މިއީ ޓައިމްސް އޮފް އިންޑިޔާގައި ޝާއިޢުކޮށްފައިވާ ސަކްސަސް ސްޓޯރީއެކެވެ. އަޅުގަނޑުމެންގެ ކިޔުންތެރިންގެ ހިތްވަރުއާލާކޮށް، ފިޓްނަސްގެ ރޫހުއިތުރުކޮށްލުމަށް ހިއްސާކޮށްލާނަމެވެ. 34 އަހަރުގެ ޝްރިޔާގެ ބަރުދަން 65 އާ ހަމައަށް ފޯރާ، ބީ.އެމް.އައި (ބޮޑީ މާސް އިންޑެކްސް) 29 އަށް އެރުމުން މިކަމާމެދު ވިސްނުމަށް ޝްރިޔާއަށް މަޖުބޫރުވިއެވެ. އޭނާގެ ރީތިހެދުންތައް ބާރުވެ ބަރުހެލިކަން އިހުސާސްކުރެވެން ފެށުމުން މިކަމުގެ ޙައްލެއް ހޯދަން ޝްރިޔާ ވިސްނަންފެށިއެވެ.

ނަމަވެސް ބަރުދަން ލުއިކުރުމަށްޓަކައި ޖިމަށްގޮސް ވަރުދަގަ ކަސްރަތުކޮށްގެން ދާ އޮހޮރުވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި ކެއުމަށް ބަދަލުގެނެސްގެން އެކަން ޙާޞިލްވޭތޯބެލުމަށް ޝްރިޔާ މަސައްކަތްފެށިއެވެ. އެގޮތުން ހެދުނުގެ ނާސްތާއަށް މަސާލާ އޯޓްސް، ސީރިއަލް، ގޮދަން، ބަރލީ އަދި ސަންފްލާވަރ އޮށް ފަދަ ކޮންމެވެސް އެއްޗެއް ކާންފެށިއެވެ. ކޮންމެ އެއްޗެއް ތައްޔާރުކުރުމުގައިވެސް ވީވަރަކުން ތެޔޮ އަދި ހަކުރު މަދުކުރަމުން ދިޔައެވެ.

މެންދުރުގެ ކެއުމަށް، ސަނާމުގު ފެނުއަޅާފައި ބަހައްޓައިގެން މަޑުކޮށް އަދި ކެއްކުމަށްފަހު އޭގެ ސެލެޑް، ލެޓިއުސް، ކިއުކަމްބަރ،އާޓާފުށުގެ ރޮށި، ގިތެޔޮ އަޅައިގެން ކައްކާފައިހުންނަ ތަރުކާރީ ރިހަ ފަދަ ތަކެތި ކަމުން ދިޔައެވެ. އަދި ޖޫސްހެދުމަށް، ކަރާ، ކެރެޓް އަދި ބީޓްރޫޓް ބޭނުން ކުރިއެވެ.

ރޭގަނޑުގެ ކެއުމަށް ޓޮމާޓޯ އާއި މުގު އަޅައިގެން ކައްކާ ސޫޕް، ތަރުކާރީ ބިރިޔާނީ، ފެހިކަންގަދަ ތަރުކާރީގެ ބާވާތްތައް ބޭނުންކުރިއެވެ.

ކަސްރަތެއްގެ ގޮތުގައި ކުރި ހަމަ އެކަނި ކަމަކީ ކޮންމެ ދުވަހަކު 30 މިނިޓް ހިނގާލުމެވެ. ހިނގަން ދިއުމުގެ ކުރިން އަދި ކޮންމެ ދުވަހަކު ނިދާ ހޭލައިގެން ފެންބުއިމަށް ޝްރިޔާ އާދަކުރިއެވެ. ހިނގަން ދަނީ ހެނދުނުއެވެ. ނާސްތާކުރަނީ ހިނގަން ގޮސްފައި އައިސް 30 މިނިޓް ވުމުންނެވެ.

ބަރުދަން ލުއިކުރަން މަސައްކަތްކުރި ދުވަސްވަރު ބޭރުންވެސް ކައިހަދައެވެ. ނަމަވެސް މިހެން ކާއިރުވެސް ތެޔޮމަދު ތަކެތި އިޚްތިޔާރުކުރިއެވެ. މީގެ އިތުރުންވެސް މަސްބަނަސް ނުވަތަ ޕާނީޕޫރީ ފަދަ ތަކެތި މަދުމަދުން ކައެވެ. މިފަދަ ތަކެއްޗަށް ހިތްކިއުމަކީ ވަރަށް އާންމު ކަމެކެވެ.

ބަރުދަން ލުއިކުރަން މަސައްކަތްކުރާ ނަމަ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ދަސްކުރަން ޖެހޭ ކަމަކީ ތިމާގެ ހަށިގަނޑެވެ. ހަށިގަނޑު ހުންނަ ގޮތުން ބޭނުންވާ ކަސްރަތާއި ޑައިޓްގައި ހިމަނަންވާ ކާނާ ތަފާތުވެގެން ދެއެވެ. މިމަރުޙަލާގެ ތެރޭގައި ޝްރިޔާ ދަސްކުރި ބައެއް މުހިންމު ކަންކަމުގެ ތެރޭގައި، ކިތަންމެ މީރުއެއްޗެއް ނަމަވެސް "ބަނޑު ފުރުމުން" ހުއްޓާލާން ޖެހޭކަން އޭނާފާހަގަކުރިއެވެ. ނޭވާނުލެވޭ ވަރަށް ކެއުމަކީ ހެދޭ ގޯހެކެވެ. މިންހަމަ ކެއުމެއް ކެއުމަށް އިސްކަން ދޭންވާނެއެވެ. ޕްރޮޓީން، ފައިބަރ، ވިޓަމިން އަދި ފެޓްގެ އިތުރުން ކާބޯހައިޑްރޭޓްސް އަކީ ވެސް މުހިންމު އެއްޗެކެވެ. ކާ ގަޑިތަކަށްވުރެ ކާ މިންވަރު ކޮންޓްރޯލްކުރާށެވެ. ރޭގަނޑުގެ ކެއުން ލުއިކޮށް އަވަހަށް ކާންވާނެއެވެ. ސަބަބަކީ މެޓަބޮލިޒަމް އެންމެ ލަހުން މަސައްކަތްކުރާނީ ރޭގަނޑުއެވެ.

ޑައިޓެއް ކުރާނަމަވެސް އެންމެ މަދުވެގެން 1 މަސް އެޑައިޓެއްގައި ހިފަހައްޓަން ވާނެއެވެ. ހަފްތާއެއްވާ އިރަށް ނަތީޖާނުފެނި މާޔޫސްވެގެން ހުއްޓާނުލާށެވެ. ކިތަންމެ ލުއި ކަސްރަތެއް ކުރިނަމަވެސް އެކަން ގަވާއިދުން ކުރަންވާނެއެވެ. ޝްރިޔާ ހިނގަން ދިޔައީ 30 މިނިޓަށެވެ. ނަމަވެސް ހަމަކޮންމެ ދުވަހަކު ގަވާއިދުން ހިނގަންދިޔައެވެ. އެންމެ ދުވަހެއްވެސް ވައްޓާނުލައެވެ.

ބަރުދަން ލުއިކުރަން ޝްރިޔާ ފެށި މަސައްކަތާއި އެކު ހުދު ހަކުރު ބޭނުން ކުރުން އެއްކޮށް ހުއްޓާލިއެވެ. އަދި ކެމިކަލް އެކުލެވޭހެން ތައްޔާރުކުރެވިފައިވާ ތެލާއި ލޮނު ބޭނުންކުރުންވެސް ހަމަ އެއްކޮށް ހުއްޓާލިއެވެ. މީގެ ބަދަލުގައި އޯޓްސް، އިސްބަގުލް، ފްލެކްސް ސީޑް، ސަންފްލާވަރ ސީޑް، ޗިއާ ސީޑް، ކަރާއޮށް، ބަރަބޯއޮށް ކޮންމެ ދުވަހެއްގެ ޑައިޓްގައި ހިމެނިއެވެ. އަދި ކަޅުސައިގެ ބަދަލުގައި ގްރީންޓީ އަދި އެކްސްޓްރާ ވާރޖިން އޮލިވްއޮއިލް އަދި ކެމިކަލް ނުހިމަނާ ތައްޔާރުކުރެވިފައިވާ ހިމަލިޔާގެ ޕިންކް ސޯލްޓް ބޭނުންކުރިއެވެ. މިފަދަ ކަންކަމަށް ބަލައިގެން އުޅުމުން 4 މަސްތެރޭގައި 15 ކިލޯ ޝްރިޔާގެ ބަރުދަނުން 15 ކިލޯ ލުއިވެގެން ދިޔައެވެ.

ވަކިކަމަކަށް އެދިގެން އަޒުމް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ﷲ ކާމިޔާބު ދެއްވާނެއެވެ. އަޅުގަނޑުމެންގެ ސިއްޙަތަކީ އަޅުގަނޑުމެނަށް ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އެހެންކަމުން ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރަން ޖެހޭ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންވާނެއެވެ.