ކާއެއްޗެހި ދަތުރުކުރާ ހޮޅިއަކީ ކާތަކެތި ބަނޑާއި ހަމައަށް ފޮނުވުމަށް އެހީތެރިވެދޭ ގުނަވަނެވެ. މިއީ ކާތަކެތި ހަޖަމްވާ ހިސާބެއް ނޫނެވެ. ނަމަވެސް ބަނޑާއި ހަމައަށް ކާތަކެތި ދިއުމުން އެތަކެތި ހަޖަމް ކުރުމަށްޓަކައި ބާރުގަދަ އެސިޑް އަދި އެންޒައިމް ހަރަކާތްތެރިވާން ފަށާނެއެވެ. މިއީ ކިތަންމެ ބާރު ގަދަ އެސިޑަކަށް ވިޔަސް އެއިން ގޮހޮރު ހަލާކުވިޔަ ނުނިދުމަށްޓަކަށް ޚާއްސަ ފަށަލައެއް ލެވިފައިވާނެއެވެ. އެހެންކަމުން ގޮހޮރުގެ އިތުރު މައްސަލައެއް ދިމާވެފައި ނެތްނަމަ މިއިން ނުރައްކަލެއް ނުވަތަ އުނދަގުލެއް ނުވާނެއެވެ. ނަމަވެސް ބައެއް ފަހަރު މި އެސިޑްތައް މައްޗަށް އަރާ ކާތަކެތި ދަތުރުކުރާ ހޮޅިއަށް ދިއުމުން އެވާ އުނދަގުލަށް މޭ އެންދުމޭ ކިޔެއެވެ. ގިނަ ފަހަރަށް މިހެންވަނީ ކުޅި ނުވަތަ ތެލުލި އެއްޗެހި ކެއުމުންނެވެ. ނަމަވެސް ކެފެއިން ގިނަ ވުމުން ނުވަތަ އެމީހެއްގެ ޖެނެޓިކްސްގެ މައްސަލައަކުން ވެސް މިހެން ދިމާވެދާނެއެވެ. މިހެން ދިމާވާ ސަބަބުން ޔަގީނަށް ނޭނގުނު ނަމަވެސް މި އުނދަގޫވާން ފެށުމުން އެކަމަށް ލުއި ހޯދުމަށް ކުރެވޭނެ ބައެއް ކަންކަމަށް މިއަދު ބަލާލާނަމެވެ. ޑޮކްޓަރީ ފަރުވާ ހޯދުމުގެ ކުރިން ގޭގައި ދެވޭނެ ގުދުރަތީ ފަރުވާއެއް އޮތްނަމަ އެކަން ކުރުން ހުރިހާ ގޮތަކުން ވެސް ބުއްދިވެރިއެވެ.
- ބޭކިން ސޮޑާ
ބޭކިން ޕައުޑަރ އާއި ބޭކިންގ ސޮޑާ ކިތަންމެ އެއް ވައްތަރު ނަމަވެސް މި ދެ އެތި އޮޅުވާނުލާށެވެ. ބޭކިން ސޮޑާއަކީ ބޭކިންގ ޕައުޑަރ އަށްވުރެ އަގުބޮޑު އަދި މުޅިން ގުދުރަތީ މާއްދާ ހިމެނޭ އެއްޗެކެވެ. ފެންތައްޓެއްގެ ތެރެއަށް އެއް ސަމުސާ ބޭކިން ސޮޑާ އެއްކޮށް ގިރާލުމަށްފަހު ބޯލާށެވެ. ބޭކިން ސޮޑާ، އެސިޑްގެ ބާރު ކަނޑުވާލުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް ސޯޑިއަމް މަދުކޮށް ކެއުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާނަމަ މިކަމުގައި ޑޮކްޓަރ އާ މަޝްވަރާ ކޮށްލަން ވާނެއެވެ. ބޭކިން ސޮޑާގައި ސޯޑިއަމް ހިމެނެއެވެ.
- އެލޯވެރާ ޖޫސް
އެލޯވެރާ ޖޫހަކީ ވަރަށް ފަސޭހައިން ފިހާރަތަކުން ލިބެން ހުންނަ ޖޫހެކެވެ. އަވިން ހަންގަނޑު ފިހުމުން ލިބޭ ގެއްލުމަށް ފަރުވާ ކުރެވޭހެން، މޭ އަންދާނަމަވެސް އެލޯވެރާ ޖޫހުން ލުއި ލިބޭނެއެވެ. އާންމުކޮށް މޭއަންދާ ނަމަ ކޮންމެ އިރަކު ކެއުމުގެ ކުރިން ބައިތަށި އެލޯވެރާ ޖޫސްބުއިމަށް އާދަކުރާށެވެ. އޭރުން ކާތަކެތި ދަތުރުކުރާ ހޮޅިއަށް އަރާމު ލިބޭނެއެވެ.
- ހަކުރު ނުހުންނަ ޗުއިންގަމް
ގިނައިން ކުޅު ދިރުވޭނަމަވެސް މޭއެންދުމުން ލުއި ލިބޭނެއެވެ. އެހެންކަމުން ގިނައިން ޗުއިންގަމް ކެއުމަކީ މިކަމަށް ލުއިވާނެ ކަމެކެވެ. ނަމަވެސް ޗުއިންގަމަކީ ވެސް ވަރަށް ގިނަ ހަކުރު ހުންނަ އެއްޗެއް ކަމުން އާންމުކޮށް ބޭނުން ކުރަން ހަކުރު ނުހުންނަ ޗުއިންގަމެއް ހޯދާށެވެ. ކެއުމުގެ ފަހުން 30 މިނިޓް ޗުއިންގަމް ހެފުމަށް އާދަކުރާށެވެ.
- އެޕަލް ސިޑަރ ވިނެގަރ
ބަނޑުގެ ވަރަށް ގިނަ ކަންކަމަށް ބޭނުންކުރާ އެޕަލް ސިޑަރ ވިނެގަރ އަކީ މޭ އެންދުމުން އަޅާ ވޭން ދުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެއެއްޗެކެވެ. އެއް ތަށި ފެނުގެ ތެރެއަށް 3 ސަމުސާ އެޕަލް ސިޑަރ ވިނެގަރ އަޅާ ގިރާލުމަށްފަހުން ކޮންމެ އިރަކު ކެއުމުގެ ކުރިން އަދި ނިދުމުގެ ކުރިން ބޯލާށެވެ. މީރެއް ނުވާނެއެވެ. ނަމަވެސް ފައިދާ ކުރާނެއެވެ.
- ދޮންކެޔޮ
މިއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ދޮންކޭލުގައި ގުދުރަތީ އެންޓިއެސިޑް ހިމެނޭނެއެވެ. ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމުން މޭ އެންދުމުގެ އުނދަގުލުން ލުއިލިބޭނެއެވެ.
- ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާ
ދުންފަތުގެ އިސްތިޢުމާލު ކުރާފަރާތެއް ނަމަ އަދި މޭ އެންދުމުގެ ވޭން ތަހައްމަލު ކުރާނަމަ އަވަހަށް އެކަން ހުއްޓާލާށެވެ. ދުންފަތުގެ ސަބަބުން މިކަން އިތުރަށް ގޯސްވާނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަމުން މިކަން ޙައްލު ކުރަން އެހެންކަމެއް ކުރި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުލިބޭނެއެވެ.
- ވައްޓަފާޅިއަށް ގެނެވޭ ބަދަލު
މަތީގައި ބަޔާން ކުރެވުނު ކަންކަމުގެ އިތުރުންވެސް ވައްޓަފާޅިއަށް ގެނެވޭ ބައެއް ބަދަލުގެ ސަބަބުން މޭއެންދުމުގެ މައްސަލައަށް ހައްލު ލިބެއެވެ. ބަރުދަން އިތުރު ނަމަ ބަރުދަން ލުއިކޮށް ގިނައިން ހެލިފެލިވެ އުޅޭށެވެ. ވަރަށް ފަސޭހައިން ތަފާތު އިހުސާސް ކުރެވޭނެއެވެ. އަދި މޭ އެންދުމުގެ މައްސަލަ ދިމާވާ ސަބަބު ހޯދާށެވެ. މިސާލަކަށް ކުޅި އެއްޗެހި ނުވަތަ ކޮފީ ގިނައިން ބުއިމުން އިތުރަށް ގޯސްވާނަމަ އެކަން ފާހަގަކޮށް އެތަކެތި ކެއިން ބުއިމުން ދުރުވާށެވެ.
