ބާގީ 4 ގައި ޓައިގަރ ޝްރޮފް އާއެކު ބަތަލާއެއްގެ ގޮތުގައި ފެންނާނީ މުޅިން އާ އަންހެން ތަރިއެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބާގީ 4 ގެ ޑައިރެކްޓަރު އަހުމަދު ޚާން އާ ޙަވާލާދީ އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ މިފަހަރުގެ ވިސްނުމަކީ މުޅިން އާ ތަރިއެއް  ހޯދުމަށް ކަމަށެވެ.

އެހެން ނަމަވެސް އާ ބަތަލާއެއް ހޯދުމުގެ މަސައްކަތް ފެށިކަމެއް ނުވަތަ ހޯދައިފި ކަމެއް ހާމައެއް ނުކުރެ އެވެ.

ބާގީ ގެ ހުރިހާ ފިލްމެއްގައި ފިރިހެން ލީޑްރޯލުން ޓައިގަރ ޝްރޮފް ފެނިފައިވާ އިރު، އަންހެން ލީޑްރޯލުން ފެނިގެން ގޮސްފައިވާ ތަރިންގެ ތެރޭގައި ޝްރައްދާ ކަޕޫރު އަދި ދިޝާ ޕަޓާނީ ހިމެނެ އެވެ.

ބާގީ 4 ގެ އިންތިޒާރުގައި ތިބި ގިނަ މީހުން ކުރިން ހީކޮށްގެން ތިބީ 4 ވަނަ ފިލްމުގައިވެސް ފެންނާނީ އެތަނުން ތަރިއެއް ކަމަށެވެ.

ނަމަވެސް ޑައިރެކްޓަރުގެ މި ވާހަކަތަކުން މިހާރުމިވަނީ އިތުރަށް ނޭވާ ހިފަހައްޓާލަން ޖެހިފަ އެވެ.

ބާގީ ގެ ހުރިހާ ފިލްމުތަކެއްވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އިރު، ކޯވިޑް-19 ގެ ލޮކްޑައުން ތެރޭގައި އިންޓަރނެޓްގައި ރިލީޒް ކުރަން ޖެހުނު ބާގީ 3 އަށްވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.