އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންނަށް ހިންގާ ޕޯޓްސް ސެކިޔުރިޓީ ކޯހުގެ ފައިނަލް އެކްސަސައިޒް މިއަދު ބާއްވައިފިއެވެ.
މާލޭ ކޮމާޝަލް ހާބަރުގައި މިއަދު މި އެކްސަސައިޒް ކުރިއަށް ދިޔައިރު، އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މުޙައްމަދު ވަޖީހު ވަނީ އެކްސަސައިޒް އޮބްޒާވް ކުރެއްވުމުގެ އިތުރުން މި އެކްސަސައިޒްގެ ބްރީފިންގ ސެޝަންގައި ވެސް ބައިވެރިވެލައްވާފައެވެ.
އެމްއެންޑީއެފްގެ ފަރާތުން މި އެކްސަސައިޒްގައި އެންމެ އިސްކޮށް ހުންނެވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުއެވެ.
ނޮވެންބަރު 5 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕޯޓް ސެކިޔުރިޓީ ކޯހަކީ، ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ހިންގާ ކޯހެކެވެ.
