ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ.
މުޙައްމަދު ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ޠަލާލް އައްޔަންކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިހާތަނަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ މުޙައްމަދު ޠަލާލް ވަނީ އެތުލެޓިކްސް އެސޯސިއޭޝަނަށް ގިނަ ޙިދުމަތްތަކެއް ކޮށްދީފައެވެ.
އެގޮތުން، 2012 ވަނަ އަހަރުން ފެށިގެން ޠަލާލް އަންނަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މަގާމު ފުރުއްވަމުންނެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވުމުގެ ކުރީން، ޠަލާލް ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ފުރުއްވަމުން ގެންދަވާ މަގާމުން ވަކިވެ ވަޑައިގެންފައެވެ.
