މެދުކަނޑާލައިފައި އޮތް މާލެ ސިޓީގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަލުން ފަށައިފައިވާއިރު، މިހާރު ކުރެވެމުންދަނީ ފުޑްކޯޓް ފަޅީގައި ނަރުދަމާ ހޮޅިއެޅުމާއި ފެން ހޮޅިއެޅުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އަދި ދިވެހިރާއްޖޭގެ އަޑު އިމާރާތް ހުންނަ ފަޅީގައި ފެން ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސްޓޯރމް ވޯޓަރ ހޮޅި ޕަމްޕް ސްޓޭޝަން ގުޅާލުމުގެ މަސައްކަތް މިއަދު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން އިއްޔެ ކުރިއަށްދިޔައީ ގޭބިސީތަކާއި ގުޅާލެވޭ ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތާއި ފެންހޮޅިތައް އެޅުމުގެ މަސައްކަތުގެ އިތުރުން ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތެވެ.
އަމީނީމަގު ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ކުރުމަށް އަމީނީމަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭ ސަރަހައްދު. #TeamRDC pic.twitter.com/zKrXpBLYYE
— Road Development Corporation Ltd (@rdcmaldives) December 7, 2023
އެންމެ ފަހުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މެދު ކަނޑާލައިފައި އޮތުމަށްފަހު އެ މަސައްކަތް އަލުން ފަށާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެގޮތުން، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނުނިމިވާ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ކުރުމަށް އަމީނީމަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތައް މިހާރު ވަނީ އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
މިއީ 84.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
