އިސްލާމް ދީނުގައި ކައިވެންޏަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއެވެ. ކައިވެނި ކުރުމަށް އަދި އުފާވެރި ކައިވެންޏެއްގެ މަތީގައި ދެމިތިބުމަށް ބާރުއަޅައެވެ. މިކަމާ ގުޅޭ ގޮތުން ކީރިތި ޤުރުޢާނުގައި އެތަކެއް އާޔަތްތަކެއް ބާވައިލައްވާފައި ވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުންވެސް މިކަމަށް ދަލީލު ކުރާ އެތައް ކަމެއް ފެންނަން އެބަހުއްޓެވެ. ރަސޫލާ ﷺ ގެ ހަޔާތްޕުޅަށް ބަލާލުމުން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ދެއްވި މަތިވެރި ދަރަޖައާއި، އެކަނބަލުންނާއި ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތް އެނގިގެންދެއެވެ. އަންހެނުން އުފަލުގައި ބެހެއްޓުމަށް، ރަސޫލާގެ ސުންނަތުން ފެންނަން ހުރި 10 ކަމެއް ކިޔާލަދޭނަމެވެ.
1. ހިތްހެޔޮކަމާއި ލޯތްބާއި އެކު އަޅާލުން. ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުންނާއި ދޭތެރޭ އަބަދުވެސް ކަންތައްތައް ކުރެއްވީ ވަރަށް ލޯތްބާއި ހިތްހެޔޮ ކަމާއި އެކުގައެވެ. ހުރިހާ އަނބިއަނބި ކަނބަލުން ހަމަހަމަ ކުރެއްވިއެވެ. އަދި އެކަނބަލުންނަށް ނުހަނު އިހްތިރާމު ކުރައްވައި މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކެވިއެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގައި އެކަނބަލުންނަކީ ކިހާ މުހިއްމު ބައެއްކަން ބަސްފުޅާއި އަމަލުފުޅުން ދެއްކެވިއެވެ.
2. ކުރާ މަސައްކަތުގެ އަގުވަޒަން ކުރުން. ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުން ކިތަންމެ ކުޑަ ކަމެއް ކުރެއްވިޔަސް އެކަމެއް ފާހަގަ ކުރައްވައި ތައުރީފުކުރެއްވިއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އަނބިންނަކީ ވަރަށް ގިނަ މަސައްކަތް ކުރާ ބައެކެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން، ދަރިންގެ ކަންކަން ބަލަހައްޓަމުން ވަޒީފާ އަދާ ކުރާ އަންހެނުން މިހާރު ވަރަށް ގިނައެވެ. އެ ކަންކަމަކީ ތައުރީފު ކުރުން ހައްޤު ކަންކަމެވެ. މި ކަންކަން ބަލައިގަނެ ބުނެލާ ކުޑަކުޑަ ބަހަކުންވެސް ކޮންމެ މީހަކުވެސް އުފާވާނެއެވެ.
3.ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުން. ކުނިކަހާ ކެއްކުމަކީ ހަމައެކަނި އަންހެނުންގެ ކަމެއް ނޫންކަން ރަސޫލާ ﷺ ގެ ސުންނަތުން ޘާބިތުވެއެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު މަސައްކަތްތައް ކުރެއްވުމަށްފަހު، ގޭތެރޭގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ބައިވެރިވެ ވަޑައިގަތެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމުކޮށް މިފެންނަނީ ގޭތެރޭގެ މަސައްކަތްތަކާއި ދަރީންގެ ކަންކަމަކީ އަންހެނުން ބަލަހައްޓަން ޖެހޭ ކަމެއްގެ ގޮތުގައެވެ.
4. އެކުގައި ނަމާދު ކުރުން އަދި އަނބިމީހާއަށްޓަކައި ދުޢާކުރުން. ކީރިތި ރަސޫލާﷺ އަނބިއަނބި ކަނބަލުންނާއި އެކު ނަމާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ. އަދި އެކަނބަލުނަށްޓަކައި ގިނަގިނައިން ދުޢާކުރެވިއެވެ. ދެމަފިރިން އެކަކު އަނެކަކަށް ނަމާދު ކުރުމަށް ބާރުއަޅަން ޖެހެއެވެ. ދެމަފިރިން އެކުގައި މާތް ﷲ ދެއްވާ ނިއުމަތްތައް ހޯދުމަށް މަސައްކަތް ކޮށް އެކުގައި ސުވަރުގޭގައި ވުމަށް އެދެންވާނެއެވެ.
5. ހަދިޔާ ދިނުން. ހަދިޔާ ދިނުމަކީ އަނެކާ ކުރާ ކަންކަން ބަލައިގަންނަކަން އަދި އަނެކާ ދެކެ ލޯބިވާކަން ދައްކުވައިދޭ ކަމެކެވެ. ދެވޭ ހަދިޔާ އަކީ ކޮންމެހެން އަގުބޮޑު އެއްޗަކަށް ވާކަށް ނުޖެހެއެވެ. ލޯބިން ކޮއްދޭ ކަންކަމަކީވެސް ދެވޭ ހަދިޔާއެކެވެ. އަނބިމީހާ އަށް މީރު އެއްޗެއް ކައްކައިދީ، އެކާއެތިކޮޅު އަތުން ލަވައިދިނުމަކީވެސް ހަދިޔާއެކެވެ. ތިބާގެ އަނބިމީހާއާއި އާއިލާއަށްޓަކައި ކުރާ ކޮންމެ ކަމަކީ، ކުރާ ކޮންމެ ހަރަދަކީ ޞަދަޤާތެއް ކަމުގައި ވެއެވެ. ކީރިތި ރަސޫލާﷺ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނަށް އެކަލޭގެފާނުގެ އަތްޕުޅުން ކާންދެއްވިއެވެ.
