެލިވަމުން ދާނެއެވެ. މާބަރަށް ހިނގާނަމަ އަތްވެސް ބާރަށް ހަރަކާތްކުރާނީއެވެ. މަޑުން އާދައިގެ ވަރަކަށް ހިނގާނަމަ އަތްވެސް ހަމަ އެވަރަށް ހަރަކާތްކުރުމުން ފުދޭނެއެވެ.
- ކަރާއި ކޮނޑަށް ބާރުލައިގެން ހިނގުން
ހިނގަންވާނީ ހަށިގަނޑު ސީދަލަށް ބަހައްޓައިގެން، ނަމަވެސް ހަށިގަނޑުގެ މަސްތަކަށް ބާރުނާރުވާ، ދޫކޮށްލައިގެންނެވެ. ޚާއްސަކޮށް ހިނގުމުގައި ކޮނޑާއި ކަރުގެ މަސްތަކަށް ވާންވާހެން ބަހައްޓައިގެން ހިނގާނަމަ ބައިގަޑިއެއްހާ އިރު ވާއިރަށް އުނދަގޫވާން ފަށާނެއެވެ. ދެން އެހިސާބުން ހިނގުން އެއީ އެހާ ކުރާހިތުން ކުރާކަމަކަށް ނުވާނެއެވެ.
- މާދުރުގައި ފިޔަވަޅު އެޅުން
ހިނގާއިރު ފައިނަގަންވާނީ އަބަދުވެސް، ފިޔަވަޅު ނެގޭ ދުރުމިނުގެ މެދަން ހަށިގަނޑުވާ ހެންނެވެ. މާދުރުން ފިޔަވަޅު ނަގާނަމަ ހަށިގަނޑު އޮންނާނީ ކުރިއަށް ލެނބިފައެވެ. ގިނަ ދުވަސް ވަންދެން މިހެން ހިނގާނަމަ ފައިތިލައާއި ފައިގެ އިތުރުން ބުރަކަށީގައި ރިއްސަން މެދުވެރިވެދާނެއެވެ.
- ގަދަކަމުން ހިނގަން މަސައްކަތްކުރުން
ހިނގަން ފަށާއިރު ހިނގާނީ ފަސޭހައިން ނިންމާލެވޭ، އަދި މާބޮޑަށް ވަރުބަލި ނުވާވަރަކަށެވެ. ދެން ދުރުމިން ނުވަތަ ސްޕީޑް އިތުރުކުރަމުން ގެންދާނީއެވެ. ފަށައިގަންނަ އިރު ނެތް ހިތްވަރު ދައްކައިގެން ހިނގާނަމަ އަނިޔާއެއް ވުމުގެ އިތުރުން ގަވައިދުން ހިނގުން ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެއެވެ. ހަފްތާއަކު އެއް ދުވަހު 1000 ކިލޯމީޓަރަށް ހިނގުމަށްވުރެ ހަފްތާއަކު 3 ދުވަހުން މިއަދަދު ހަމަކުރުމުން ލިބޭ ފައިދާ މާބޮޑެވެ.
- ހަށިގަނޑުން ފެންބައި މަދުވަންދެން ހުރުން
ސިއްޙީމާހިރުން އިރުޝާދު ދޭގޮތުގައި ހޫނު މޫސުމުގައި ހިނގާނަމަ ކޮންމެ 30 މިނިޓަކުން ފެންފޮދެއް ބޯލަން ވާނެއެވެ. އަދި ފިނި މޫސުމުގައި ހިނގާނަމަ ކޮންމެ ގަޑިއިރެއް ހަމަވުމުން ފެންބޯން ހަދާން ކުރަންވާނެއެވެ. ސަބަބަކީ ކަސްރަތު ކުރުމުގެ ތެރެއިން ދަލުގެ ގޮތުގައި ހަޑިގަނޑުގައި ހިމެނޭ ފެނުގެ ތެރެއިން ބޮޑުބައެއް ނެތިގެން ދާތީއެވެ. ފެނަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
- މާ އަޑުގަދަކޮށް މިއުޒިކް އަޑުއެހުން
އެކަނި ހިގަން ނިކުމެ އުޅޭއިރު ވަގުތު ދުއްވާލުމުގެ ގޮތުން މިއުޒިކް އަޑުއެހުމަކީ ވަރަށް ގިނަބަޔަކު ކުރާ ކަމެކެވެ. ނަމަވެސް ވަށައިގެންވާ މާހައުލުގައިވާ ކަންކަމަށްވެސް ކަންފަތް ދޭންވާނެއެވެ. ރަގަޅު ގޮތަކީ އެއް ކަންފަތުގައި ހެޑްސެޓް ޖަހައިގެން އަނެއް ކަންފަތް ވަށައިގެން ހިނގާ ކަންކަމަށް ހުސްކޮށްލުމެވެ. މިހެން ހެދުމުން ނުރައްކަލެއް އަޔަސް ފަސޭހައިން އެނގޭނެއެވެ. މިސާލަކަށް ހިނގާފައިދާ މަގަށް އެއްޗެއް ވެއްޓޭތަން ފެނިގެން، އެއިން ރައްކާތެރިވުމަށްވެސް މީހަކު ގޮވާލަފާނެއެވެ.
