އާފަލަކީ ސިއްޙަށް އެންމެ ފައިދާހުރި އެއް މޭވާއެވެ. ދުވާލަކު އާފަލެއް ކާނަމަ ޑޮކްޓަރާއި (ބަލިތަކާއި) ދުރުގައި ހުރެވޭނެކަމަށް ބުނަނީ އޭގައި ހިމެނޭ ފައިދާގެ ގިނަކަމުންނެވެ. އާފަލަކީ ޖޫސްހެދުމަށާއި ޕޭސްޓްރީ ހެދުމަށާއި، ސެލެޑްގެ އިތުރުން ދިވެހިންގެ މެދުގައި މަޖާހެދުމަށްވެސް ވަރަށް ގިނައިން ބޭނުން ކުރެވޭ މޭވާއެކެވެ. ޕޮލިފެނަލްސް އަދި އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ މި މޭވާ ކެއުން އެދެވިގެންވަނީ ތޮއްޓާއި އެކުގައެވެ. ވިޓަމިން-ސީ އާއި ފައިބަރ ގިނަ އަދަދަކަށް އެކުލެވޭ މި މޭވާގައި ކެލޮރީ ހިމެނޭވަރު މަދުވުމުން މިއީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ގަޔާވާ މޭވާއެކެވެ.

ނަމަވެސް އާފަލުގައި ވަރަށް ނުރައްކާތެރި އެއްކަމެއްވެއެވެ. އާފަލުގެ އޮށުގައި އަމިގްޑަލިން ކިޔާ ކެމިކަލް އެއް ހިމެނެއެވެ. މިއިން ސައިނައިޑް ބޭރުކުރާނެއެވެ. ސައިނައިޑަކީ ވަރަށް ބާރުގަދަ ވިހައެކެވެ. ނުހަފާ ރީތިކޮށް އޮންނަ އޮށެއް ހަޖަމްކުރާ ނިޒާމްގެ ތެރެއިން އެއްވެސް ގެއްލުމެއް ނުލިބި ހިނގައިދާނެއެވެ. ނަމަވެސް އޮށް ހެފިއްޖެނަމަ އެއިން ބޭރުވާ ވިހަ ގޮހޮރުގެ ތެރެއަށް ދާނެއެވެ. އޮށެއް ނޫނީ ދެއޮށް ކެވިގެން ކަމެއްނުވެ ހިނގައިދާނެއެވެ. ނަމަވެސް އެއަށްވުރެ ގިނައިން ކެވިއްޖެނަމަ ވަގުތުން ސިއްޙީއެހީތެރިއެއްގެ ގާތަށް ދާންވާނެއެވެ. ކާނާގެ ސައިންސާއި ބެހޭ ކޮންސަލްޓަންޓެއް ކަމަށްވާ ޖޯން ފްރައި ހާމަ ކުރި ގޮތުގައި، ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް އެއް މިލިގްރާމްގެ ސައިނައިޑް ކެވިއްޖެނަމަ އެމީހެއްގެ ފުރާނައަށް ނުރައްކާވާނެއެވެ. އެއް ކިލޯ އާފަލުއޮށުގައި 700 މިލިގްރާމް ސައިނައިޑް ހިމެނެއެވެ. އެހެންކަމުން 100 ގްރާމްހުންނަ ވަރުގެ އާފަލުއޮށުގައި ހިމެނޭ ސައިނައިޑުން 70 ކިލޯ ހުންނަ މީހަކު މަރުވާ ވަރަށް ވިހަ ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 143 އޮށެވެ. އާފަލެއްގައި އާންމުކޮށް 8 އޮށް އިންނާނެއެވެ. އެހެންކަމުން އޮށާއިއެކުގައި 18 އާފަލު ކެވޭއިރަށް ބޮޑުމީހެއްގެ ފުރާނައަށް ނުރައްކާ ވާވަރަށް ވިހަ އެތެރެވާނެއެވެ.

އެހެންކަމުން ކުޑަކުދިން އަތަށް އާފަލު ދޭ ނަމަ ވަރަށް ސަމާލުވާންވާނެއެވެ. އޮށް އެއްލާލަން ބުނި ނަމަވެސް ކުޑަކުދިން އެހެން އެކަން ނުކޮށްފާނެއެވެ. އެންމެ ބުއްދިވެރީ ރީތިކޮށް ފަޅާލުމަށްފަހު އޮށްނަގާފައި ކުޑަކުދިން އަތަށް ދިނުމެވެ.

އާފަލުއޮށުގައި ހިމެނޭ ސައިނައިޑް ބޭނުންކޮށްގެން ކުށްކުރާކަން ބައެއް ފިލްމުތަކުންވެސް ފެންނާނެއެވެ. 2015 ވަނަ އަހަރު އިންޑިޔާގެ އަންހެނަކު ވަނީ އޭނާގެ ލޯބިވެރިޔާއާއި އެކު އޭނާގެ ފިރިމީހާ މަރާލާފައެވެ. 3 އަހަރުފަހުން އޮސްޓްރޭލިޔާގެ ކޯޓަކުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، އެ ފިރިހެން މީހާއަށް ދީފައިވާ އޮރެންޖް ޖޫހުގައި ސައިނައިޑް ހުރިކަމަށް ތަހުގީގަށް ސާބިތު ވިކަމަށް ފާހަގަކޮށްފައެވެ. އަދި މިއީ އާފަލުގެ އޮށް ޗިސްކޮށްގެން އޮރެންޖް ޖޫހަށް އަޅައިގެން ހިންގާފައިވާ އަމަލެއްކަން ވަނީ ސާބިތުވެފައެވެ.

ނަމަވެސް އަޅުގަނޑުމެނަށް މިކަން އެހާ ސީރިއަސްކޮށް ނުނެގެއެވެ. ބޮޑު މީހަކު 18 އާފަލުގައިގެން މަރުވުމުގެ ފުރުސަތު އޮންނަ އިރު ބަރުދަން ލުއި ތުއްތުކުދިންނަށް މިނުރައްކާ އޮތް މިންވަރު ވިސްނާލާށެވެ. ކުޑަ ކުއްޖެއްގެ އަތަށް އެއްކޮށް އޮތް އާފަލެއް ދިނުމުގެ ކުރިން މިކަމަށް ސަމާލުކަން ދޭށެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ޕޯސްޓްމޯޓަން ހެދުމަކީ އާންމުކަމަކަށް ނުވުމުން މިފަދަ ކަމަކުން މީހަކު ނުވަތަ ކުއްޖަކު ދުނިޔެ ދޫކުރިއަސް މަރުގެ ސަބަބު ހޯދަންވެސް ދަތިތައް ހުންނާނެއެވެ. އެހެންކަމުން ބުއްދިވެރީ ފަރުވާތެރިކަން އިސްކުރުމެވެ.