ފިޔައަކީ ކާއެއްޗެހީގެ ރަހަ ގެންނަން ބޭނުންކުރާ އެންމެ އާންމު ބާވަތެވެ. ފިޔާ ނުލާ ތައްޔާރުކުރެވޭ ކުޅި އެއްޗެހި ވަރަށް މަދުވާނެއެވެ. މި ދުވަސްވަރުގެ ފިޔާގެ ބަހުސްގެ އަޑު ގަދަވެފައި ވަނީ، އެ ލިބުން ދަތިވެގެންނެވެ. އެހެންނަމަވެސް، މި ލިޔުމުގައި ގެނެސްދޭން މިއުޅެނީ ފިޔާ ލިބުން ދަތިވެގެން އުޅޭ ވާހަކައެއް ނޫނެވެ. ރޯ ފިޔާއިން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ވާހަކައެވެ.

ފިޔާ އާންމު ގޮތެއްގައި ކައި އުޅެނީ އެކި އެއްޗިއްސަށް އަޅައި ކައްކައިގެން ކަމުގައި ވިޔަސް، އެއީ ހުހާ ވެސް ކެވޭ އެއްޗެކެވެ. އަދި ފިޔާ ނުކައްކައި އޭގެ ޒާތުގައި ކެއުމުން، އޭގެން ލިބޭ ފައިދާތައް އިތުރުވެގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން، ބަތް ފަދަ އެއްޗެހި ކާއިރު، ރޯ ފިޔާ ކެއުމަކީ ރަނގަޅު ކަމެކެވެ.

ތިރީގައި މި ހިއްސާކޮށްލަނީ، ރޯ ފިޔައިން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

  1. ރޯ ފިޔައަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެއްޗެކެވެ. އެހެންކަމުން ދާއިމީ ބަލިތައް ޖެހުމުން ދުރުކޮށްދޭނެއެވެ.
  2. ފިޔާގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ތަފާތު އިންފެކްޝަންތަކާއި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
  3. ފިޔާގައި ހިމެނޭ އެލިސިން ނަމަކަށް ކިޔާ މާއްދާގެ ސަބަބުން، ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެއެވެ.
  4. ފިޔާގެ އެންޓި-ފްލެމޭޓަރީ ސިފަތަކުގެ ސަބަބުން (ޙާއްސަކޮށް ކުއަރސެޓިން)، ގައިގެ ތަންތަން ރަތްވުމާއި، ދުޅަވުމާއި އަދި ދިލަނެގުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
  5. ފިޔާ އަކީ ހަޖަމުގެ ނިޒާމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ފިޔާގެ ސަބަބުން ބަނޑުގައި ހުންނަން ޖެހޭ ރަނގަޅު ބެކްޓީރިއާ އުފެދޭލެއް ގިނަވެ، ބަނޑުހަރުވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. ކާއެއްޗެހި ރަނގަޅަށް ހަޖަމުވުމުގެ ނަތީޖާއެއްގެ ގޮތުން، ބޮޑުކަމުދިޔުން ފަސޭހަކޮށްދެއެވެ.
  6. ހަކުރުބަލި ހުންނަން ފަރާތްތަކަށް ވެސް ފިޔައަކީ ރަނގަޅު އެއްޗެކެވެ. އެއީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭތީއެވެ. 
  7. ކެންސަރުގެ ނުރައްކާ ކުޑަކޮށްދެއެވެ. ޙާއްސަކޮށް ކޮލޯން އަދި ބަނޑުގެ ކެންސަރު ފާހަގަކުރެވެއެވެ.
  8. ހަށިގަނޑު ޑީޓޮކްސިފައި ކޮށްދިނުމަށް ފިޔާގެ ދައުރު ބޮޑެވެ. އެގޮތުން ފުރަމޭގައި ހުންނަ ޖަރާސީމުތައް ނައްތާލައި، ތަފާތު ޓޮކްސިންތައް ބޭރުކުރުމަށް ފިޔާ އެހީވެދެއެވެ. 
  9. ފިޔާގައި ކެލްސިއަމް އާއި ފޮސްފަރަސް ފަދަ މިނެރަލްތައް ހިމެނެއެވެ. މީގެ ސަބަބުން ކަށިތައް ވަރުގަދަވެއެވެ. 
  10. އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީގެ ސަބަބުން ހަންގަނޑު އުޖާލާކޮށްދީ، ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ.