މައިމީހާ އާއި އޭނާގެ ދަރިންނާ ދެމެދު އުފެދިފައިވަނީ ޤުދުރަތީ ފުރިހަމަ ގުޅުމެކެވެ. ހާއްސަކޮށް މައިމީހާގެ ބަނޑާ އެވެ. މިއީ އެ ގުޅުމެއްގެ ފުންމިން ނޭނގޭފަދަ ފުން އަދި ގާތްކަން އިހުސާސް ނުކުރެވޭފަދަ ގާތް ގުޅުމެކެވެ. އިންސާނާ ގަރުބަގަނެ އުފެދި ބޮޑުވަމުން އަންނަނީ އޭނާގެ މައިމީހާގެ ބަނޑުގެ ތެރޭގައި އޮވެގެންނެވެ. އިންސާނާއަށް ފުރާނަ އެޅުވެނީ އެ ބަނޑުގެ ތެރޭގައި އޮއްވައެވެ.
އާދޭހެވެ! އިންސާނާއަށް އެއްމެ ފުރަތަމަ ރައްކާތެރިކަމަކާއި ހިމާޔަތެއްް އަދި އަޅާލުމެއް ލިބުނު ތަނަކީ އެ މައިމީހާގެ ބަނޑެވެ. މި ލިޔުމުގައި މި ބަލާލަނީ އަހަރެމެން އިންސާނުންގެ ދިރިއުޅުމުގައި، ހާއްސަކޮށް ދިވެހިންގެ ދިރިއުޅުމުގައި ބައެއް މީހުން، ކަމެއްވާއިރަށް މައިމީހާގެ ބަނޑަށް ގޮވާ ގޮވުމަށެވެ. އާދެ! "އަމާ ބަނޑު" މި އިބާރާތަށެވެ. ބަހުގެ ދަރަޖަ ތަކުން މަންމަ އަށް ނުވަތަ މައިމީހާއަށް "އަމާ" ކިޔުމަކީ ގިނަ ދިވެހިން އެހާ ރުހޭ ކަމެއް ކަމުގައި ނުވެއެވެ. ނަމަވެސް މިއީ ބައެއް މީހުން އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހަމަ މައިމީހާއަށް ނިސްބަތްކޮށް އާދަވެ ބޭނުން ކުރާވެސް ބަހެކެވެ. އިންސާނާއަށް ކުއްލި ސިހުމެއް ގެނުވާ ކުއްލި ކަމެއް ދިމާވާ ހިނދު، "އަމާ ބަނޑު" މިހެން ކިޔާ ގޮވާތީ އިވެއެވެ. އަޑު އަހަން ހުންނަ މީހާއަށް އަދި އެ ބަސް ބުނާ މީހާއަށްވެސް، މިކަމުގައި ލަދުވެތި އިހުސާސްތަކެއް، ކުރުވައެވެ. ނަމަވެސް އެއީ އެހެން ބުނެވޭތާ އިރުކޮޅެއް ފަހުންނެވެ. ސަބަބަކީ އެއްކަލަ ބަހުގެ ދަރަޖައާއި މެދު އެމީހަކު ވިސްނާލާ ހިސާބުންނެވެ.
ގިނަ ފަހަރަށް މި އިބާރާތް ބޭނުން ކުރެވެނީ އިހްތިޔާރުން ބޭރުގައެވެ. ބުއްދިވެރި އިންސާނެއްގެ ބުއްދި މި އިބާރާތާއި މެދު ވިސްނާލުމުން، ބޭއިހްތިޔާރުގައި މި އިބާރާތް ނުބުނެވޭންވީ ސަބަބެއް ނެތެވެ. އެހެނީ އެ އިންސާނާ އާއި އޭނާގެ މައިމީހާގެ ބަނޑާއި ވާނީ ގުޅި ފަލަސްވެފައެވެ. އެ އިންސާނާގެ އެންމެ ފުރަތަމަ ގޮވައްޗަކީ އެއީއެވެ. އެ އިންސާނާއަށް އެންމެ ފުރަތަމަ ކާނާކޮޅެއް ދިން ބަނޑަކީ އެއީ އެވެ. އެ އިންސާނާއަށް އެންމެ ފުރަތަމަ ހިމާޔަތާއި ރައްކާތެރިކަމާ އަޅާލުމާ ލޯތްބާ ދިން ތަނަކީ އެ މައިމީހާގެ ބަނޑެވެ. މައި މީހާގެ ބަނޑުގެ ތެރޭގައި އިންސާނާ އޮންނަ އިރު، އެ އިންސާނާގެ ފޫޅާ މައިމީހާގެ ހަށިގަނޑާ ވާނީ ސީދާ ގުޅުމަކުން ގުޅިފައެވެ. މިއީ ޖިސްމާނީ ގުޅުން އެކަނިތާއެވެ.
