ހަކުރަކީ ވެސް އިންސާނުންގެ ހެދިބޮޑުވުމާއި ހެލިފެލިވެ އުޅުމަށް މުހިންމު އެއްޗެކެވެ. ކޮންމެވެސް މިންވަރަކަށް ހަކުރު ބޭނުންކުރަން ޖެހެއެވެ. ނަމަވެސް ސިއްޙީ ބައެއް މައްސަލަތަކާއި ގުޅިގެން އަދި ބަރުދަން ލުއިކުރަން ބޭނުންވުމުން އެންމެ ފުރަތަމަ ބާކީކޮށްލަންޖެހޭ އެއްޗަކަށްވަނީ ސައި ނުވަތަ ކޮފީތައްޓަށް އަޅައިގެން ބޭނުން ކުރެވޭ ހަކުރު ސަމުސަލެވެ. މި ކުޑަކުޑަ ހަކުރު ސަމުސާ އެއްލާލައިގެން ނޫނީ ބަރުދަން ލުއިކުރަން އުނދަގޫވެއެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ބަރުދަން ލުއިކުރުމަށް އަދި ކުރިން ހުރި ބައްޓަން ގެއްލުމުގައި މި ހަކުރު ސަމުސާ ކުޅޭ ދައުރަށެވެ.

ޒަމާނުއްސުރެ އާންމުކޮށް މީހެއްގެ ދުވަހެއްގެ ކެއިން ބުއިމުގެ ތެރެއިން އެއް ސަމުސާ ހަކުރު ބޭނުން ކުރެވޭނެއެވެ. އެއީ މާބޮޑު މައްސަލައަކަށް ނުވެސް ވެއެވެ. ސުޕަރމާކެޓަކަށް ވަދެއްޖެނަމަ އެތަނުގައި ހުންނަ ގިނަ އެއްޗެހީގައި ހަކުރު ހިމެނޭކަން ބޭރުގައި އޮންނަ ލޭބަލް ކިޔާލުމުން އެނގެއެވެ. ސްޕެގެޓީ ސޯސް އަދި ކްރެކަރސްފަދަ ފޮނިރަހަ ނުލާ އެއްޗެހީގައިވެސް ހަކުރު ހިމެނެއެވެ. ނަމަވެސް ހަކުރުގެ ސަބަބުން ބަރުދަން އިތުރުވުމުގެ އިތުރުން ތަފާތު އެހެން ސިއްޙީ މައްސަލަތައް ކުރިމަތިވާކަން މިއީ މިހާރު ވަރަށް އާންމު ވާހަކައެކެވެ.

ހަކުރަކީ ކުޑަ މިންވަރެއްގައި ވަރަށް ގިނަ އަދަދަކަށް ކެލޮރީ ހިމެނޭ އެއްޗެކެވެ. އެހެންކަމުން ގިނަ މީހުނަށް ދުވާލަކަށް ކެލޮރީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކެލޮރީ ބޭނުން ކުރެވުމުގެ ސަބަބަކަށް ހަކުރުވެއެވެ. ދުވާލަކު މީހަކަށް ހަކަތަ ބޭނުންވާ ވަރަށްވުރެ އިތުރަށް އެތެރެވާ ކެލޮރީއަކީ ސަރުބީގެ ގޮތުގައި ހަމުގެ ދަށުގައި ރައްކާކުރެވޭ އެއްޗެކެވެ. މަޑުމަޑުން ބަރުދަން އިތުރުވަމުންދަނީ މިހެން ރައްކާކުރެވޭ ސަރުބީގެ ސަބަބުންނެވެ.

މިސާލަކަށް އެއް ޕައުންޑް ( 2.2 ކިލޯ) ސަރުބީއަކީ 3500 ކެލޮރީ ކަމަށްވާ ނަމަ، ފިރިހެނަކު ދުވާލަކު 180 ކެލޮރީ އަދި އަންހެނަކު 230 ކެލޮރީ އިތުރަށް ބޭނުންކުރާނަމަ، އަހަރެއްގެ ތެރޭގައި ފިރިހެނެއްގެ ބަރުދަނަށް 19 ޕައުންޑް (8.6 ކިލޯ) އަދި އަންހެނެއްގެ ބަރުދަނަށް 24 ޕައުންޑް (10.7 ކިލޯ) އިތުރު ވާނެއެވެ. މިހިސާބު ހެދުމުގައި ބަލާފައި ވަނީ ކޮފީއާއި ސަޔަށް އަންހެނުން ހަކުރު އަޅާވަރު އިތުރުކަމަށް ދިރާސާތަކުން ދައްކާފައިވުމުންނެވެ. މޭޒުމަތީ ސަމުސަލެއްގެ އެއް ސަމުސާ ހަކުރުގައި 60 ކެލޮރީ ހުންނަ ކަމަށް ވެއެވެ. އެހެންކަމުން ސައި ނުވަތަ ކޮފީތައްޓަށް އަޅާ ހަކުރުކޮޅު މަދުކޮށްލުމުންވެސް ބަރުދަނަށް އެނގުންވާނެއެވެ.

ކެއުމުގެ ތެރެއިން ކެލޮރީ އިތުރުވާ ވަރަކަށް އެކިއެކި ހަރަކާތްތަކުން އެއަދަދު ކޮންމެ ދުވަހަކު އަންދާލަން ވާނެއެވެ. ކޮންމެ ދުވަހަކު ކަސްރަތެއް ކުރުން މުހިންމުވަނީ މި ސަބަބާހެދިއެވެ. ކާންވާނީ ހަށިގަނޑަށް ހަކަތަ ބޭނުންވާ ވަރަށެވެ.

ސީދާ ހަކުރު ބޭނުން ނުކުރިނަމަވެސް މޭވާގެ ޒަރީއާއިން ވެސް ހަކުރު ލިބޭނެއެވެ. މިސާލަކަށް އޮރެންޖްގައި 17 ގްރާމް ހަކުރު، 1 ޖޯޑު މޭބިސްކަދުރުގައި 15 ގްރާމް ހަކުރު، އާފަލެއްގައި 19 ގްރާމް ހަކުރު އަދި ދޮންކެޔޮވަކެއްގައި 12 ގްރާމް ހަކުރު ހިމެނެއެވެ. އެހެންކަމުން ސަޔާއި ކޮފީއަށް އަޅާ ހަކުރު މަދުކޮށްލިނަމަވެސް މޭވާގެ ޒަރީއާއިން ހަށިގަނޑަށް ބޭނުންވާ ހަކުރުގެ މިންވަރު ލިބޭނެއެވެ.

ހަކުރު އަޅައިގެން ޖޫސް އަދި ސައި ކޮފީ ފަދަ ތަކެތި ބޯ މީހުން އެއްފަހަރުން ހަކުރު ހުއްޓާލައިފިނަމަ އެކަމުގައި ސާބިތުވެ ހުރުން އުނަދަގޫ ވާނެއެވެ. މަޑުމަޑުން މަދު ކުރާށެވެ. ދެ ސަމުސާ އަޅާ ނަމަ އެއް ސަމުސަލަށް ބަދަލުކުރާށެވެ. އެއް ސަމުސާ އަޅާ ނަމަ ބައި ސަމުސަލަށް ބަދަލުކުރާށެވެ. ނަތީޖާ ފެންނާނެއެވެ. ހަފްތާއަކުން ނޫނީ މަހަކުން ފާހަގަ ނުކުރެވިދާނެއެވެ. ނަމަވެސް އެދެވޭ ބަދަލު ފެންނާނެއެވެ.

ސަމާލުކަން ދޭންވީ ކަމަކީ ދުވާލުގެ ހަރަކާތްތައް ހުރި ވަރަކާ ހެލިފެލިވާން ޖެހޭ ވަރު ދަނެގެން އެވަރަށް ކެލޮރީ ހުންނަ ކާއެއްޗެހި ކެއުމަށެވެ. މިހާރުވެސް ބަރުދަން އިތުރުނަމަ ކަސްރަތުކޮށްގެން ނުވަތަ ދުވާލަކަށް ކެލޮރީ ބޭނުންވާ ވަރަށް ވުރެ ކެވޭ އަދަދު މަދުކޮށްލާށެވެ. މިސާލަކަށް ދުވާލަކަށް 2000 ކެލޮރީ ބޭނުންވާ މީހަކު 1500 ކެލޮރީގެ ޑައިޓަކަށް ބަދަލުކޮށް ލުމުން ކޮންމެ ދުވަހަކު 500 ކެލޮރީ އަންދާނީ އެއްކަލަ ރައްކާކޮށްފައިވާ ބައިންނެވެ. 1 ޕައުޑަކީ 3500 ކެލޮރީ ކަމަށް ބަލާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބު ހަދާށެވެ. ދުވާލަކަށް 500 ކެލޮރީ ނުއެންދޭ ނަމަ އެކަށީގެންވާ އަދަދެއް ކަނޑައަޅާ އެކަމުގައި ކުރިއަށް ދާށެވެ.