ބޮކްސް އޮފީހުގައި ރިކޯޑުތައް މުގުރަމުންދާ ކާމިޔާބު ބޮލީވުޑް ފިލްމު "އެނިމަލް" ގައި ރުއީ އަސްލަށް ކަމަށް، އޭގެ މުހިންމު ރޯލެއް ކުޅުނު އެކްޓަރު ބޮބީ ޑިއޯލް ބުނެފިއެވެ.

1990 ގެ އަހަރުތަކުގައި ވަރުގަދައަށް ވިދާލި ތަރި، ބޮބީގެ އެނބުރިއައުންގެ ގޮތުގައި ފާހަގަކުރާ މި ފިލްމާ ބެހޭގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އެ ފިލްމުގައި އޭނާ ކުޅުނު އަބްރާރްގެ ކެރެކްޓާގެ ބޭބެ މަރުވެގެން ރޯން ޖެހުމުން އޭނާ ރުއީ ހަމަ އަސްލަށް ކަމަށެވެ. އަދި އެ މަންަޒަރު ވީހާވެސް ބޮޑަށް ހަގީގަތާ އެއްވައްތަރު ކުރަން ވެގެން އޭނާ ކުރި ކަމަކީ، އޭނާގެ ހަގީގީ އެއްބަނޑު އެއްބަފާ ބޭބެ ސަނީ ޑިއޯލް މަރުވެގެން އުޅޭކަމަށް ސިކުނޑިއަށް ވިސްނައިދިނުން ކަމަށެވެ. 

ބޮބީ ބުނީ އެގޮތަށް ވިސްނުމުން ވަރަށް ފަސޭހައިން ރޮވުނު ކަމަށެވެ. އަދި އެންމެ ޝޮޓަކުން އެ މަންޒަރު ނެގުނު ކަމަށާއި، އެކަމާހުރެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތައުރީފު ލިބުނު ކަމަށެވެ. 

""އަހަރެމެން އެކްޓަރުންނަކީ ބައެއް ސީންތަކުގަ ހަގީގީ ދިރިއުޅުމުގަ ވާ ކަންކަން ބޭނުންކޮށްގެން އިމޯޝަން ގެންނަ ބައެއް. އަހަރެންގެ ބޭބެއަކީ އަހަރެންގެ ދުނިޔެ. އެހެންވެ އޭނަ މަރުވީ ކަމަށް ވިސްނައިގެން އެ ސީން ކުޅެން ފަސޭހަވީ"، ބޮބީ ކިޔައިދިނެވެ.

 ސަނީ އަކީ ވެސް ބޮބީ އެކޭ އެއްފަދައިން އެކްޓަރެކެވެ. މި ދެބެއިންނަކީ ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރަގެ ދެ ދަރިންނެވެ. 

ޑިސެމްބަރު 1 ގައި ރިލީޒް ކުރި "އެނިމަލް" ގެ މައިގަނޑު އެކްޓަރުންނަކީ ބޮބީގެ އިތުރުން ރަންބީރު ކަޕޫރާއި، އަނިލް ކަޕޫރާއި، ރަޝްމިކާ މަންދަނާ އަދި ޓްރިޕްތީ ޑިމިޓްރީ އެވެ. މި އެންމެންގެ ތެރެއިންވެސް ބެލުންތެރިންގެ ތައުރީފު އެންމެ ގަދަޔަށް ލިބެމުންދަނީ ބޮބީ އަށެވެ.