އިންސާނާގެ ފުރާނަ އެޅޭ ހިސާބުން އެ އިންސާނާއަށް އިހުސާސް ކުރެވެން ފަށާނެއެވެ. ބަނޑު ތެރޭގައި އޮވެމެ ހަރަކާތް ކުރާނެއެވެ. ގިސްލާ ހީލާ ހަދާނެއެވެ. އެ ހަނދާންތައް ސިކުނޑީގައި ރައްކާ ކުރާނެއެވެ. އެހެނަސް އެއީ އާދައިގެ ހަނދާނެއް ނޫނެވެ. އެއީ "އަންކޮންޝިއަސް މެމޮރީސް" އޭ ކިޔުނު ހަނދާން ތަކެކެވެ. މިއީ އާދަވެ އިންސާނާއަށް ހަނދާންވާނޭ ކަންކަމެއް ނޫނެވެ.
މާބަނޑު ދުވަސްވަރު އެ އިންސާނާ އެ ބަނޑުގައި އުފުލި ގޮތާއި، އެ ބަނޑުގައި އެޅިހާ ވޭނެއް އެ އިންސާނާއަށްޓަަކައި ފަހުރުވެރި ވެއެވެ. އެކަން ނުސީދާ ގޮތަކުން ނަމަވެސް އެ އިންސާނާ ދަންނާނެއެވެ. އެ ބަނޑަށް، އެ މައިމީހާއަށް އިންސާނާ އިހްތިރާމް ކުރާ ހުށީ އޭނާގެ ފުރާނައިންނެވެ.
ދުނިޔެއަށް އިންސާނާ އުފަންވެ ނޭވާލުމަށްފަހު، އެ އިންސާނާގެ ތަންމައްޗަކީ އެ މައިމީހާގެ އުނގެވެ. އެ މައިމީހާގެ ބަނޑު މައްޗެވެ. އެ ބަނޑުގެ ހޫނުކަމަކީ އިންސާނާގެ ތުއްތު އިރުގެ އަރާމެވެ.
އާދޭހެވެ! މި ހުރިހާ ކަމެއް މި ނިޒާމުން ތަރުތީބުވެ ތަމްސީލުވާ ކަމީ އިންސާނާއާއި އޭނާގެ މައިމީހާގެ ބަނޑާއި އޮތް ގުޅުން ހާމަވާ ކަމެކެވެ. ވީއިރު ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނާނަމަ، އިންސާނާއަށް ދިމާވާ ކުއްލި ސިހުންތަކުގެ ސަބަބުން އެ އިންސާނާއަށް ބޭއިހްތިޔާރުގައި އެ އިންސާނާގެ މައިމީހާގެ ބަނޑަށް ގޮވުމަކީ މައްސަލައެއް ހުރި ކަމެއް ކަމުގައި ދެކެވޭކަށް ނެތެވެ. އެ އިންސާނާއެ ގޮވާލަނީ އެ އިންސާނާއަށް އެންމެ ފުރަތަމަ ހިމާޔަތާއި ރައްކާތެރިކަމާއި ލޯތްބާ އަޅާލުމާ ހަމްދަރުދީވި ތަނަށެވެ. ސިހުން ގެނުވި މި ކުއްލި ހާލަތުގައި އެ އެދެނީ އެ ހިމާޔަތާއި ރައްކާތެރިކަމާއި އެ އަޅާލުމާ ކުލުނާއި ހަމްދަރުދީއަށެވެ. އެހެންކަމުން ދިމާވާ ކުއްލި ސިހުންތަކުގައި "އަމާ ބަނޑޭ" ބޭ އިހްތިޔާރުގައި ކިޔުމަކީ އިންސާނީ ޠަބީއަތާ ގުޅުންހުރި ކަމެއް ކަމުގައި ބުނެވިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން