ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އެވެ.

މިކަމަށްޓަކައި ބޭއްވި ރައްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ، ވަކީން ޚާއްޞަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން މި އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑައިލުމަށްފަހު ޙައްޖާއި ޢުމްރާވުމުގެ ފުރުޞަތު ސަޢޫދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސުލްޖުމްހޫރިއްޔާ އެ ކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ވަކީން ޚާއްޞަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ފޯރަމްތަކުގައި އެ ޤައުމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ސަޢޫދީ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.