އޮއިލް ސްޕިލް ޕްރިވެންޝަން އިކުއިޕްމަންޓް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަޕާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރ ޝުކުރު އަދާ ކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކުރުމާ ގުޅިގެންނެވެ.
43.3 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯއެވެ.
އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެގައުމުގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ހެނދުނު ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ވަނީ ދިވެހި ސަރުކާރާ ހަވާލުކުރައްވާފައެވެ.