6. އެކުގައި ވަގުތު ހޭދަކުރުން. އެކުގައި ވަގުތު ހޭދަކުރުމަކީ އަނެކާ ދަސްކުރުމަށް އޮތް އެންމެ ފަސޭހަ ގޮތެވެ. މިކަމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ ލޯބި އިތުރުވެއެވެ. ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތަކީ މާތްﷲ ބަރަކާތް ލައްވާ ވަގުތެކެވެ. ކީރިތި ރަސޫލާﷺ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެއްވިއެވެ. އެކުގައި އެކިއެކި ކުޅިވަރުތައް ކުޅުއްވިއެވެ. އެކަނބަލުން ތިއްބެވީ ހިތްޕުޅު ހަމަޖެހިގެންތޯ ބެއްލެވިއެވެ.
7. ލޯބިން، މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުން އަދި އަމަލު ކުރުން. ކީރިތި ރަސޫލާﷺ ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ބާރަށް ވާހަކައެއް ނުދައްކަވައެވެ. ލޯބިން މަޑުމައިތިރި ކަމާއި އެކު ބަސްވިދާޅުވިއެވެ. ލޯބި ނަންނަމުން މުހާތަބު ކުރެއްވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ލޯބި އަމަލުފުޅުން ދެއްކެވިއެވެ. ގެކޮޅަށް ވަދެވަޑައިގަންނަމުން އަދި ނިކުމެވަޑައިގަންނަމުން އެކަނބަލުންގެ ނިތްކުރިފުޅަށް ބޮސްދެއްވިއެވެ.
8. އަންހެނުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުން. ތިބާގެ އަނބިމީހާ ވާހަކައެއް ދައްކަން ބޭނުންވުމުން އޭނައަށް ވަގުތުދޭށެވެ. އުފާވެރި ކަމަކަސް ހިތާމަވެރި ކަމަކަސް ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. އިތުރަށް ހިއްސާ ކުރަން ހިތްވަރުދޭށެވެ. އަނބިމީހާގެ ވާހަކަ ތައް ހިއްސާކުރަން އެންމެ ރަނގަޅުވާނީ ފިރިމީހާއާއިއެވެ. ކީރިތި ރަސޫލާﷺ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ވާހަކަ ތައް ރަނގަޅަށް އަޑުއެއްސެވިއެވެ. އެކަނބަލުންނަކީ މުހިއްމު ބައެއްކަން އިހުސާސް ކުރުވިއެވެ.
9. މާފުކުރުން. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ކުރެވުނު ކުށުގެ ބާވަތާއި ކުށުގެ މިންގަނޑަށް ބަލައި މާފުކުރަންވާނެއެވެ. ހިތްހަމަނުޖެހޭ ކަމެއް ކުރެވިއްޖެނަމަ ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމައިތިރި ކަމާއި އެކު ދެމީހުން ވާހަކަދައްކައިގެން އެކަމެއް ހައްލު ކުރަންވާނެއެވެ. އަދި ވިސްނައިދޭންވާނެއެވެ. ކީރިތި ރަސޫލާﷺ ގެ އަނބިއަނބި ކަނބަލަކަށް މީހުންތެރޭގައި އެކަލޭގެފާނު ހިތްޕުޅުހަމަނުޖެހޭ ކަމެއް ކުރެއްވިއްޖެނަމަ އެކަމެއް ނުފެންނަކަމަށް ހެއްދެވިއެވެ. އަދި އެކަހެރިވެލެއްވުމަށްފަހު ވިސްނަވައިދެއްވިއެވެ.
10. ރައްކާތެރިކަން ދިނުން. ކައިވެންޏަށް ފަހު އަނބިމީހާ އަކީ ފިރިމީހާގެ ޒިންމާއެކެވެ. އަނބިމީހާއަށް ރައްކާތެރިކަން ހޯދައިދޭންޖެހެއެވެ. އަނބިމީހާއަށް އޭނާއަށް ރައްކާތެރިކަން ލިބޭކަމުގެ އިހުސާސް ކުރެވެންވާނެއެވެ. ނުރައްކަލެއް ކުރިމަތިވާއިރު އައްޑަނައެއް ފަދައިން އޭނަ ރައްކާތެރި ކުރަން މަސައްކަތް ކުރަންވާނެއެވެ.
ޝައްކެއްނެތް ގޮތުގައި ކީރިތި ރަސޫލާﷺ ގެ ސުންނަތުން ޘާބިތުވާ ކޮންމެ ކަމެއް ކުރުމަކީ ޘަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. މިދެންނެވި ކަންކަން ކުރާނަމަ މާތް ﷲ އިރާދަކުރެއްވިއްޔާ ކޮއްމެ ކައިވެންޏެއްވެސް އުފާވެރި ވާނެއެވެ.
