16 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފިއެވެ.
ޓަލޮންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ދެވަނަ ބުރުގައި ރޭ ކުޅުނު ފަހު މެޗުގައި 70-64 އިން ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށްގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ވެސް ޓަލޮންސް އެވެ.
މާލޭ ޔޫތު ސެންޓަރުގައި ހުންނަ އިންޑޯ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ދެ ޓީމުން ވެސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، ފުރަތަމަ ކުއާޓާ ނިމުނުއިރު ޓަލޮންސް ލީޑްކުރަމުންދިޔައީ 14-13 އިންނެވެ. ދެން ޖެހިގެންއައި ކުއާޓާގައި ދެ ޓީމު 13-13 އިން އެއްވަރުވިއިރު، ދެ ކުއާޓާ ނިމިގެންދިޔައިރު ޓަލޮންސް ލީޑްކުރަމުންދިޔައީ 27-26 އިންނެވެ.
ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް ތިންވަނަ ކުއާޓާގައި ރޯޔަލްސް ވަރުގަދަކޮށް ފެނުނުއިރު، އެ ޓީމުން މި ކުއާޓާގައި 23-17 އިން ލީޑްކޮށް، ތިން ކުއާޓާ އަށް ފަހު އޮތީ 49-44 އިން ކުރީގަ އެވެ.
![](https://theeru.s3.ap-south-1.amazonaws.com/tinymce/QGxy6CtmgMvmzC4pkX6sS.jpg)
އޭގެފަހުން، ދެން ކުޅެވުނު މި މެޗުގެ ފަހު ކުއާޓާގައި ޓަލޮންސް އިން ވަނީ ބޮޑު ލީޑަކާއެކު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ. މި ކުއާޓާގައި ޓަލޮންސް އިން 26 ޕޮއިންޓް ހޯދިއިރު، ރޯޔަލްސް އަށް ލިބުނު އެންމެ 15 ޕޮއިންޓެވެ.
މި މެޗުގައި ޓަލޮންސް އިން އެންމެ މޮޅަށް ކުޅުނީ 21 ޕޮއިންޓާއެކު، 11 ރީބައުންޑްނަގައި ތިން އެސިސްޓް ހެދި އައިކް އަހުމަދު މައުރޫފް އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު މުޙައްމަދު ނާފް އިރުޝާމް 14 ޕޮއިންޓާއެކު 11 ރީބައުންޑް ނެގިއިރު، އަލީ އަމްޝަލް ހުސްނީ 13 ޕޮއިންޓާއެކު ފަސް ރީބައުންޑް ނެގިއެވެ.
ރޯޔަލްސް އިން އެންމެ މޮޅަށް ކުޅުނު އަލްދަން އައިކް ރަމީޒް ވަނީ 21 ޕޮއިންޓާއެކު ހަ ރީބައުންޑް ނަގައި، ދެ އެސިސްޓް ހަދައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު އައިދާން އަހުމަދު އެވެ. އޭނާ ވަނީ 12 ޕޮއިންޓާއެކު ހަ ރީބައުންޑްނަގައި، ދެ އެސިސްޓް ހަދައިފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން