ބޮލީވުޑްގެ އެންމެ ލޯބި އެއް ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކެއިފްގެ ކައިވެނީގެ ދެވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އެ ދެމަފިރިންނަށް ފޭނުންގެ ފަރާތުން ތަހުނިޔާތައް ސޯޝަލް މީޑިއާގައި ދަނީ އޮހެމުންނެވެ. މި ޚާއްސަ މުނާސަބަތުގައި ވިކީ އާއި ކެޓްރީނާ އެކަކު އަނެކަކަށް އެނިވަރސަރީ ވިޝްކޮށް ޕޯސްޓެއް ކުރާނެ ކަމުގެ އިންތިޒާރުގައި ސަޕޯޓަރުން ތިއްބާ ސޭމް ބަހާދުރުގެ އެކްޓަރ ވިކީ ވަނީ ކައިވެނީގެ އަހަރީ ދުވަހު އޭނާގެ އަންހެނުން ކެޓްރީނާއަށް ތަހުނިޔާ ކިޔާ ލޯބި ޕޯސްޓެއް ހިއްސާކޮށްފައެވެ.

 ވިކީ ކޯއުޝަލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކެޓްރީނާ ކެއިފްގެ ތަފާތު ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ފްލައިޓެއްގައި ވިކީ އޭނާގެ ކައިރީގައި އިށީނދެގެން އިންތަން ފެންނައިރު، ކެޓްރީނާ ފެންނަނީ ކުރިމަތީގައި ސްކްރީނުން ފިލްމެއް ބަލަން ހުއްޓާ ގޫފީ ގޮތަކަށް އޭނާގެ އެކްޝަން މޫވްސް ދައްކާތަނެވެ. ވިކީ ފެންނަނީ އޭނާގެ އަންހެނުންގެ މަޖާ ކުޅިވަރުތަކުން ފުދޭވަރަކަށް މުނިފޫހިފިލާފައިވާ ފަދަ ގޮތަކަށެވެ. 

މި ލޯބި ވީޑިއޯ ޝެއާ ކުރަމުން އޭނާ ލިޔެފައި ވަނީ އޭނާ ކެޓްރީނާ ދެކެ އިންތިހާ އަށް ލޯބި ވާކަމަށާއި އޭނާގެ ދިރިއުޅުމުގައި އަބަދުވެސް ކެޓްރީނާގެ ސަބަބުން އުފާވެރިކަން ލިބޭކަމަށެވެ.