އިންސާނާގެ ހަށިގަނޑުގެ 70 އިންސައްތައަކީ ފެނެވެ. ފެނާ ނުލާ އެއްވެސް އިންސާނަކަށް ދިރިއެއް ނުހުރެވޭނެއެވެ. ސިއްޙަތު ރަގަޅަށް ބަހައްޓަން ބޭނުންނަމަ ކޮންމެ ދުވަހަކު 2 ލީޓަރު ނުވަތަ 8 ތަށިފެން ބޯން ޖެހެއެވެ. ހަމައެގޮތަށް ބަރުދަން ލުއިކުރަން މަސައްކަތްކުރި ނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބޯންވާނެއެވެ. ފެނަކީ އޭގައި އެއްވެސް ކެލޮރީ އެއް ހިމެނޭ އެއްޗެއްނޫނެވެ. ސަރުބީ ވިރުވުމަށް އެހީތެރިވުމުގެ އިތުރުން ފެންބުއިމުން ކާހިތްވުން ކުޑަވެ، ކާއިރުވެސް އަވަހަށް ބަނޑު ފުރެހޭން އިހުސާސް ކުރެވޭނެއެވެ. ކާ އަދަދު މަދުވުމަކީ އޭގެ ޒާތުގައިވެސް ބަރުދަން ލުއިވުމަށް ވެވޭ އެހީއެކެވެ. ތާފަނާ ފެނުގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބޭ ކަމަށް ބުނެވެއެވެ. ނަމަވެސް މިކަން ހަގީގަތުގައި ހިނގަނީ ކިހިނެތް ހެއްޔެވެ؟

ފިނިފެނަކީ އެބުއިމުން ހަށިގަނޑަށް ވަގުތުން އަރާމު ލިއްބައިދޭ އެއްޗެކެވެ. އަމްދުން ހޫނުގަދަ ވަގުތެއްގައި ނަމަ މުޅި ހަށިގަނޑު ތާޒާކޮށް ހަކަތަ އިތުރުކޮށްދޭނެއެވެ. ފިނިފެން ބުއިމުން ހަށިގަނޑުގެ ފިނިހޫނުމިނަށް އެ ފެން ބަދަލުކުރުމަށް ހަށިގަނޑުން އިތުރު ކެލޮރީ އަންދާނެއެވެ. ނަމަވެސް ފިނިފެން ބުއިމުގެ ސަބަބުން ލިބޭ ބައެއް ގެއްލުންވެސް ހުރެއެވެ. ފިނިފެނުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ނާރުތައް ފިއްތާލާނެއެވެ. މީގެ ސަބަބުން ކާތަކެތިން ލިބޭ ފައިދާހުރި މާއްދާތައް ލެއަށް ވާޞިލްވުމުގައި ދަތިކަން ކުރިމަތިވެއެވެ. ކާގަޑިތަކުގައި ފިނިފެން ބުއިމުން ދުރުހެލިވުން އެދެވިގެންވެއެވެ. ސަބަބަކީ ކާތަކެތި ހަޖަމް ކުރަމުން ފިނިފެނުގެ ފިނިހޫނުމިން ހަށިގަނޑުގެ ފިނިހޫނުމިނަށް ގެނައުން އެއީ ހަޖަމްގެ ނިޒާމަށް ތަކުލީފަކަށް ވެދާނެއެވެ.

ފިނިފެން ބުއިމުން ކަރުގައި ރިއްސަން މެދުވެރިވެދާނެއެވެ. ސަބަބަކީ ފިނިފެން ބުއިމުން ހަށިގަނޑުން އިތުރަށް ޒަވަ އުފެއްދުމެވެ. ފަސޭހައިން ރޯގާޖެހި ކަރުތެރޭގައި އެއްވެސް މައްސަލައެއް ހުންނަ ނަމަ ފިނިފެނާ ދުރުހެލިވުން ރަގަޅެވެ.

ތާފަނާފެނަކީ ސިއްޙީގޮތުން ފައިދާ ގިނަ ފެނެކެވެ. ކެއުމުގެ ކުރިން ތާފަނާ ފެން ބޯނަމަ ކާތަކެތި ހަޖަމްކުރަން ފަސޭހަވާނެއެވެ. ހެނދުނު ހޭލައިގެން ނާސްތާގެ ކުރިއަށް ތާނަފާ ފެންތައްޓެއް ބޯނަމަ ހަށިގަނޑުގައި ހުންނަ ވިހަ ބޭރުވުމަށް އެހީތެރިކަން ލިބޭނެއެވެ.

ބުނެވޭ ގޮތުގައި ތާފަނާ ފެނުގެ ސަބަބުން މީހާގެ މޫޑް ބަދަލުވުމަށް ވެސް މަގުފަހިވެއެވެ. ދިރާސާއަކުން ދެއްކި ގޮތުގައި ތާފަނާ ފެން ބޯ މީހުން ފަސޭހައިން އެހެން މީހުނާ ރަޙުމަތްތެރިކަން އުފައްދައެވެ.

ބަނޑުހަރުވެ ފާހާނާއަށް ދިއުމުގައި އުނދަގޫ ތަޙައްމަލު ކުރަމުންދާ ފަރާތްތަކުން ހެނދުނު ހޭލައިގެން ތާފަނާ ފެންތައްޓެއް ބޯނަމަ ފަސޭހައިން ފާހާނާއަށް ދެވޭނެއެވެ.

އެހެންކަމުން ފިނިފެނަށްވުރެ ތާފަނާފެނުން ސިއްޙަތަށް ގިނަ ފައިދާތައް ލިބެއެވެ. ނަމަވެސް ބަރުދަން ލުއިކުރަންބޭނުންވާ ފަރާތްތަކުން ވިސްނަންވީ ކަމަކީ އެކަމަށް މުހިންމީ ފެނުގެ ފިނިހޫނުމިނަށްވުރެ، ގިނައިން ފެން ބުއިންކަމެވެ. ގިނައިން ފެންބޯށެވެ. ނަމަވެސް ވަކި ފެނެއް ބޮއިގެން އަވަހަށް ބަރުދަން ލުއިކުރެވޭކަން ޔަގީނަށް އެނގޭކަން ނެތެވެ. ބަރުދަން ލުއިކުރުމަށް އެއްވަގުތަކު ވަރަށް ގިނަ ކަންކަން ކުރަންވާނެއެވެ. ހަމަ އެކަނި ފެންތައްޓެއް ބޯލައިގެން އެކަން ކުރެވޭނެ ގޮތެއްނެތެވެ. ސިއްޙަތަށް ފައިދާހުރި މިންހަމަ ކެއުމެއް ކާންޖެހެއެވެ. ގަވާއިދުން ލުއި ނަމަވެސް ކަސްރަތެއް ކުރަން ޖެހެއެވެ. ލުއި ކާނާ އާއި ފޮނިތަކެތި މަދުކޮށް ގިނައިން މޭވާ އާއި ތަރުކާރީ ކާން ޖެހެއެވެ. މޭވާ އާއި ތަރުކާރީގެ ތެރޭގައި ބަރުދަން ލުއިކުރުމަށް އިތުރަށް އެހީތެރިވެދޭ ތަކެތި ހިމެނެއެވެ. އެފަދަ މޭވާއާއި ތަރުކާރީގެ އިތުރުން ވައްޓަފާޅިއަށް ގެންނަންވާ ބަދަލުތައް، މިޕޭޖްގެ އެހެން ބައެއް ލިޔުންތަކުން ފެންނަން ހުންނާނެއެވެ.