މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވުމުން އެ ކުރިމަތިވާ ހިތާމައާ "ޑީލް" ކުރާނެ ގޮތް، މަޝްހޫރު ބޮލީވުޑް އެކްޓްރެސް އަނަންޔާ ޕާންޑޭ ކިޔައިދީފިއެވެ.
ބްރޭކަޕް ވުމުން އަމަލުކުރާނެ ގޮތާ ބެހޭގޮތުން އަނަންޔާ ނަސޭހަތް ދީފައިވަނީ، އޭނާގެ ކުރިއަށް އޮތް ފިލްމު "ކޯ ގަޔޭ ހަމް ކަހާ" ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
އެގޮތުން 25 އަހަރުގެ ބަތަލާ ބުނީ، މާ އަވަހަށް އެހެން މީހަކު ހޯދައިގެން "މޫވް އޯން" ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، ބްރޭކަޕް އާ ރަނގަޅަށް ކުރިމަތިލުމަށެވެ. އެއީ ވަގުތު ނަގާނެ ކަމެއް ކަން ވެސް އަނަންޔާ ހަނދާން ކޮށްދިނެވެ.
"އައިސްކްރީމް ބޯންވާނެ"، ބްރޭކަޕް އިން އަރައިގަތުމަށް ކުރަންވީ އިތުރު ކަމެއް އަނަންޔާ ކިޔައިދިނެވެ.
އަނަންޔާގެ އިތުރުން، އެ ފިލްމުގެ ބަތަލުގެ ބައި ކުޅޭ ސިދާންތު ޗަތުރުވޭދީ ވެސް ވަނީ، އެކަމާ ބެހޭގޮތުން އޭނާގެ ލަފާ ހިއްސާކޮށްފައެވެ. "ލަވަ އަޑު އަހާ. އަހަރެންގެ ހިތަށް އަޅާލީ އަރްޖިތު ސިންގް". ސިދާންތު ބުނީ އަރްޖިތު ސިންގުގެ ލަވަތަކަކީ ބްރޭކަޕެއްގައި އުޅޭއިރު އަޑުއަހަން އެންމެ ހިތަށް ފަސޭހަ ލަވަތައް ކަމަށެވެ.
ތިން ރަހުމަތްތެރިންގެ މައްޗަށް ބިނާކޮށްފައިވާ ފިލްމު "ކޯ ގަޔޭ ހަމް ކަހާ" ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
