މުސްލިމް ފިރިހެނާގެ ތުނބުޅިއަކީ ގަދަވެގެންވާ ސުންނަތެވެ. އެއީ އިންސާނާ ކަށްވަޅަށްދާއިރު އޭނާ އާއި އެކުގައި ފެންނަން ހުންނަ ހަމަ އެކަނި ހެޔޮ ޢަމަލެވެ. އިސްލާމްދީނުގައި ކަމަކަށް ގަދައަޅާ އަމުރުކޮށްފައިވާ ކޮންމެ ކަމެއްގެ ފަހަތުގައި އެތައް ގިނަ ފައިދާތަކެއް ވެއެވެ. ތުނބުޅި ބެހެއްޓުމުން ލިބޭ ގިނަގުނަ ދަރުމައިގެ އިތުރުން ސިއްޙީއެތައް ފައިދާއެއްވެއެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ފައިދާއަށެވެ.
- އިރުގެ އަލިން ހަންގަނޑު ހަލާކުވުމުން ރައްކާތެރިވުން
ފިރިހެނުންނަކީ އަންހެނުންނާއި ޚިލާފަށް ގިނަ ވަގުތު އަވީގައި އުޅޭބައެކެވެ. އަދި މިހެން އުޅޭ އުޅުމުގައި ސަން ލޯޝަނެއް ބޭނުންކުރަން ކޮންމެ ފަހަރަކު ނޫޅެވެއެވެ. ނަމަވެސް ތުނބުޅި ހުންނަ ނަމަ މޫނުގެ ހަމަށް އިރުގެ ގަދަ އަވިން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ. އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހަންގަނޑު ރޫޖެހި އަވަހަށް މުސްކުޅިވާ ކަމަށް ދެއްކުމުގެ އިތުރުން މިއީ ހަމުގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ.
- ފިނިމޫސުމުގައި ހަށިގަނޑު ފިނިކޮށްދިނުން
ރާއްޖެއަށް ފިނިމޫސުން ނައި ނަމަވެސް ވަރަށް ގިނަ ދިވެހިން އެކި ބޭނުންތަކުގައި ފިނިގައުމުތަކަށް ދަތުރުކުރެއެވެ. މިހެން ގޮސް އުޅޭއިރުވެސް ތުނބުޅި ހުންނަ ނަމަ ޖެހޭ ފިނިވައިން ރައްކާތެރިވެ ހަށިގަނޑުގެ ފިނިހޫނުމިން މާބޮޑަށް ދަށްވިޔަނުދީ ހިފަހައްޓާނެއެވެ.
- ކަރުގެ ބަލިތަކުން ރައްކާތެރިކަން ލިބުން
ވައިގެތެރޭގައި ދައުރުވާ އެކިއެކި ޖަރާސީމު އަނގައިގެ ތެރެއަށް ވަނުމަށް ތުނބުޅި ހުރަސް އަޅައެވެ. ނޭފަތުގެ ހިނދުރީގައި ފަޅާ އިސްތައްޓާއި ތުނބުޅިއަކީ، ގުދުރަތުގެ ތެރެއިން، ފުއްޕާމެއާއި ކަރުތެރެއަށް ޖަރާސީމު ފޯރުމުގެ ފުރުސަތު ކުޑަކުރުމަށް ލެވިފައިވާ ފަށަލަތަކެކެވެ.
- ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހުނަށް ރައްކާތެރިކަން
ތުނބުޅީގެ ސަބަބުން ކަރުގެ ބަލިތަކުން ރައްކާތެރިކަން ލިބޭ ފަދައިން ނޭވާހިއްލުން ފަދަ ބަލިތައް ހުންނަ މީހުނަށްވެސް ތުނބުޅީގެ ސަބަބުން ލުއި ލިބޭނެއެވެ. ފުއްޕާމެއަށް ވައި ދިއުމުގެ ކުރިން އިތުރު އެއް ފަށަލައިން އެވައިތައް ފުރާނާލުމުން ވައިގެ ތެރޭގައި ހުންނަ ލޮލަށް ނުފެންނަވަރުގެ ކުދި ޕާރޓިކަލް ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުން މަދުކޮށްދެއެވެ.
- ބެކްޓީރިޔާއިން ޖެހޭ އިންފެކްޝަން މަދުކުރުން
ބެކްޓީރިޔާގެ ސަބަބުން ހަމަށްޖެހޭ އިންފެކްޝަންތަކާއި އެކްނޭ ފަދަ މައްސަލަތައް ތުނބުޅީގެ ސަބަބުން ކުޑަކޮށްދެއެވެ. ގުދުރަތީގޮތުން ހަމުގައި ބެކްޓިރިޔާ ހުންނާނެއެވެ. އަދި ތުނބުޅި ބާލާނަމަ ހަމުގައި ހަލާކުވާ ތަންތަނަށް މި އިންފެކްޝަން ވަދެ ހަންގަނޑު ހަލާކުވާން މެދުވެރިވާނެއެވެ.
މީގެ އިތުރުންވެސް ތުނބުޅީގެ ސަބަބުން ފިރިހެނުންގެ ފިރިހެންވަންތަކަން އިތުރުވެގެންދާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
