އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓް އަތުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ. މި މެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ.

މިއީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި މޮޅުވީ އެންމެ ފުރަތަމަ މެޗުގައި މިދިޔަ ސެޕްޓެންބަރު މަހު މާލޭގައި ބަޝުންދަރާ ކިންގްސް އަތުން 3-1 އިންނެވެ. ދެން އެއަށްފަހު މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ. 

މި ނަތީޖާއާއެކު މާޒިޔާ އެންމެ ފުލުގައި އޮތީ ހަ މެޗުން ހޯދީ ހަ ޕޮއިންޓާއެކު އެވެ. އެންމެ ކުރީގައި އުޅޭ ބަޝުންދަރާ އަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޑިއާގެ އޮޑިޝާ އެފްސީ އެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތީ މާޒިޔާ އަތުން ބަލިވި މޯހަން ބަގާން އެވެ. އެ ޓީމަށް ހަ މެޗުން ލިބުނީ ހަތް ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 40 ވަނަ މިނެޓުގައި މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ އެ ޓީމުގެ ފުލްބެކް، ހުސެއިން ޝިފާއު (ކުރޯ) ދިން ބޯޅައަކުން ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ހަންނަ ކާމިޔާބުކުރި ރީތި ގޯލެކެވެ. 

މާޒިޔާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް (ކ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭއެފްސީ.ކޮމް

އޭގެކުރީން، މެޗު ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި މާޒިޔާގެ އިބްރާހިމް އައިސަމް ދިން ޕާހަކުން އަލީ ފާސިރު ފޮނުވާލި ބޯޅަ މޯހަން ބަގާންގެ ކީޕަރު، އާޝް އަންވަރު ޝައިހް ވަނީ ހުއްޓުވައިފައެވެ.

ފުރަތަމަ ހާފުގައި މޯހަން ބަގާން އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ 28 ވަނަ މިނެޓުގައި ޓައިސަން ސިންގ ދިން ޕާހަކަށް ގޯލްގެ ކުރިމަތީގައި ހުހަަށްހުރި ލަލްރިންލިއަނާ ނަމްޓޭ މަސައްކަތްކުރި ނަމަވެސް އެ ބޯޅަ ލިބޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މޯހަން ބަގާން އިން ވަނީ އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ޓައިސަން ސިންގ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އެ ބޯޅަ ހުރަސްދަނޑީގައި ޖެހިފަ، ޕެނަލްޓީއޭރިޔާ ތެރޭގައި ފެނު ޖެހުނު ވަގުތު މާޒިޔާ ކީޕަރު، ހުސެއިން ޝަރީފް ވަނީ ސަލާމަތްކޮށްފައެވެ.

އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި މޯހަން ބަގާންގެ ނިންގޮމްބަމް ސިންގ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މާޒިޔާގެ ކީޕަރު، ހުސެއިން އެވެ. އަދި އޭގެފަހުން، މާޒިޔާގެ ފުލްބެކް، ޝިފާއު (ކުރޯ) ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ހަމްޒާ މުޙައްމަދު (ހަމްޕު) ހަނި އޭންގަލަކުން ފޮނުވާލި ބޯޅަ މޯހަން ބަގާންގެ ކީޕަރު، ޝައިހް ވަނީ ހުއްޓުވައިފައެވެ.

މާޒިޔާގެ ހުސެއިން ނިހާން (ކ) ކައިރިން މޯހަން ބަގާންގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްސީ.ކޮމް

މާޒޔާގެ ލީޑް ފުޅާކޮށްދޭން ހަމްޕުގެ އިތުރުން ހަސަން ނަޒީމް (ޗޯޓް) އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއްނުހިފުނެވެ. މޯހަން ބަގާންގެ ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމަށްފަހު ހަމްޕު ފޮނުވާލި ބޯޅަ އެ ޓީމުގެ ކީޕަރު، ޝައިހްގެ އަތުގައި ޖެހިފަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒިުވިއިރު، ރޭގަން އޮބެންގް ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލިނަމަވެސް، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. 

ފަހު ހާފުގައި ކުޅެން ނިކުތް މާޒިޔާގެ ނަޒީމް (ޗޯޓް) އަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ތެރެއިން މޯހަން ބަގާންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލަން މަސައްކަތްކުރުމުން ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވުމުން ދެވަނަ ފަހަރަށް ބައިސިކަލް ކިކަކުން ފޮނުވާލި ބޯޅަ މޯހަން ބަގާންގެ ކީޕަރު، ޝައިހް ވަނީ މަތަކޮށްފައެވެ.

މި ގްރޫޕުގެ ފަހު މެޗުގައި މިރޭ އިންޑިއާގައި އޮޑިޝާއާ ބަޝުންދަރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެ މެޗުން މޮޅުވާ ޓިމަކަށް ގްރޫޕް ޑީ ގެ އެއްވަނަ މަގާމު ލިބޭނެ އެވެ.